ޚުޠުބާ: ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތްލިބިގަތުން-: އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުން!

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 2ސ
ޚުޠުބާ: ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތްލިބިގަތުން-: އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުން!

ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ الله تَعَالَىގެ ސުންނަތެވެ. އެކަލާނގެ އިރާދަފުޅެވެ. الله تَعَالَىއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައެވެ. އެހެނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ الله تَعَالَىގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީއެވެ. މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله سُبْحَانَهُ وَتَعَالَى ފޮނުއްވެވި ރަސޫލުބޭކަލުންނަށެވެ. ސަޢުދު ބުނު އަބީ ވައްޤާޞް رضي عنه، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ސުވާލު ކުރެއްވެވިއެވެ. يَا رَسُوْلَ اللهِ، أَيُّ النَّاسِ أَشَدُّ بَلَاءً؟ قَالَ: (اَلْأَنْبِيَاءُ، ثُـمَّ الْأَمْثَلُ فَالْأَمْثَلُ، فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِيْنِهِ)[1] މާނައީ: "އޭ ﷲގެ ރަސޫލާއެވެ. އެންމެ ބޮޑަށް މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކޮންބަޔަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަބީބޭކަލުންނާއެވެ. ދެން (އީމާންކަމުގެ ގޮތުން) އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ފަހެ، އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ." 

މާތް اللهގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލާނގެ  ކުރެއްވި އިމްތިޙާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށް ގެންނާށެވެ! الله تَعَالَى އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވިއެވެ. ޢަދަދު ނުކުރެވޭ ވަރަށް  ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވިއެވެ. ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވިއެވެ. އޭގެ ފަހުގައި الله تَعَالَى އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވެއެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވިއެވެ. ހުރިހައި އަޅުންނާއި، ޚާދިމުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭފާނު ދޫކޮށް ދިޔައެވެ. އަރިހުގައި ދެމިތިއްބެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނަށް ހެނދުނާއި ހަވީރު ޒިޔާރަތްކުރަމުން ދިޔަ އެކަލޭގެފާނުގެ އަރިސް ދެ އަޚުންނެވެ. ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (‏‏إِنَّ أَيُّوبَ نَبِيَّ اللهِ لَبِثَ فِيْ بَلَائِهِ ثَـمَانِيَ عَشْرَةَ سَنَةً، فَرَفَضَهُ الْقَرِيْبُ وَالْبَعِيْدُ، إِلَّا رَجُلَيْنِ مِنْ إِخْوَانِهِ، كَانَا مِنْ أَخَصِّ إِخْوَانِهِ، كَانَا يَغْدُوَانِ إِلَيْهِ وَيَرُوْحَانِ..)[2]  މާނައީ: "ހަމަކަށަވަރުން الله تَعَالَىގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގަތް އާލާސްކަންފުޅުގައި އަށާރަ އަހަރު ހޭދަކުރެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެކަލޭގެފާނުގެ ހުރިހައި ރަޙްމަތްތެރީން އެކަލޭގެފާނު ދޫކޮށްދިޔައެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ޒިޔާރަތްކުރަމުންދިޔަ އެކަލޭގެފާނުގެ އެންމެ އަރިސް ދެ އަޚަކު ފިޔަވައެވެ." 

ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ. އެކަލޭގެފާނުގެ ކިބައިން އެކަން ޤަބޫލުކުރައްވައި، މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهلންނާ އެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ." 

ކީރިތި ޤުރްއާނުގައި މި ފަދަ ޢިބުރަތްތެރި ވާހަކަތައް الله تَعَالَى ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމަށް ޓަކައެވެ.  މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----[3] މާނައީ: "ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآنއަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހައި ކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمةއެއް ކަމުގައިވާ ފޮތެވެ." 

އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "އަދި رسولންގެ خبرތަކުގެ ތެރެއިން މި އެންމެހައި خبرތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި خبرތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، حق ތެދުބަސްފުޅެވެ. އަދި مؤمن ތަކުންނަށް وعظ އަކާއި، ހަނދާންކޮށްދިނުމެކެވެ." 

الله تَعَالَىގެ އިމްތިޙާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ޙާލުން އައްޔޫބުގެފާނު ސަލާމަތްކޮދެއްވީ ކޮންފަދައަކުންކަން އަހަރެމެން ނިކަން ވިސްނައި ފިކުރުކޮށްލަމާހެއްޔެވެ! މާތް الله ވަޙީކުރައްވައިފައި ވެއެވެ.  ----- މާނައީ: "ތިމަންރަސްކަލާނގެ އަޅު أيّوب ގެފާނު ހަނދުމަ ކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ. (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެ ތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާ އެކު ހަމަ އެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ." 

އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި الله تَعَالَى ލެއްވެވި ފެންއާރުން ނާނޭފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އެކަލޭގެފާނު އިއާދަ ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށް ވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ދެއްވިއެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ޘާބިތުކަމުގެ ސަބަބުން الله تَعَالَى އެކަލޭގެފާނަށް ތަޢުރީފުގެ ބަސް  ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: "ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ." 

އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަމެވެ. ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުންކަމެވެ. ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަމެވެ. އެކަލޭގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހައި ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދު ވެސް އެކަލޭގެފާނު الله تَعَالَىއަށް ޛިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމިއޮންނެވިއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދެއްކޮށެއްނޫނެވެ.

އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން الله تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނުކުރައްވާނެކަމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، الله ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިން ވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ." 

އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރްބާނީއެވެ. އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދު ވެސް އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވިއެވެ. އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅުއަރުވަމުން، އެކަލޭގެފާނުގެ ޚިދުމަތުގައި ދެމި ހުންނެވިއެވެ.

މިއަދު އޮންލައިން