ޓްރެފިކް ޤަވާޢީދުތަކަށް އިޙްތިރާމްކުރުމަކީ އިންސާނީ ވާޖިބެއްގެ އިތުރުން ދީނީގޮތުންވެސް އަދާކުރަންޖެހޭ ވާޖިބެއް!: ސަޢުދީ ފަތުވާ މަޖިލިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 41ސ
ޓްރެފިކް ޤަވާޢީދުތަކަށް އިޙްތިރާމްކުރުމަކީ އިންސާނީ ވާޖިބެއްގެ އިތުރުން ދީނީގޮތުންވެސް އަދާކުރަންޖެހޭ ވާޖިބެއް!: ސަޢުދީ ފަތުވާ މަޖިލިސް

މިހާރަކަށް އައިސް ބައް މީހުން ދެކޭ ގޮތުގައި ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ހަމައެކަނި ޤާނޫނީ ވާޖިބެކެވެ. އެހެންވީމާ ފުލުހުންނަށް އަތުލައިނުގަނެވޭނަމަ އެއީ މައްސަލައެއް ނޫނެވެ. އެފަދަ ގޮތްގޮތަށް ވިސްނާ މީހުން ގިނަވަމުން އަންނާތީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާތެރިވާފަދަ ޙާދިސާތައް ހިނގުންވެސް އަންނަނީ އިތުރުވަމުންނެވެ. 

މިމައްސަލައިގައި ސަޢުދީ ފަތުވާ މަޖިލިސްގެ ބަހާއިއެކު އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ ތިރީގައިވާ ލިޔުމުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ 

މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ގުނަވަންތަކާމެދު ސުވާލު ކުރެވޭނެއެވެ. އެއީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަތާއި ފަޔާއި، ލޮލާއި ބޮލާއި ކަތްފަތާއި އެންމެހާ ގުނަންތަކަކީ ވެސް ނިޢުމަތްތަކެވެ. އެއިން ނިޢުމަތެއް އުނިވުމުން ނޫން ގޮތަކުން އެނިޢުމަތުގެ ބޭނުން އިންސާނާ އަށް ތަޞައްވަރު ކުރަން އުދަގޫވެދާނެއެވެ. 

އަޅުގަނޑުމެން ދަތުރުފަތުރު ކުރުމަށްޓަކައި ﷲ ދެއްވާފައިވާ ވަސީލަތްތަކަކީ ވެސް ވަރަށް ބޮޑެތި ނިޢުމަތްތަކެވެ. ނިޢުމަތްތަކަށް ޝުކުރުވެރި ވުމަކީ އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމެވެ. އެންމެ އެދެވޭ ގޮތުގައި އޭގެ ބޭނުން ކުރުމެވެ. އަޅުގަނޑުމެންނަށް މިއަދު ވަރަށް ގިނައިން ތަކުރާރުކޮށް އެކްސިޑެންޓުތަކުގެ ވާހަކަ އަޑު އިވެމުން ދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކްސިޑެންޓް ތަކުގެ ސަބަބުން އެތައް ޒުވާނުންނެއް މަރުގެ ޝިކާރައަކަށް ވަނީ ވެފައެވެ. 

މިފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވުމަށް ގުނަވަންތަކަށް އޯގާތެރިވާން އެބަޖެއެވެ. ދަތުރުފަތުކުރުމަށް ގެންގުޅޭ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެއެވެ. މީސްތަކުންގެ ފުރާނަ ސަލާމަތްކުރުމަށް ހެދިފައިވާ ޤާނޫނު ތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހެއެވެ. ކާރު، ސައިކަލް ފަދަ ތަކެތި ދުއްވުމުގައި އަވަސް އަރައިގަނެގެން ނުވާނެއެވެ. އަވަސް އަރައިގަތުމަކީ އޭގެ ފަހަތުގައި ނުބައިނަތީޖާ ވާ ކަމެކެވެ. ހަމަ އެގޮތައް ޕާކު ކުރަންޖެހޭ ތަންތާގައި ޕާކު ކުރުމާއި ދުއްވަން ކަނޑައަޅާފައިވާ މިންގަނޑުތެރޭގައި ދުއްވުމާއި، މިނޫނަސް ވެސް މިބާވަތުގެ ޤަވާޢިދުތަކަށް ތަބަޢަވުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

މި ޤަވާޢިދު ތަކާ ޚިލާފު ވުމުން މީހުންގެ ފުރާނައަށާއި، މުދަލަށް ކިހާވަރެއްގެ ގެއްލުމެއް މެދުވެރިވޭހެއްޔެވެ؟ މިއީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ މައްސަލައެކެވެ. މި ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ގެއްލިފައިވަނީ ކިތައް ފުރާނައެއް ހެއްޔެވެ؟ ތަޙައްމުލު ކުރަންޖެހިފައިވަނީ ކޮންފަދަ ބޮޑެތި ވޭންތަކެއް ހެއްޔެވެ؟ 

ޓްރެފިކް ލައިޓަށް ހުއްޓަން ޖެހޭނެއެވެ. ބައެއް މީހުންގެ ނަޒަރުގައި އެގޮތައް ހުއްޓި ތިބުން މުހިންމު ކަމަކަށް ނުވެދާނެއެވެ. ބައެއް ފަހަރު މާބޮޑު ކަމަކަށް ނުހަދާ ހުރަސްކޮށް ދާތަންވެސް ފެނެއެވެ. މިކުރެވެނޭ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ވިސްނުން ހުއްޓެވެ! 

ޤައުމުގެ އަމަންއަމާންކަމާއި، ރައްޔިތުންގެ މަޞްލަޙަތާއި، ނިޒާމު ދެމެހެއްޓުމަށްޓަކައި އިސްލާމްދީނާ ޚިލާފު ނުވާގޮތައް ކަނޑައަޅާ ޤަވާޢިދުތަކާއި ޤާނޫނޫ ތަކަށް، އިސްލާމީ ޝަރީޢަތުގެ ޤަވާޢިދެއްކަމުގައިވާ "އަލްމަޞްލަޙަތުލްމުރްސަލާ" ގެ ދަށުން މުޅި މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތަށްޓަކައި ކަނޑައެޅިފައިވާ ކަންކަމެވެ. އެ ކަންކަމަށް ބޯލެނބުމަކީ ދީނީ ގޮތުން ވެސް ވާޖިބު ކުރާ ކަމެކެވެ. ދީނާ ޚިލާފު ނުވާގޮތައް ޤައުމުގެ އަމަންއަމާންކަމާއި ރައްޔިތުންގެ މަޞްލަޙަތާއި މުޖުތަމަޢުގެ ނިޒާމު ދެމެހެއްޓުމަށްޓަކައި ޤާނޫނާއި ޤަވާޢިދު އެކުލަވާލުމަކީ ދީނީ ގޮތުން ދައުލަތަށް ދެއްވާފައިވާ ބާރެކެވެ. 

މީގެ އަލީގައި ދެންނެވޭނީ ޓްރެފިކާ ބެހޭ ޤަވާޢިދަކީ ދީނާ އެއްގޮތަކަށް ވެސް ޚިލާފުވުމެއްނެތި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތާއި އެބައިމީހުންގެ ފުރާނައިގެ ސަލާމަތައްޓަކައި އެކުލަވާލެވިފައިވާ އެއްޗެއްކަމެވެ. ޓްރެފިކް ޤަވާޢިދުދައް ވަންނާނީ މަޞަލަޙަތުލްމުރްސަލާގެ ދަށަށެވެ. މިހެންކަމުން އެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެއާ އެއްގޮތަކަށް ޢަމަލުކުރުމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއްކަމުގައި މިޒަމާނުގެ ފިޤުހުވެރިން ދެކެލައްވައެވެ. 

މިފުރްޞަތުގައި ޓްރެފިކްޤަވާޢިދުތަކާ ބެހޭގޮތުން ބެހޭގޮތުން ސަޢުދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އެމަޖިލީހުން ނެރުއްވާފައިވާ ފަތުވާގެ ތަރުޖަމާ މިތަނުގައި ނަކަލު ކޮށްލާނަމެވެ. އެފަތުވާ އެމަޖިލީހުން ނެރުއްވި އިރު އެމަޖިލީހުގެ ރައީސަކީ މިހާރު އަވަހާރަވެފައިވާ މަޝްހޫރު ޢިލްމުވެރިޔާ އަލްޢައްލާމާ އިބުނު ބާޒު އެވެ.
ތިރީގައި މިވަނީ ފަތުވާގެ ތަރުޖަމާއެވެ، 

ޓްރެފިކް ޤަވާޢިދުތަކާ ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުން ދެއްވާފައިވާ ފަތުވާ

ފަތުވާ ނަމްބަރު: 15752

ސުވާލު:

ޤަވާޢިދާ ޚިލާފަށް ޓްރެފިކްލައިޓް ހުރަސްކޮށް ދިއުމާއި އަދި މިނޫނަސްވެސް މިކަމުގައި ޤަވާޢިދާ ޚިލާފަށްކުރެވޭ ކަންކަމުގެ ސަބަބުން ފާފަވެރިވާނެ ތޯއެވެ؟ މިސާލަކަށް: ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރުމިނުގައި ރަށުތެރޭގައްޔާއި ބޭރު ސަރަޙައްދުތަކުގައި ދުއްވުމާއި ޤަވާޢިދާ ޚިލާފަށް ޕާކުކުރުމާއި ވަކިން ޚާއްޞަކޮށް ނަމާދު ވަގުތުތަކުގައި ސަބަބަކާލައިގެންވެސް ނުވަތަ ސަބަބެއްނެތި އެހެން މީހުންނަށް އުނދަގޫވާ ގޮތައް ކަންތައްތައް ކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯއެވެ؟ ޙަރާމް ކަމެއްތޯއެވެ؟ ނުވަތަ މަކުރޫހަ ކަމެއްތޯއެވެ؟ މިކަމުގައި އަޅުގަނޑުމެންނަށް ފަތުވާއެއްދެއްވުމް އެދެމެވެ. ތިޔަބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާދެއްވާށިއެވެ. 

ޖަވާބު:

ޓްރެފިކް ޤަވާޢިދުތަކަކީ މީސްތަކުންގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ހެދިފައިވާ އެއްޗެކެވެ. މިހެންކަމުން އެޤަވާޢިދުތަކަށް ކިޔަމަންވެ އެއަށް ޙުރުމަތްތެރިކޮށް ހިތުމަކީ ދުއްވާ މީހުންގެ މައްޗައް ވާޖިބުވެގެންވާކަމެކެވެ.އެހެނީ އެކަމުގައި މީސްތަކުގެ މަޞްލަޙަތު ވާތީއެވެ. އެއާ ޚިލާފުވުމުގެ ސަބަބުން ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގުމާއި އެތައް ގެއްލުންތަކެއް މީސްތަކުންނަށް ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި އެހެން ގެއްލުންތައް ކުރިމަތިކުރުވައެވެ. މިސްކިތްތަކުގެ ކައިރީގައި ވަގުތުކޮޅަކަށް ޕާކުކުރުން ދަންނައެވެ! މީސްތަކުންނަށް އުދަގޫ ނުވާގޮތައް އާދަކާދައިގެމަތިން (ނަމާދުވަގުތުތަކުގައި) މިސްކިތްތަކުގެ ކައިރީގައި ޕާކުކޮށްލުމުގައި ﷲ އިރާދަކުރެއްވިއްޔާ މައްސަލައެއް ނެތް ކަމަށް އަޅުގަނޑުމެން ދެކެމެވެ.

ތައުފީޤު ދެއްވާނީ މާތް ﷲ އެވެ. އެކަލާނގެ ނަބިއްޔާ އަށް ޞަލަވާތާ ސަލާމްހުއްޓެވެ.

ފަތުވާ އާއި ޢިލްމީ ބަޙުޘްތަކާބެހޭ ދާއިމީ މަޖިލިސް

މިފަތުވާގައި ސޮއިކުރައްވާފައިވަނީ އަންނަނިވި ބޭކަލުންނެވެ.
1- ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިންބާޒު (ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މުފްތީ ޢާއްމު)
2- ފަޟީލަތުއްޝައިޚު ޢަބްދުﷲ ބިން ޣަދުޔާން (މަޖިލީހުގެ މެންބަރު)
3- ފަޟީލަތުއްޝައިޚު ޞާލިޙުބިން ފައުޒާން (މަޖިލީހުގެ މެންބަރު)
4- ފަޟީލަތުއްޝައިޚު ޢަބްދުލްޢަޒީޒް އާލު ޝައިޚު (މަޖިލީހުގެ މެންބަރު)
5- ފަޟީލަތުއްޝައިޚު ބަކުރު އަބޫޒައިދު (މަޖިލީހުގެ މެންބަރު)
ފަތުވާ ނިމުނީ.

މިއީ ޙަޤީޤަތުގައިވެސް ވަރަށް ބޭނުންތެރި ވާހަކަތަކެކެވެ. އިސްލާމްދީން އަޅުކަން ކުރަން އުގަންނައިދިން ފަދައިން އުޅެންވެސް ވަނީ އުގަންނައިދީފައެވެ. މުސްލިމުންނަކީ ފޮތެއް އޮތް ގޮތެއްވެސް ހުންނަންޖެހޭނެ ސުލޫކު ރަނގަޅު ބަޔަކަށް ވާންޖެހޭނެއެވެ.

 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން