މިއަދު ގިނަ ބައަކު ކަންބޮޑުވަނީ ސަލާމަތް ނުވެވޭވަރުގެ ބޮޑު މުޞީބާތެއް ކުއްލިއަކަށް ކުރިމަތިވެއްޖެނަމަ އެކަނި ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާގެ ކެތްތެރިވަންތަކަމާއި ދީލަތިވަންތަކަން ބޮޑުކަމުން އެފަދަ ޙާލަތު މެދުވެރިކުރައްވަވަނީ ވަރަށް މަދު ބައަކަށް އަދި ވަރަށް މަދު ފަހަރަކުއެވެ. އެހެންކަމުން އިމާމް އަލްޖަވްޒީ ރަޙިމަހުﷲ ވިދާޅުވެފައިވާ މިބަސްފުޅާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟
އިމާމް އަލްޖަވްޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ދުނިޔޭގައި މީސްތަކުންނަށް 4 ގޮތަކުން ޢަޛާބު ލިބިގެންދެއެވެ. އެބަސްފުޅުގެ މާނައެއް ކަމަށް ބެލެވެނީ 4 ކަމެއްގެ ސަބަބުން މީސްތަކުންނަށް ގެއްލުމާއި ހަލާކުގެ ތެރެއަށް ވަދެވިގެންދާ ކަމެވެ.
އެގޮތުން އިމާމް ފާހަގަކުރެއްވެވި 4 ކަމަކީ 1 އީމާންކަން ކުޑަވުން 2 ކަންކަމަށް އެދި ﷲ އަށް ދެންނެވުން މަދުވުން ނުވަތަ ނުދެންނެވުން 3 ކީރިތި ޤުރްއާން ހަނދާން ނެތުން 4 ތައުބާވުމަށް ފަރުވާ ކުޑަކުރެވުން. މި 4 ކަންތަކެވެ.
މި 4 ކަންތަކަށް ބެލިނަމަވެސް މިއީ މިއަދު ވަރަށް ގިނަ ބައަކަށް މެދުވެރިވެފައިވާ ޙާލަތެވެ! ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނި ނަމަވެސް އީމާނަކްމުގައި ސާބިތުވެ ހުރެވެނީ މަދު މީހަކަށެވެ. ކަންކަމަށް ބޭނުންވުމުން ﷲ ތަޢާލާއަށް އެދި ދަންނަވާ މީހުންނަށްވުރެ ގިނައީ މީސްތަކުންގެ ގާތަށް ކަންކަމުގައި ހިނގާ މީހުންނެވެ. ކުޑައިރު ކީރިތި ޤުރްއާނުން ދަސްކުރާ މީންވަރުވެސް ބޮޑުވާއިރު ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެކަމުން އެނގެނީ އޭނާ ފަހުން ނުކިޔަވާ ކަމެވެ. ހަނދާނުގައި ބަހައްޓަން މަސައްކަތް ނުކުރެވޭ ކަމެވެ. އިސްތީޣްފާރުކުރުން ގިނަކޮށް ތައުބާވަމުން ގެންދަނީ އެހައިމެ މަދު ބައެކެވެ.
މީސްތަކުންނޭވެ! އިމާމުން ވިދާޅުވެފައިވާ މިފަދަ މުހިންމު ބަސްފުޅުތަކާއިމެދު ހޭލުންތެރިވާށެވެ! އިސްލާމް ދީނުގައި ސާބިތުވާން ގަދައަޅައި މަސައްކަތްކުރާށެވެ! ތިމަން މިހިރީ އީމާންވެގެން ކަމަށް ދުލުން ބުނެލުމަކުން ނުފުދޭނެއެވެ. ހިސާބު ބައްލަވާ ދުވަހު ތިލަފަތަށް އަޅަން ހެޔޮ އަމަލުތައް ކުރަން ޖެހެއެވެ! ނޫނީ މީޒާނުގައި ހެޔޮ އަމަލުތަކުގެ ކޮޅަށް ބަރުކަމެއް ނުލިބޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން