ޤިޔާމަތްވުމުގެ ވަޤުތު ގާތްވަމުން އަންނަކަން އެނގޭއިރު ތިމާގެ އަޖަލު އައިސް ބައްދަލުކުރުމުގެ ކުރިން ސަލާމަތްކަން ލިބިގަންނަން މަސައްކަތްނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޤިޔާމަތްވުމުގެ ވަޤުތު ގާތްވަމުން އަންނަކަން އެނގޭއިރު ތިމާގެ އަޖަލު އައިސް ބައްދަލުކުރުމުގެ ކުރިން ސަލާމަތްކަން ލިބިގަންނަން މަސައްކަތްނުކުރަނީ ކީއްވެ؟

ޤިޔާމަތްވުމުގެ ވަގުތު އަންނަނީ ގާތްވަމުންނެވެ! ރަސޫލް (ﷺ) އުފަންވެވަޑައިގަތުމަކީވެސް އެކަމުގެ ޢަލާމާތެކެވެ. ޤިޔާމަތްވުމުގެ ކުރިން ފައުޅު ކުރައްވަވާނެ ކުދިކުދި ޢަލާމާތްތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މިހާރުވެސް މިވަނީ ފައުޅުވެފައެވެ. ފައުޅު ނުވަނީ ވަރަށް މަދު ކުދި ޢަލާމާތެވެ! އެންމެ ފަހު ވަގުތު ފައުޅުވާނެ ބޮޑެތި ޢަލާމާތްތަކެވެ.

ދުނިޔެ މިދަނީ ނިމެންކަމާއި ޤިޔާމަތްވުމުގެ ވަޤުތު ގާތްވަމުން އަންނަކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެކަންކަން ޤަބޫލުވެސް ކުރެވޭނެއެވެ. ނމަވެސް ހިތާމައަކީ ތިމާ ކުރަންޖެހޭ ކަންކަން ކުރަމުން ނުގެންދެވޭކަމެވެ.

މިރޭ ދައްކަން މިއުޅެނީ ޢަލާމާތްތަކުގެ ވާހަކައެއް ނޫނެވެ. ޤިޔާމަތްވުމުގެ ވަގުތު ގާތްވަމުން އަންނަ ވާހަކަ އާއި މީސްތަކުން ﷲ ތައާލާ އާއި ދުރަށް ޖެހެމުން އަންނަ ވާހަކައެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ އާއި ދުރަށް ޖެހުން ކަމަށް މިބުނަނީ ދުރުމިނުގެ ގޮތުން ދުރުވަމުން އަންނަ ވާހަކައެއް ނޫނެވެ. އެކަން ކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވެއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކީ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. ވީމާ ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންފި ކޮންމެ ހިދެއްގައި ކޮންމެ ފަދަ ޙާލަތެއްވެސް މިންވަރު ކުރެއްވެވުމުގެ ހުރިހާ ބާރުތަކެއް ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. އެއްވެސް މީހަކަށް ފިލަން ދުރަށް ދިއުމުގެ އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ.

މިބުނާ ބަހަކީ ﷲ ތައާލާގެ އަމުރުފުޅުތަކާއި ދުރަށް ޖެހެމުން އަންނަ ވާހަކައެވެ. ﷲ ތަޢާލާގެ ވަހީ ބަސްފުޅުތަކާއި ދުރުވެވެމުން އަންނަ ވާހަކައެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކަށް އިހްމާލުވެ ފަރުވާ ކުޑަކުރެވުން އިތުރުވެފައިވާ ވާހަކައެވެ. ކީރިތި ޤުރްއާނަށް ދޭން ޖެހޭ ސަމާލުކަން ނުދީ ދޫކޮށްލެވެމުން އަންނަ ވާހަކައެވެ.

މަރުވާންޖެހޭނެ ކަމާއި މަރުވުމުން ކައްވަޅުން ފެށިގެން ޖަޒާ ލިބޭނެކަން ޤަބޫލުކުރާ ޙާލުގައިވެސް އެކަންކަމަށް ބިރުނުގަންނަ ވާހަކައެވެ. ޤިޔާމަތްދުވަހަށާއި ނަރަކައިގެ ގަދަފަދަ ޢަޛާބުގެ ކަންކަން އެނގޭއިރުވެސް އެކަންކަމަށް ބިރުވެތި ނުވެވޭ ވާހަކައެވެ!

މީސްތަކުންނޭވެ! މިބުނި ބަސްތަކަށް ވިސްނާށެވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމަކީ އެއީއެވެ! ޤިޔާމަތްވުމުގެ ވަގުތު ކައިރިވަމުން އަންނަކަން އެނގޭއިރު ﷲ ތަޢާލާ އާއި ދުރަށް ޖެހެވޭނަމަ ޤިޔާމަތް ދުވަހު އެމީހާގެ ޙާލަކީ ކޮބައިކަމާއިމެދު ފުންކޮށް ވިސްނާށެވެ! ދުނިޔޭގެ ނިމުން ކޮންމެ ދުވަހަކު އަޔަސް ތިމާގެ އަޖަލު އައިސް ބައްދަލުކުރުމުގެ ކުރިން ސަލާމަތްކަން ލިބިގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން