ގޭގެ ގިނަ ބައަކަށް އަބަދުހެން ބަލިވެއުޅެންޖެހޭތީ ކަންބޮޑުވުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރަން އޮތީ މިއާޔަތަށް ޢަމަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގޭގެ ގިނަ ބައަކަށް އަބަދުހެން ބަލިވެއުޅެންޖެހޭތީ ކަންބޮޑުވުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރަން އޮތީ މިއާޔަތަށް ޢަމަލުކޮށްގެން!

އެންމެ އާދައިގެ ރޯގާއެއް ޖެހުނަސް އެކަމުން ސަލާމާތްވާން ނަގާ މުއްދަތު ދިގުވެއްޖެއެވެ. އުފުލަންޖެހޭ ތަކްލީފްތައް އެތައް ގުނައަކަށް ބޮޑުވެއްޖެއެވެ. އެއް ބައަކު ބުނަނީ މިޙާލަތަށް މިދިއައީ ކޮރޯނާ ވެކްސިން ޖެހިފަހުން ކަމަށެވެ. ބައެއް ޑޮކްޓަރުން ބުނަނީ ކޮރޯނާއަށްފަހު ފެތުރޭ ރޯގާތަކުގެ ބާރުގަދައީކަމަށެވެ!

ދެން ވިސްނައިލަންވީ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށެވެ. ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހޭ މީހުންގެ ޢަދަދާއި ބަލީގައި މަރުވާ މީހުންގެ ޢަދަދު އަންނަނީ އަހަރަކުން އަހަރަކަށް އިތުރުވަމުންނެވެ.

އެކަމަކު ބޭސްވެރިކަމުގެ ގޮތުން ދުނިޔެދަނީ ކުރިއަރަމުންނެވެ. ކޮންމެ އަހަރަކު ތަފާތު އައު އީޖާދުތަކެއް ކުރެވެއެވެ. އިތުރު ފަރުޥާތަކެއް ހޯދެއެވެ. ސުވާލަކީ މިވަނީ ކިހިނަކުން ހެއްޔެވެ؟ ނަތީޖާއެއް ނުހޯދިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ." (އައްޝުޢަރާ: 80)

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެވެސް ރޯގާއެއްޖެހި ނުވަތަ ބޮޑު ބައްޔެއްގައި އުޅެންޖެހިފައިވާ މީހުން ވަރަށް ގިނައެވެ. އަދި ގިނަ ޢަދަދެއްގެ ކުޑަކުދިންނަށްވެސް ދަނީ ތަފާތު ރޯގާތަކާއި ބަލިތައް ޖެހެމުންނެވެ.

ކޮންމެ ގެއަކަށް ބެލިނަމަވެސް އެތައް ބައަކު އުޅެނީ ބަލިވެއެވެ. ވީމާ ބަލި ފަސޭހަކޮށްދެއްވަވާ ﷲ އަށް ވަކީލުކޮށް ކުއްތަންވާން މަސައްކަތްކުރާށެވެ!

ކިތަންމެ މޮޅު، ތަޖުރިބާހުރި ޑޮކްޓަރަކު ކިތަންމެ މޮޅު ބޭހެއްދިނަސް ޝިފާލިބުން އޮތީ އެކަލާނގެ ދެއްވެވުމުންނެވެ! އެއީ ކިތަންމެ ކުޑަކުޑަ އާދައިގެ ބައްޔެއް ނަމަވެސް އަދި ބޮޑު ބައްޔެއް ނަމަވެސްމެއެވެ. އެބޭހުގެ ފައިދާކުރާނީ ﷲ ތަޢާލާ އެކަމުގައި ބަރަކާތް ލެއްވެވުމުންނެވެ.

ދެން މިބުނަނީ ގިނަ ބައަކު އެންމެ އަޑުއަހަން ބޭނުންނުވާނެ އެއް ވާހަކައެވެ. ބަލިތައް ގިނަވެ ގޭގެ ގިނަ ބައަކު އަބަދުހެން ބަލިވެއުޅޭތީ ކަންބޮޑުވާއިރު އެގެއެއްގެ އަހުލުވެރިންގެ ތެރެއިން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ގޭގެ ޙާލަތު އަހަރުން އަހަރަށް ބަދަލުވަމުން އަންނަނީ ހަމަ ރަނގަޅަށް ހެއްޔެވެ؟ މިކަންކަމަށް ވިސްނައި ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަން އަދިވެސް ނުވަނީހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން