ޢާއިޝަތު ރަފާޙް ޢަލީ
ގެއަށް ބަރަކާތް ލިބޭ ސަބަބުތަކުގެ ތެރޭގައި ޞަދަޤާތް ކުރުން ހިމެނެއެވެ.
ޞަދަޤާތް ކުރުމަކީ ފާފަ ފުހެވިގެން ދާނެ ކަމެކެވެ. ޞަދަޤާތް ދޭއިރުގައި ދޭންވާނީ ވަންހަނާކޮށެވެ. ސަބަބަކީ ޞަދަޤާތް ދޭ މީހާ ދެއްކުންތެރި ކަމުން ދުރުކޮށްދޭ ކަމަކަށް ވާތީއެވެ.
މީގެ އިތުރުން ޞަދަޤާތް ދިނުމަކީ މުޞީބާތްތަކުން ދުރުކޮށްދޭ، ބަލިތަކުން ރައްކާތެރިކަން ލިބިގެންދާ، މުދަލުގައި ބަރަކާތް ލެއްވުމާއި، ހިތައް ހަމަޖެހުން ލިބިގެންދާ ކަމެކެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
”سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ ”
މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”
އެގޮތުން ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުވެސް ﷲ ތަޢާލާ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ 7 ބާވަތެއްގެ މީހުންގެ ތެރޭގައި، ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ ހިމެނެއެވެ. އެހެންކަމުން އަޅުގަނޑުމެން ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ޞަދަޤާތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މީގެ އިތުރުން އަޅުގަނޑުމެން ޞަޙާބީ ބޭކަލުންގެ ޙަޔާތްޕުޅަށް ބަލާލި ކަމުގައިވިޔަސް ފެންނާނީ ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް އެބޭކަލުން ޞަދަޤާތް ކުރެވޭތޯ ބެލުމެވެ.
ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 92 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴿٩٢﴾
މާނައީ: "ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ. (92)"