ތިމާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށް އޮތް ރަނުގެ ފުރުޞަތު ނަގައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިމާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށް އޮތް ރަނުގެ ފުރުޞަތު ނަގައިނުލާށެވެ!

ﷲ ތަޢާލާ އާއި ކުއްތަންވުމާއި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރެވޭނެ ގިނަ މަގުތަކެއް ﷲ ތަޢާލާ ވަނީ ފަހިކޮށް ދެއްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ވަނީ ފުރުޞަތުތައް ފަހިކުރައްވަވައި ދެއްވަވައިފައެވެ.

ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ފުރުޞަތު އެކި މީހުންނަށް ﷲ ތަޢާލާ ދެއްވަވަނީ އެކިގޮތަށެވެ. އެންމެ ގިނަ ބައަކަށް ފުރުޞަތުދެއްވަވަނީ ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިކުރައްވަވައިގެންނެވެ. އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ.

މުޞީބާތެއް މެދުވެރިވުމުން ނުވަތަ ހިތް ހަމަނުޖެހޭ ކަމެއް މެދުވެރިވުމުން މިހާރު މިއުޅޭ ގިނަ ބައަކަށް ﷲ ތައާލާއަށް ވަކީލުކުރުން ވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. ކެތްތެރިވެލުން ވެފައި އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.

އެފަދަ މީހުން އަމިއްލައަށް އެނަގައިލަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ މުހިންމު އެއް ފުރުޞަތެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށް އޮތް ތަނަވަސް ފުރުޞަތެވެ. އެކަން އެނގިގެން ދަނީ ކީރިތި ޤުރްއާނުގެ މިއާޔަތުންނެވެ.

"...ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލްކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލްޢިމްރާން: 159)

މިހެން ބުނުމުން އެއްވެސް ހާލެއްގައި ވަކީލުކުރުމުގެ މާނަ އޮޅުވައިނުލާށެވެ! ކުރިމަތިވެފައިވާ މަސައްލައަކުން ސަލާމަތްވާން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އިސްލާމް ދީނުގައި ﷲ ތަޢާލާއަށް ވަކީލު ކުރުން އޮތީ އެ މަސައްކަތްތައް ކުރުމާއިއެކުގައެވެ.

ވަކީލުކުރުމުގެ މާނައަކީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރަމުންދާއިރުވެސް އެކަން ތިމާ ހިތް އެދޭ ގޮތަށް ޙާޞިލު ނުވާނަމަވެސް އެއީ ﷲ މިންވަރުފުޅު ކުރެއްވެވި ހެޔޮ ރަޙްމަތް ކަމަށް ޤަބޫލުކުރުމެވެ. ހިތުގައި ޝަކުވާތައް ނުގެންގުޅުމެވެ. ހިތުގައި ޝަކުވާތައް ގެންގުޅެވޭނަމަ އެކަމުން އަންގައިދެނީ ވަކީލް ނުކުރެވޭ ކަމެވެ.

ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދޭ މީހާ ﷲ ތަޢާލާއަށް ވަކީލްކުރުން ގިނަކުރާށެވެ! އެއިރުން އެމީހާއަށް އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ލިބިގެންދާނެއެވެ! އިންޝާ ﷲ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން