ކިތަންމެ ގިނަ ތަފާތު ދީންތަކުގެ މީހުންނާއިއެކުގައި އުޅެންޖެހުނަސް މުސްލިމުން ހިފަހައްޓަންޖެހޭނެ އެއްކަމަކީ އެއްވެސް ކަމެއްގައި ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ބަރޯސާ ނުވުމެވެ. ކޮންމެ ކަމަކަށްވެސް ވާގިއެދޭ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހެދުމެވެ.
ނަމަވެސް މުސްލިމުންގެ ގިނަ ބައަކު، ޚާއްޞަކޮށް ގިނަ ޤައުމުތަކުން ކޮންމެ ކަމަކަށްވެސް ބަރޯސާވަނީ ކޮންމެވެސް އެހެން ދީނެއްގެ ބައަކަށެވެ. ނަތީޖާއަކަށްވަނީ އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރަންޖެހުމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެވެސް މުސްލިމް ޤައުމަކަށް ކޮންމެވެސް ބާވަތެއްގެ ކަންތައްތަކެއް ކުރިމަތިވެގެން އުޅެން ނުޖެހޭ ދުވަހެއް ނުފެނެއެވެ. މުސްލިމުން އެންމެ ގިނަ ބައެއް ޤައުމުތަކުގެ މިއަދުގެ ޙާލަތަށް ބަލާލައިފިނަމަ ފެންކަޅިނުވާނެ މުސްލިމަކު ނުހުންނާނެއެވެ.
ކޮންމެ މީހަކުވެސް އެމީހާގެ ޙާލަތު ބަޔާންކޮށް ﷲ ތައާލާއަށް ގިނަގިނައިން ދުޢާކޮށް އާދޭސް ދަންނަވަމުން ގެންދާށެވެ! މިއީ ﷲ ތައާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރަންވީ ވަގުތެވެ. އެކަމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވީ ވަގުތެވެ.
މިއީ އެހެން ހުރިހާ ކަމަކަށްވުރެ ﷲ ތައާލާއަށް ބަރޯސާވުން އިސްކުރަންވީ ވަގުތެވެ! އެހެން ކިތަންމެ ގިނަ ފަރާތަކަށް ބަރޯސާވި ނަމަވެސް އެއްވެސް ޙައްލެއް ނެތްކަމުގެ ހެކިތައް ﷲ ތަޢާލާ އެގެންދަވަނީ ދައްކަވަމުންނެވެ. އަހަރެމެންނަށް އޮތީ ވިސްނައި ފިކުރުކުރުމެވެ.
ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންބޮޑުވުންތައް ބާއްވައިގެން ދިރިއުޅެން ޖެހިފައިވާ މީހެކެވެ. ތިބާގެ ހިތުގައި އުފެދިފައިވާ ހާސްކަމާއި ކަންބޮޑުވުންތަކަށް ތަސައްލީއެއް މިންވަރުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި އެ ދުޢާމަތީގައި ސާބިތުވެ ހުންނާށެވެ! ބިރުވެތިވާންވީ ޤިޔާމަތް ދުވަހަށެވެ. އެދުވަހު ތިމާއަށް މެދުވެރިވެދާނެ ކަންކަމަށެވެ.
ޔަޤީންކުރާށެވެ! އަހަރެމެން ކޮންމެ މީހަކަށްވެސް އުޅެންޖެހިފައިވާ ޙާލަތު ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ ރުއްސެވުން ލިބިއްޖެ އަޅަކަށް މެނުވީ ސަލާމަތްކަމެއް ނެތެވެ. ހިނިތުންވުން ލިބެން އޮތީ ﷲ ތަޢާލާ މިންވަރުކޮށްދެއްވެވުމުންނެވެ. ހިތްހަމަޖެހުމާއި ހިނިތުންވުން ލިބެން އޮތީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! ވީމާ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް ކިޔަމަންތެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ!
--މުފްތީ މެންކުގެ ނަޞޭޙަތެއް