ޢިލްމު ހާސިލްކުރުމަށް މަގެއް ހޯދުމުގެ މާތްކަން ޙަދީޘުން-

ކިޔުމަށް ހޭދަވާނީ 6މ 18ސ
ޢިލްމު ހާސިލްކުރުމަށް މަގެއް ހޯދުމުގެ މާތްކަން ޙަދީޘުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

((مَنْ سَلَكَ طَرِيقًا يَبْتَغِي فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا إِلَى الجَنَّةِ، وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضَاءً لِطَالِبِ العِلْمِ، وَإِنَّ العَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ حَتَّى الحِيتَانُ فِي الْمَاءِ،وَفَضْلُ العَالِمِ عَلَى العَابِدِ، كَفَضْلِ القَمَرِ عَلَى سَائِرِ الكَوَاكِبِ، إِنَّ العُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا إِنَّمَا وَرَّثُوا العِلْمَ، فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ))

މާނައީ:”ޢިލްމު (އެބަހީ ޝަރުޢީ ޢިލްމު) ޙާޞިލްކުރުމުގެ މަގެއް ހޯދައިފިމީހާ ދަންނާށެވެ. އޭނާއަށް ސުވަރުގެދިޔުމުގެ މަގެއް ﷲ ޞުބުޙާނަހޫވަތަޢާލާ ތަނަވަސްކޮށްދެއްވާނެއެވެ. އަދި ހަމަކަށަވަރުން ކިޔަވާކުއްޖާގެ ކަންތައްތަކަށް ރުއްސަވާހާލު މަލާއިކަތްބޭކަލުން، އެބޭކަލުންގެ ފިޔަފުޅުތައް ކިޔަވާކުއްޖާއަށްޓަކައި ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ބަޔަކާއި، ކަނޑުގައިވާ މަސްމަހާމެއްސަށްދާންދެން ޢިލްމުވެރިޔާގެ ފާފަ ފުއްސަވާދެއްވުމަށް އެދި ދަންނަވައެވެ. އަދި ހަމަކަށަވަރުން ތަރިތަކުގެ މައްޗަށް، ހަނދު މަތިވެރިވެގެންވާ ފަދައިން، އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ، މަތިވެރިވެގެންވެއެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން، ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ." 

މި ޙަދީޘްފުޅުންވެސް އަޅުގަނޑުމެންނަށް އެނގެނީ އިސްލާމްދީނުގައި ޢިލްމަށް ދެއްވާފައިވާ ޚާއްސަ މަޤާމާއި، ޢިލްމުވެރީންނަށްވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަމެވެ. ޢިލްމު ޙާޞިލްކުރުމުގެ ސަބަބުން މީހާ ޖާހިލުކަމުން ދުރުކޮށްދީ ކަންކަން އަންގައިދެއެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކުންވެސް ދުރުހެލިވެގެންދެއެވެ. ޢިލްމަކީ ވަރަށް މަތިވެރި އެއްޗެކެވެ. 

ﷲ ތަޢާލާ މުޖާދަލާ ސޫރަތުގެ 11 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

(يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴿١١﴾‏

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (11)" 

އިސްލާމދީނުގައި ޢިލްމު ހޯދުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ. ޢިލްމުގެ ސަބަބުން މީހުން ކުރިއަރައިގެންދެއެވެ. އަދި އިންސާނާ މަރުވުމުންވެސް އެކަމުގެ ފައިދާ ކުރެއެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

«إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ» 

މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތެއް ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެއް ފިޔަވައެވެ."

 

މިއަދު އޮންލައިން