މަރަށް ބިރުގަންނަ މީހުން މަދުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މަރަށް ބިރުގަންނަ މީހުން މަދުވެއްޖެ!

ކޮންމެ ދުވަހަކު އެތައް ބައަކު މަރުވެ ވަޅުލެވޭތަން އެބަފެނެއެވެ. އެކަމަށް ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ! ޖަނާޒާތައް ތިމާމެންގެ ލޯމަތީގައި ކޮންމެ ދުވަހަކު ތަކުރާރުވަމުންދާތީ އަސަރު ވެސް ކުރާނެއެވެ. މާދަމާ މަރުވެ ވަޅުލެވޭނީ ތިމާ ނޫންބާވައެވެ ވެސް ހިތަށް އަރާނެއެވެ. ސުވާލަކީ މަރަށް ބިރުވެތިވެވި ރަނގަޅު ނިމުމެއް ހޯދަން މަސައްކަތްނުކުރެވޭނަމަ މިއިން އެއްވެސް ކަމަކުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟

މިއާޔަތަށް ވިސްނައިލުމުން ހިތްވަރު އިތުރުވެގެންދާނެއެވެ!

"ކޮންމެ އުއްމަތަކަށްމެ އަޖަލެއް ވެއެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ." (އަލްއައްރާފް: 34)

ވިސްނާލަންވީ ކަމަކީ ﷲ ތަޢާލާ އެމީހަކާއިމެދު ކަނޑައަޅުއްވަވާ އަޖަލު ހަމަވުމުގެ ކުރިން މަރުނުވާނެ ކަމެވެ! އަދި އަޖަލު ހަމަވުމުން ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުނިޔޭގައި ނުހުރެވޭނެ ކަމެވެ.

ވީމާ ބުއްދީގެ ބޭނުންކޮށް ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! އަޖަލު ހަމަވުމުގެ މައްސަލަ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އަހަރެމެންނަށް އޮތީ ދުނިޔޭގައި ހުރެވޭ ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރަން މަސައްކަތްކުރުމެވެ. ބިރުގަންނަންވީ މަރުވެދާނެތީއެއް ނޫނެވެ. މަރުވުމުން ތިމާއާއިއެކު ގެންދެވޭނެ ހެޔޮ ޢަމަލުތައް މަދުވެދާނެތީއެވެ.

ދުނިޔޭގައި ތިބިހާ ދުވަހަކު ދުނިޔެ ހޯދަން މަސައްކަތްކުރެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވިސްނަންވީ ދުނިޔެ ހޯދަންކުރާ މަސައްކަތަށްވުރެ އާޚިރަތް ހޯދަން ކުރާ މަސައްކަތް ބޮޑުތަނުން ގިނަކުރުމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. ކޮންމެ ވަގުތަކު ތިމާ މަރުވިނަމަވެސް އާޚިރަތް ލިބޭނީ އެއިރުންނެވެ.

މަރަށް ބިރުގަންނަ މީހުން މަދުވެއްޖެކަމަށް ބުނަން މިޖެހެނީ މަރުވުމަށް ތައްޔާރުވާ މީހުން މަދުވާތީއެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހުން މަދުވާތީއެވެ. ބިރުގަނެވޭނަމަ ޢަމަލުތައް އިޞްލާޙްކޮށް އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން