މުޞީބާތެއް ކުރިމަތިވެއްޖެނަމަ ގިނަ ބައަކު އެންމެ ގިނައިން ދައްކަނީ މިއާޔަތުގެ ވާހަކައެވެ. ގިނަ ބައަކު މެސެޖު ކުރަނީވެސް މިއާޔަތެވެ! ހިތްވަރުދޭނީވެސް ހަމަ މިއާޔަތުންނެވެ. ވީމާ މިއާޔަތާއިމެދު ތަންކޮޅެއް ބޮޑަށް ވިސްނައިލަމާހިނގާށެވެ!
ކޮންމެ މީހަކަށްވެސް މުޞީބާތެއް ޖެހިއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދާންކުރަން ބޭނުންވެއެވެ! އަދި ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާއަކީ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ މީހެއް ކަމުގައި ވުމަށެވެ!
"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" އަލްބަޤަރާ: 152)
އާޔަތުގެ ކުރީބައިގެމަތިން އެވަރަށް ހަނދާންކުރާއިރު އަދިވެސް ގިނަބައަކަށް ވަނީ ފަހު ބައި މަތިން ހަނދާން ނެތިފައެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭ ކަމާއި ދުނިޔޭގައި އުޅެން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެވެ. ﷲ ތައާލާއަށް ކާފިރު ނުވާން އޮތް ބަސްފުޅެވެ.
މީސްތަކުންނޭވެ! ﷲ ތައާލާއަށް ކާފިރު ނުވެ ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ހުރެވޭނީ ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށްގެންނެވެ! ވިސްނަންވީ އަބަދުވެސް ދެމިހުންނަންވީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅެއްގެ ގޮތުގައި ކަމެވެ. ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ކަމެވެ.
ޔަޤީން ކުރަންވީ އެއިރުން ތިމާގެ މަތިން ﷲ ތަޢާލާ ހަނދުމަ ކުރައްވަވާނެ ކަމެވެ. އެއްވެސް މީހަކީ އެމީހެއްގެ މަތިން ﷲ ތައާލާ ހަނދުމަކުރައްވަވާ އަޅަކު ކަމުގައި ވެވިއްޖެ ނަމަ އަބަދުވެސް ހުންނާނީ ސަލާމަތާއި އުފާފާގަތިކަންމަތީގައި ކަމެވެ!
މަސައްކަތްކުރަންވީ ހަމައެކަނި ދަތިޙާލެއްގައި ޖެހުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅަކަށް ނުވުމަށެވެ. އަބަދުވެސް ﷲ ތަޢާލާގެމަތިން ހަނދުމަކުރާ އަޅަކަށްވުމަށެވެ. ކުރިމަތިވެފައިވާ މައްސަލަތަކާއި ކުރިމަތިވާންހުރި މައްސަލަތަކުން ސަލާމަތްވުމަށްވެސް އޮތް މަގަކީ ހަމައެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން