މުސްލިމުންނަކީ ދުވާލު ދެއިރަށް ޛިކުރުތައް ކިޔައި އިސްތިޣްފާރުކުރާ ބައެކެވެ. އަދި ދުވާލަކު 70 ނުވަތަ 100 ފަހަރު އިސްތިޣްފާރުކުރަންޖެހޭ ބައެކެވެ. އިސްތިޣްފާރުކުރުން މިހައި ގިނަކުރަންޖެހެނީ އެކަމުގެ ސަބަބުން ލިބޭނެ ފައިދާތައް ބޮޑެތިވެފައި ގިނަކަމުންނެވެ.
ރަސޫލް (ﷺ) މީސްތަކުންގެ ތެރޭގައި ހުންނަވަނިކޮންނާއި އެބައިމީހުން އިސްތިޣްފާރުކުރަން ތިބޭ ހާލުގައި އެބައި މީހުންގެ މައްޗަށް ކޯފާ ބާވައި ނުލައްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަހީކުރައްވަވައިފައެވެ.
"އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ." (އަލްއަންފާލް: 33)
ވީމާ މުޞީބާތް ކުރިމަތިވެއްޖެ ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެ ކޮންމެ ޙާލަތެއްގައިވެސް އިސްތިޣްފާރުކުރުން ވީހައި ގިނަކުރާށެވެ! ﷲ ތަޢާލާ އެކަމަކުން އަހަރެމެންނަށް ރައްކައުތެރިކަން މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ
ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ މުޞީބާތުން ސަލާމަތްވުން ވަނީ ހަމައެކަނި ދިގު ދުޢާތައް ކުރުމުން ކަމަށެވެ. އެހެންވެ ދިގު ދުޢާތައް ހޯދަން ގިނަ ބައަކު މަސައްކަތްކުރެއެވެ. ނަމަވެސް އެއީ އެހެންއޮތް ކަމެއް ނޫނެވެ!
ދުޢާކުރާށެވެ! ދުޢާކުރަމުންވެސް ކުރަން އޮތް ކަމަކީ އިސްތިޣްފާރުކުރުން ގިނަކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ތިމަން މިހުރީ އިނބަ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވެގެން ކަމުގައި ދެންނެވުމެވެ. ގިނަގިނައިން އިސްތިޣްފާރުކުރުމަކީ ހީވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ބަލާ އާއި މުޞީބާތާއި ހިތްދަތިކަމުން ސަލާމަތްކޮށްދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން