ރަޙްމަތުގެ މަލާއިކަތުން ތިބާއާއިއެކު ލައްވަވާފައިވަނިކޮށްވެސް ފާފަތައް ކުރެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރަޙްމަތުގެ މަލާއިކަތުން ތިބާއާއިއެކު ލައްވަވާފައިވަނިކޮށްވެސް ފާފަތައް ކުރެވެނީ ކީއްވެ؟

ކޮންމެ މީހަކުގައިވެސް ޝައިޠޯނުންނާއި ރަޙްމަތުގެ މަލާއިކަތުންވެއެވެ. ސުވާލަކީ އެހެންކަމަށްވާއިރު ޝައިޠޯނާގެ މަގަށް ހެއްލެވި ފާފަތައް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ 

މިސުވާލަށް އަހުރެން ދޭނެ އެންމެ ކުރު ޖަވާބަކީ ތިބާ ޝައިޠޯނާގެ ބަހަށް ހެއްލި ފާފަތައް ކުރާތީ ރަހްމަތުގެ މަލާއިކަތުން ތިބައާއި ދުރަށް ޖެހިވަޑައިގަންނަވަނީއެވެ. ގޮތް ބަލައިލަންނަމަވެސް އެންމެ ދުވަހަކުވެސް ނިކަން ފާފައެއް ނުކޮށް ހުންނަން މަސައްކަތްކޮށްބަލާށެވެ! އަސްތަޤްފާރުކުރުންމަތީގައި ހުރެބަލާށެވެ! ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައި ހުރެބަލާށެވެ! 

ޝައިޠޯނާއަށް އެމީހަކާއި ކައިރިވެސް ނުވެވޭނެއެވެ! ފާފައަކަށް އަރައި ނުގަނެ ހުރެވޭނެއެވެ. އިން ޝާ ﷲ 

ﷲ ގެ ވަޙީބަސްފުޅާއިމެދުގައި ނިކަން ވިސްނައިލަބަލާށެވެ!   

"ޙައްޤަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަން ރަސްކަލާނގެ އާޔަތްތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއަކަށް އެއުރެންނެއް އީމާނެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާއާޔަތްކާމެދު ޣާފިލު ވެގެންވާ ބައަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 146) 

ﷲ ތަޢާލާގެ މަގު ފެނުމުން ޢަމަލުނުކުރާ މީހުން މިއާޔަތަށް ވިސްނައިލުން ބުއްދިވެރިއެވެ. އެކަލާނގެ މަގުން އެމީހަކު އެއްކިބާ ކުރައްވަވައިފިނަމަ އެމީހަކަށް ދެން ކުރިމަތިލާން ޖެހޭނެ މުޞީބާތްތަކަށް ބިރުވެތިވުން ހުއްޓެވެ. 

ﷲ ތަޢާލާގެ މަގު އެމީހަކަށް ދެއްކެވުމަކީ ދެއްވަވާނެ އެންމެ ބޮޑު ނިޢްމަތެވެ. އެނިޢްމަތުގައި ކޮޅުފައިޖެހުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. ވީމާ ބުއްދީގެ ބޭނުންކޮށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިއަޅަކަށްވާން މަސައްކަތްކުރަމާހެއްޔެވެ؟ 

އާދޭސްކޮށްފައި ބުނަމެވެ. އަހުރެން މިބުނި މަގުން ހަމަ އެންމެ ދުވަހެއް ނަމަވެސް ހޭދަކޮށްބަލާށެވެ! ޝައިޠޯނާއަށް ތިބާ އާއި ކައިރިނުވެވުމުން ކުރާ ފައިދާ ފެންނާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން