ލޮލަށް ފެނިފައިވާ ކަމުން ފަށާނަމެވެ. 3 އަހަރުގެ ކުއްޖަކު ގޮވައިގެން ހުކުރަށް ދިއަ ކާފައެކެވެ. މަސްޖިދު ސުންނަތް ނުކޮށް ކާފަ އިށީނީއެވެ. ކުއްޖާ މަސްޖިދު ސުންނަތްކުރިއެވެ. އެޢުމުރުގެ ކުއްޖެއްގެ ކިބައިން ފެންނާނެ ކަންކަން ފެނުނެވެ. އެއީ މައްސަލައެއް ނޫނެވެ. ވަށައިގެން އެނބުރެންވެސް އެނބުރުނެވެ. އެއީވެސް މައްސަލައެއް ނޫނެވެ.
މިކަމުން މިއެނގުނީ ކޮންކަމެއް ހެއްޔެވެ؟ ކުއްޖާގެ ބައްޕަ ކުއްޖާގެ ގޮވައިގެން މިސްކިތައް ގޮސް މަސްޖިދު ސުންނަތް ކުރުވާކަމެވެ. އެއާދަ ކުއްޖާގެ ކިބައިގައި ހަރުލާފައި ހުރިކަމެވެ. ދެން މިދަނީ މިރޭގެ މައުޟޫއަށެވެ.
ދަރިން ދީނީ ކަންކަމާއި ދުރުހެލިވާތީ އާއި އަދި ދަރިންގެ އަޚްލާޤަށް ނުރަނގަޅު ބަދަލުތައް އަންނާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ޙައްލުކުރާނެ ގޮތަކާއިބެހޭ ގޮތުން ސުވާލުވެސް ކުރެއެވެ.
ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ކޮންމެ ދިމާއަކުންވެސް މިއަދު އެންމެ ގިނައިން ފެންނާނީ ދީނަށް ޢަމަލުނުކުރާ މީހުންނެވެ. އަދި އަޚްލާޤީ ގޮތުން ނުރަނގަޅު ސިފަތައް ހުންނަ މީހުންނެވެ. ބޮޑެތި މީހުން ފަދައިން ކުދިންނަށްވެސް މިކަންކަން ދާނީ ފެންނަމުންނެވެ.
ވީމާ ތިމާގެ ދަރިން އެޙާލަތުން ސަލާމަތްކުރުވަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ކުދިންނަކީ ދީނަށް ޢަމަލުކުރާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރާށެވެ. ނަމާދުވަޤުތު ޖެހުމުން ނަމާދުކުރުވާށެވެ. މިސްކިތަށް ގެންދެވޭ ޢުމުރަށް އެޅުމުން ވީހާ ގިނައިން މިސްކިތުގެ ޖަމާޢަތަށް ގެންދާށެވެ.
އެކަނި ނަމާދުކުރަން އެނގުމުން ބައެއް ކުދިން އެކަނި ނަމާދުކުރަން ބޭނުންވާނެއެވެ. ވީމާ ނަމާދު ވަޤުތުޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ދަރިފުޅު މިސްކިތަށް ގެންދާށެވެ. މަސްޖިދު ސުންނަތުގެ 2 ރަކްޢަތް އެކަނިކުރުމުގެ ފުރުޞަތު ދަރިފުޅަށްދޭށެވެ. އެއީ އެންމެން ނަމާދުކުރާ ވަޤުތަކަށް ނުވާނެތީ އެކަމުން އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއްވެސް ނުވާނެއެވެ. އެއިރުން ރަވާތިބު ސުންނަތް ކުރަންވާއިރަށް ކުއްޖާ ހުންނާނީ ހިތްހަމަޖެހިގެންނެވެ. ވަރަށް ފަޚުރުވެރިވެގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މިރޭ އަހުރެން މިދައްކަނީ މީގެ 2 އަހަރު ކުރިން ދެއްކި ވާހަކައެކެވެ. މިމިސްކިތަކު ނޫނެވެ. ދުބާއީގެ މިސްކިތެއްގައެވެ. އެއީ މައިންބަފައިން ފާފަތައް ކުރަމުން ދަރިން އިސްލާމް ދީނުގެ ޝައިޚުންނަށް ހަދަން ވިސްނާތީ އެކަމުގެ ވާހަކައެވެ.
ތަކުރާރުކޮށް ބުނަމެވެ. މައިންބަފައިން ފާފަކުރަމުން ދަރިފުޅު ޝައިޚަކަށް ވުމަށް އެދުނީމައި ދަރިފުޅު ވާނީ މައިންބަފައިން ކުރާ ފާފައިގެ ޝައިޚަކަށެވެ. މައިންބަފައިން ކުރާ ފަދަ ފާފަތައްކުރާ ޝައިޚަކަށެވެ. އެފަދަ ފާފަތައް ކުރަން ލޯބިކުރާ ޝައިޚަކަށެވެ.
ބައެއް ދެމަފިރިންނަށް ދަރިން ލިބުމުންވެސް ފާފަކުރުން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. އެންމެކުޑަމިނުން އެމީހުންގެ ހުންނަ ނުބައި ޢާދަތައްވެސް ދޫކޮށްލަން ބޭނުމެއް ނުވެއެވެ. މަސްތުވާން ބޭނުންވެއެވެ. ނައިޓްކްލަބަށް ދާން ބޭނުންވެއެވެ. ދަރިންގެ ކުރިމަތިގައި އައުރަ ނިވާނުކޮށް އުޅެން ބޭނުންވެއެވެ. އަދި ތިމާގެ ދަރިން ޝައިޚުންނަށް ހަދަން ބޭނުންވެއެވެ.
ބައެއް ބެލެނިވެރިންނަކީ ނައިޓް ކްލަބްތައް ފަދަ މުންކަރާތުގެ އަމަލުތައް ހިންގާ ތަންތަނަށް ޢާންމުކޮށް ގޮސް ކަންކަމުގައި ބައިވެރިވެ އުޅޭ މީހުންނެވެ. އެތަންތަނަށްދަނީ ދަރިންނަށް އެނގިގެންނެވެ. ރޭގަނޑު އަރިއަޅަމުން ގެއަށް ވަންނަ މަންޒަރު އެކުދިންނަށްވެސް ފެނެއެވެ.
އެފަދަ ބައެއް މައިޮންބަފައިން އެތަންތަނުގައި ތިބެގެންވެސް އެދެނީ އެމީހުންގެދަރިންނަކީ އިސްލާމް ދީނުގެ ޢިލްމު ރަނގަޅަށް ދަންނަ ދީނީ ޢިލްމުވެރިންނަށް ވުމަށެވެ. އިސްލާމް ދީނަށް ޚިދުމަތްކުރާ ޝައިޚުންނަށް ވުމަށެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރާ ބައަކަށް ވުމަށެވެ.
އެމީހުން ހީކުރަނީ އެމީހުން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އަދި ކޮންމެ ކަމެއް ކުރި ނަމަވެސް އެމީހުންނަށް ކިޔަވައިދޭ ޝައިޚުންނަށް އެމީހުންގެ ދަރިން ޝައިޚުންނަށް ހެދޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަވިސްނުމެކެވެ. އެހެނީ ދުނިޔޭގައި ޢާންމު ގޮތެއްގައި ކަންކަން ހިނގަމުން އަންނަނީ އެގޮތަށް ކަމަށް ނުވާތީއެވެ. ތަޖުރިބާ ކުރެވެމުން އަންނަނީ އެގޮތަށް ކަމަށް ނުވާތީއެވެ.
އެފަދަ މީހުންނަށް ބުނަން އޮތް ބަހަކީ ނައިޓް ކްލަބުގައި އިނދެގެން ދަރިން ޝައިޚުންނަށް ވުމަށް އެދޭނަމަ އެދަރިން ވާނީ ނައިޓްކްލަބުގެ ޝައިޚުންނަށް ކަމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ނޫނީ މަންމަ ދިއައީ ނައިޓް ކްލަބަށްކަން ދަރިންނަށް އެނގޭނެއެވެ. އެތަނުގައިކުރި ކަންތައްތައް ދަރިންނަށް ރަނގަޅަށް އެނގެއެވެ. ބަނގުރާ ބޮނީކަމާ ފާހިޝް އަމަލުތައް ކުރަނީކަންވެސް އެނގެއެވެ. އެނބުރި ގެއަށް ވަންނަ ޙާލުވެސް ދަރިންނަށް ފެނެއެވެ.
އެހެންކަމަށްވާއިރު އެކަންކަން އެއީ ކުރަން ނުވާނެ ކަންކަން ކަމަށް ދަރިންނަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެކަންކަން ކުރަން ދަރިން ޝައުޤުވެރި ނުވާނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކަންކަން ޢާންމުކޮށް ހިނގަމުން އަންނަ އުޞޫލަށް ބަލައިފިނަމަ މައިންބަފައިން ކުރާ އެފަދަ ކަންކަމަށް ދަރިން ޝައުޤުވެރިވެއެވެ.
މިވާހަކަ މިހެން ބުނުމުން ތިމަންނަ ނައިޓްކްލަބަކަށް ނުދަމޭ އެހެންވީމާ މިއީ ތިމަންނައާ ނުބެހޭ ވާހަކައެއް ކަމަށްބުނެ ނިންމައިނުލާށެވެ. އެއަށްވުރެ މިބަހުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ. ކޮންމެ ނުބައިކަމެއް ކުރަމުން ގެންދާ މީހަކުވެސް މިކަމަށް ފުންކޮށް ވިސްނާށެވެ. މައިންބަފައިން ކުރާ ކަންކަން އެއީ ރަނގަޅު ކަންކަމުގެ ގޮތުގައި ދަރިން ބަލައިގަންނާނެއެވެ. ވީމާ އެފުރުޞަތު ދަރިންނަށް ނުދޭށެވެ. ރަނގަޅު ނަމޫނާ ނޫނީ ދަރިންނަށް ނުދައްކާށެވެ. ދަރިންނަކީ ރަނގަޅު ހެޔޮލަފާ ދަރިންނަށް ވާނީ ނަމޫނާ ދެއްކި ވަރަކުންނެވެ.
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ﷲ ތަޢާލާ އަޅުއްވަވާފައިވަނީ މައިންބަފައިންގެ ކިބައިގައެވެ. ވީމާ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބައަކަށް ވާށެވެ. މަސްއޫލިއްޔަތު އަދާކުރަމުން އެހެން މީހުންގެ އެހީތެރިކަމަށް އެދޭށެވެ. ޝައިޚުންގެ އެހީތެރިކަމަށް އެދޭށެވެ. އެދުރުންގެ އެހީތެރިކަމަށް އެދޭށެވެ. ކާމިޔާބުވާނީ އެއިރުންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން