މިޒަމާނަށް ބަލައިފިނަމަ ލިބިފައިވާ އެންމެ ބޮޑު އެއް ކުރިއެރުމަކީ އަންހެނުންނަށް ތަޢްލީމް ލިބި ހޭލުންތެރިވުމެވެ. އެހެންވެ މިޒަމާނުގެ ސްމާޓް އެއްވެސް އަންހެނަކު ފިރިހެނުން ދައްކާ ހުރިހާ ވާހަކަތަކެއް ޤަބޫލެއް ނުކުރާނެއެވެ. ޤަބޫލުކުރާނީ ޤަބޫލުކުރެވޭ ފެންވަރުގެ ވާހަކަތަކެވެ.
ވީމާ އަނބިމީހާއާއިބެހޭ ގޮތުން ވާހަކަދައްކާއިރުވެސް ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ނުދައްކާނަމަ ސްމާޓް އަންހެނުން އެކަން ބަލައެއް ނުގަންނާނެއެވެ. ވިސްނައިވެސް ނުލައި ޤަބޫލުކުރާނަމަ އެއަންހެނަކު އެކަން އެކުރަނީ ޢޭނާގެ ކޮންމެވެސް އަމިއްލަ ބޭނުމެއް ޙާޞިލުކުރަންވެގެންނެވެ.
އެންމެންވެސް ބިޒީއެވެ. އެއްބައަކު ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން އިތުރު ފައިސާ ހޯދަންޖެހޭތީ އަވަދިިނެތި މަސައްކަތުގައެވެ. އަނެއްބައަކު މަސައްކަތުގެ ނަމުގަ ކޮފީ މޭޒުތަކުގައެވެ. އަނެއް ބައަކު އެހެން ކޮންމެވެސް ކަމެއްގައެވެ. ގޭގައި ޢާއިލާއާއިއެކު މަޑުކޮށްލެވޭ މީހުންގެ ޢަދަދު މިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން ނުބައި އަސަރުތައް ކުރަމުންދަނީ ހަމައެކަނި ދެމަފިރިންގެ ގުޅުމަކަށް ނޫނެވެ. ދަރިން ތަރުބިއްޔަތުކުރުމަށާއި ދަރިންގެ އަޚްލާޤަށްވެސް ދަނީ ވަރަށް ނުބައި އަސަރުތައް ކުރަމުންނެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި މައިން އަދާކުރާ ދައުރަކީ ވަރަށް މަތިވެރި ދައުރެކެވެ. ދަރިންގެ ކަންކަމަށް ވަގުތުދެވޭ ފިރިން މަދެވެ. އެހެންކަމާއިއެކުވެސް ވަރުބަލިކަމެއް ނެތި މައިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވެނީ ވަރަށް މަދު ފިރިއަކަށެވެ.
މީހުންގެ ގާތުގައި ޚާއްޞަކޮށް ލޯބިވެރިން މަޅީގަ ޖައްސުވަން އަނބިމީހާއަށް ކޮށްނުދެވޭ ކަންކަމުގެ ލިސްޓު ކިޔައިލާއިރު އަނބިމީހާ ކޮށްދޭ ކަންކަމުގެ ލިސްޓް ކިޔައިދެވޭ ހެއްޔެވެ؟ ގޭތެރޭގެ މަސައްކަތުގައާއި ދަރިންގެ ކަންކަމުގައި އަނބިން ވަމުން އަންނަ ޤުރްބާނީގެ ވާހަކަ ދެއްކޭ ހެއްޔެވެ؟ އެހެންކަމުން ވިސްނައިލުން ވަރަށް މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ކައިވެންޏަށްފަހު ތަފާތު ސަބަބުތައް ދިމާވެ ދެމަފިރިން އެކުގައި ގޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ނުލިބިތިބި އެތައް ބައަކު އަބަދުވެސް ތިބޭނެއެވެ. ދެމަފިރިން ވެސް ވަޒީފާ އަދާކުރުމާއި ވަޒީފާގައި ހޭދަކުރަން ޖެހޭ ވަގުތުތައް ތަފާތުވުމާއި މިނޫންވެސް އެފަދަ ކިތަންމެ ކަމެއްމެދުވެރިވާތީއެވެ.
ބައެއް އަނބިން ބުނަނީ ފިރިމީހާ ގޭގައި އުޅޭނަމަ ކުރާކަމަކީ އޭނާއަށް ނުކުރެވި ހުންނަ ކަންކަމާއި ކުށް ހޯދައިގެން، ނޫނީ މާޒީގައި ވެފައި އޮންނަ ކޮންމެވެސް ކަމެއް ފާހަގަކޮށްގެން ޒުވާބުކުރުން ކަމަށެވެ. އެއްވެސް ޙާލެއްގައި އެކަން އެގޮތަށް ނުކުރާށެވެ. އެކުގައި ހޭދަކުރާ ވަގުތުކޮޅު ގިނަވެ ފޫހިވެ ދައްކާނެ ވާހަކަ ނެތިގެން މާޒީގައި ހިނގާފައި އޮތް ކޮންމެވެސް ކަމެއްގެ ވާހަކަތައް ދައްކައި ޒުވާބުކުރަން ނުހަދާށެވެ. އެއީ ދެމަފިރިންގެ މެދުގައި އެޅިފައި ހުންނަ ކޫރުންތައް ފިލުވައި އޮފްކޮށްލުމުގެ ފުރުޞަތަށް ހަދާށެވެ!
ކޮންމެ ދެމަފިރިއެއްގެ ޙަޔާތުގައި ކޫރުންތައް އެޅޭނެއެވެ. ކޮންމެ ދުވަހަކުވެސް ކޫރުން އެޅޭނެއެވެ. އެކޫރުންތައް ފިލުވައި އޮފްކުރުމަކީ ކޮންމެ ދުވަހަކު ކުރާ ކަމަކަށް ހަދައިފިނަމަ ދެމަފިރިންނަށް ލިބޭ އުފާވެރިކަން ވަޒަންވެސް ނުކުރެވޭނެ އެވެ. އެހައިވެސް ބޮޑުވާނެއެވެ! އިން ޝާ ﷲ
--އަލަފް/ މިއަދުނޫހަށް