މިއީ ޞަޙާބީންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއި ކުރެއްވެވި ސުވާލެކެވެ. "އަނެކާ ތިމާ އާއިމެދު ކަންކަންކުރާ ގޮތަށް ތިމަންނާވެސް ކަންކަން ކުރީމާ ރަޙިމުގެ ގުޅުން ދެމެހެއްޓިކަމަށް ނުފުދޭނެ ހެއްޔެވެ؟"
ޖަވާބަކަށްވެގެން ދިއައީ ނުފުދޭނެ ކަމެވެ. ކަންކަން ކުރަންވީ އަނެކާ ކަންކަން ކުރާ ގޮތް ބަލައިގެން ނޫންކަމެވެ. ގުޅުން ކަނޑާ މީހުންނާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރަންވީ ކަމެވެ. ރުޅިއައިސްގެން ހުންނަ މީހާއާއި ޞުލްހަވާން މަސައްކަތްކުރަންވީ ކަމެވެ. ހެޔޮކޮށް ނުހިތާ މީހުންނަށްވެސް ހެޔޮކޮށް ހިތަންވީ ކަމެވެ.
އަދި އެވަރަކުންވެސް ނުފުދެއެވެ. ޞުލްހަވެ ގުޅުން ބަދަހިކުރަން މަސައްކަތްކުރުމުން އެކަމަށް ޢިޖާބަ ނުދިންނަމަ އަލައިނުލާ ހުރުމެއް ނެތެވެ. ދުވަސްކޮޅެއްކޮށްލާފައި އަނެއްކާވެސް އެކަމަށް މަސައްކަތްކުރަންވާނެއެވެ.
މުސްލިމުންނަށް އެންމެ މުހިންމީ ރަޙިމުގެ ގުޅުމެވެ. ޢާއިލީ ގުޅުމެވެ. އަވަށްޓެރިންނާއި އޮންނަ ގުޅުމެވެ. ގާތް ރަހްމަތްތެރިންނާއި އޮންނަ ގުޅުމެވެ. އަދި ޢާންމުކޮށް އެންމެންނާއިވެސް އޮންނަ ގުޅުމެވެ. ވީމާ އެގުޅުންތައް ދަމަހައްތަން ކުރިން މިބުނި މަގުން މަސައްކަތްކުރާށެވެ. އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން