ހަނދުމަކޮށްދިނުމެއް! ސަމާލުކަންދޭންޖެހޭ ކަމެއް!: ފަރުޟު 5 ނަމާދަށް ރައްކާތެރިވީމާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހަނދުމަކޮށްދިނުމެއް! ސަމާލުކަންދޭންޖެހޭ ކަމެއް!: ފަރުޟު 5 ނަމާދަށް ރައްކާތެރިވީމާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެތޯ؟

ފަރުޟު 5 ނަމާދަށް ރައްކާތެރިވީމާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެތޯ؟ ނުވަތަ ފުއްސަވައި ދެއްވަވާނީ ކޮން ފާފަތަކެއް ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. 

ފަރުޟު 5 ނަމާދު އަދާކުރަމުން ގެންދާ މީހާއަށް ރަސޫލް () ވަނީ އުފާވެރިކަމުގެ ޚަބަރު ދެއްވަވައިފައެވެ. ވީމާ އެކަމުގެ ތަފްޞީލަށް ބަލައިލަމާ ހިނގާށެވެ. 

"ފަރުޟް 5 ނަމާދު، އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު، އެއް ހުކުރުން އަނެއް ހުކުރަކީ، ބޮޑުފާފައަކަށް އަރައި ނުގަންނަހައި ހިނދަކު، އެމީހާއަށް އެދެ އަޅުކަމުގެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ވެގެންދާނެ އަޅުކަމެކެވެ." (ޞަޙީޙް މުސްލިމް: 342) 

ބައެއް މީހުން ތިބެނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ބޭއިޚްތިޔާރުގައިވެސް ކުދިފާފަތައް ކުރެވޭތީއެވެ. ކަންބޮޑުވުމަކީ އޮތް ކަމެކެވެ. ނަމަވެސް މިޙަދީޘްފުޅުން މިދަނީ އެފަދަ މީހުންނަށް ވަރަށް އުފާވެރި ޚަބަރެއް ލިބިގެންނެވެ. 

މިއުފާވެރި ޚަބަރު އައްޑަނައަކަށް ހަދައި ފާފައިގައި މިން އަޅައިގެން ފާފަކުރަން މަސައްކަތް ނުކުރާށެވެ! މުސްލިމުންނަށް އޮތީ ފާފަކުރުމާއި ދުރުހެލިވުމެވެ. އެއްވެސް ވަރެއްގެ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އަދި އެންމެ އުފާވެރި ޚަބަރަކީ އެއްވެސް ފާފައެއް ނުކުރަން ގަދައަލައި މަސައްކަތްކުރުމަކީވެސް އެމީހާގެ ނަފްސާއި ދެކޮޅަށް ކުރެވޭ މަތިވެރި ޖިހާދެއް ކަމެވެ. އެކަމުގެ ސަބަބުން އެމީހަކަށް ގިނަގުނަ ސަވާބު ދެއްވަވާނެ ކަމެވެ. 

ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މި ޙަދީޘްފުޅުގައި "އެއް ހުކުރުން އަނެއް ހުކުރަށް" އޮތް ބަސްފުޅުގެ މާނައަކީ ހަމައެކަނި ހުކުރު ނަމާދުކުރުމެއް ނޫނެވެ. މުސްލިމުންނަކީ ހަމައެކަނި ހުކުރު ނަމާދުކުރަން އޮތް ބައެއް ނޫނެވެ. ހުކުރު ނަމާދު ހިމެނިގެންދާނީ ހަފްތާގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ 35 ނަމާދުން އެންމެ ނަމާދަކަށެވެ. ވީމާ މުސްލިމުންނަށް އޮތީ ހަފްތާގައި ކުރަން ޖެހޭ 5 ނަމާދު އަދާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން