ކަންބޮޑުވާންވީ ކުރާ ފާފަ މީސްތަކުންނަށް ހާމަވެދާނެތީއެއް ނޫން! ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކަންބޮޑުވާންވީ ކުރާ ފާފަ މީސްތަކުންނަށް ހާމަވެދާނެތީއެއް ނޫން! ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." (އަލްއަންޢާމް: 59) 

ބައެއް މީހުން އެމީހުންގެ ފުދުންތެރިކަން ހުރިނަމަ ދުރުން އަންނަ މީހުން ފެންނަ ގޮތަށް ކެމެރާތައް ހަރުކޮށް، ސެކިޔުރިޓީން ބައިތިއްބައި، ގޭޓަށް ކަރަންޓްދީގެން އަދި އެނޫންވެސް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބެ ފާފަތައް ކުރެއެވެ. 

އެފަދަ މީހުން "އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." މިއޮތް ބަސްފުޅަށް ވިސްނައިލާށެވެ! 

ދެން ފާލުބަލައި ރަމަލުޖަހާ މީހުންގެ އެހީތެރިކަން ހޯދާ މީހުން ވިސްނައިލަންވީ "އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ." އޮތް ބަސްފުޅަށް ވިސްނައިލާށެވެ! 

މީސްތަކުންނޭވެ! ދުނިޔޭގައި ކަންކަން ސިއްރުވެސް ކުރެވިދާނެއެވެ! ނަމަވެސް މަރުވެ ކައްވަޅުގައި ވަޅުލެވޭއިރަށް އެކަންކަން ތިބާ އާއި ބައްދަލުކުރާނެއެވެ! ހުއްޓުވޭނެ ސެކިޔުރިޓީންނެއްވެސް ނުތިބޭނެއެވެ! ކަރަންޓްދީ ތަޅުލައި ހުރަސް އެޅޭނެ ގޭޓެއްވެސް ނުހުންނާނެއެވެ! ޢަޛާބު ދެއްވަވާ މަލާއިކަތުންނަށް ހުރަސް އެޅޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

ޖެހޭނީ ހަމަ ޢަޛާބް ލިބިލިބި އޮންނާށެވެ. ޢަޛާބް ލުއިކުރެއްވެވުމާއި ޢަޛާބުން ސަލާމަތްކުރެއްވެވުން އޮތީ ހަމަ ﷲ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ އޮތް ހަމައެކަނި ޙައްލަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން