މި ޙަޤީޤަތްތައް އެނގޭނަމަ ތިމާއަކީ ފަޤީރެއް ކަމަށް ޤަބޫލުކުރެވި ކަންބޮޑުވާންޖެހޭ މީހުން ވަރަށް މަދުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މި ޙަޤީޤަތްތައް އެނގޭނަމަ ތިމާއަކީ ފަޤީރެއް ކަމަށް ޤަބޫލުކުރެވި ކަންބޮޑުވާންޖެހޭ މީހުން ވަރަށް މަދުވާނެ! އިން ޝާ ﷲ

ޔަޤީންކުރާށެވެ! ހައިހޫނުކަން ފިލުވައިލެވޭވަރަށް ކައިގެން ހުރެވޭނަމަ، ނިދާނެ އެނދެއް ހުރިނަމަ، އަޢުރަ ނިވާކުރެވޭނެ ވަރަށް ފޭރާން ލިބިފައިވާނަމަ ތިބާ ހިމެނޭނީ ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 75 އިންސައްތަ މީހުންނަށްވުރެ ތަނަވަސްކަން ލިބިފައިވާ މީހަކު ކަމުގައެވެ. 

ދެން ލިސްޓަށް އިތުރުކޮށްލާށެވެ! ގައިގައި ވަރުއެބަހުރިކަމާއި ބަލިވެ އެނދެއްގައި އޮންނަން ނުޖެހޭކަމެވެ. ދެލޮލަށް ފެނުމުގެ ނިޢުމަތް ދެއްވަވާފައިވާ ކަމެވެ. ޙަޔާތަށް ހެޔޮލަފާ ބައިވެރިއަކު ލިބިފައިވާ ކަމެވެ. ދަރިން ލިބިފައިވާ ކަމެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ ކޮންމެހެން ފައިސާ މަތީގައި އުދުހެވުމެއް ނޫނެވެ. ތިމާކުރަން ބޭނުންވާ ކަންކަން ކޮށްލައިގެން އުޅެވޭނަމަ ތިބާ ހިމެނޭނީ ދުނިޔޭގެ ޢާބާދީގެ މުއްސަނދި 18 އިންސައްތަ މީހުންގެ ތެރޭގައެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތިމާއަކީ ފަޤީރަކު ކަމަށްވެގެން ޝަކުވާކުރުމުގެ ޙައްޤު އޮތީ ކިތައް މީހުންނަށް ހެއްޔެވެ؟ ތިބާ އަކީ ފަޤީރަކު ކަމަށް ބުނެވެން އެބައޮތްހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާ ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިވާށެވެ! ތަނަވަސްކަން އިތުރުކުރަން ތެޅިފޮޅުމުގެ ބަދަލުގައި އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާށެވެ. އެއިރުން ދުނިޔޭގައިވެސް ތިބާއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން