ކުރެވުނު ފާފަ ދުނިޔޭގަ ފަޟީޙަތް ކުރައްވަވައިފިނަމަ ކަންބޮޑުނުވާށެވެ! އެއީ ލައްވަވާ ބޮޑު ރަޙްމަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކުރެވުނު ފާފަ ދުނިޔޭގަ ފަޟީޙަތް ކުރައްވަވައިފިނަމަ ކަންބޮޑުނުވާށެވެ! އެއީ ލައްވަވާ ބޮޑު ރަޙްމަތެކެވެ!

ދުނިޔޭގައި ފަޟީޙަތްވުމަކީ ލަދުގަންނަންވީ ކަމެއް ނޫނެވެ. ދެރަވާންވީ ކަމެއްވެސް ނޫނެވެ. އެހެނީ ފާފައެއް ކުރެވުމުން އެކަމަކަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ޙައްދު ދުނިޔޭގައި ޤާއިމުކުރެވިއްޖެ ނަމަ އެކަން އާޚިރަތުގައި ވެގެންދާނީ ތިބާއަށް ލިބިގެންދާ ނިޢްމަތަކަށެވެ. ހަމައެއާއިއެކު އެކަން ވެގެންދާނީ ތައުބާވުމަށް ލިބޭ ފުރުޞަތަކަށެވެ.

ވީމާ ލަދުގަންނަންވީ ފަޟީޙަތް ނުވެ ތިބި މީހުންނެވެ. އެއީ އެމީހުން ފާފަކުރިކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީއެވެ. ވީމާ ލަދުގަންނަންވީ ތައުބާ ނުވެ ތިބި މީހުންނެވެ. ތިމާ ކުރި ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން، މީހަކަށް ގެއްލުން ދިނުން ކަމުގައި ނުވާނަމަ ތައުބާވުމުން އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ވީމާ ކުރެވުނު ފާފަ ދުނިޔޭގައި ފަޟީޙަތް ނުވެ އޮތް ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ!

ކުރިން ފާފަތަކެއް ކުރެވިފައިވުމުން، ނުވަތަ މީސްތަކުންގެ މެދުގައި ފަޟީޙަތްވެފައި ވުމުން ނަމާދަށް މިސްކިތަށް ދިއުން، ހެޔޮ ބަސްތައް ބުނުން ފަދަ ކަންކަން ކުރަން ލަދުން އެބަ ފަސް ޖެހެއެވެ. ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ މީހަކު މާޒީއަށް ވިސްނުމެއް ނެތެވެ! ވިސްނަންވީ ކުރިއަށެވެ.!

މިގޮތަށް ވިސްނާށެވެ! އެއިރުން ކަންބޮޑުވުން ފިލާނެއެވެ!

އެއްވެސް ފާފައެއް ކުރެވިއްޖެ ނަމަ މީސްތަކުންނަށް އެނގުނަސް ނުއެނގުނަސް އެމީހަކު އެހުރީ ފަޟީޙަތްވެފައެވެ. ފަޟީޙަތް ނުވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މީސްތަކުންނަށް ސިއްރުކުރެވުމުން މީސްތަކުންނަށް ނުއެނގި ހިނގައިދާނެއެވެ. މީސްތަކުންގެ ކުރިމަތިގައި ފަޟީޙަތް ނުވެ ހުރެދާނެއެވެ! ނަމަވެސް އިންސާނުން ކުރާ ހުރިހާ ކަމެއް ވަގުތުން ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އެމީހާ ފާފަކުރިކަން ވަންހަނާވެގެނެއް ނުވެއެވެ. ސިއްރެއްވެސް ނުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން