މީހަކަށް ކުށެއް ކުރެވުމުން މާފުކޮށްފިނަމަ ތިމާއަށް ލިބިފައިވާ ބާރާ ޤަދަރު އުނިވާނެކަމަށް ހީކުރުމަކީވެސް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މީހަކަށް ކުށެއް ކުރެވުމުން މާފުކޮށްފިނަމަ ތިމާއަށް ލިބިފައިވާ ބާރާ ޤަދަރު އުނިވާނެކަމަށް ހީކުރުމަކީވެސް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެހެން މީހަކަށް މާފުކޮށްފިނަމަ ތިމާއަށް ލިބިފައިވާ ބާރާއި ޤަދަރަށް އުނިކަން އަންނާނެ ކަމަށެވެ. އެހެންވެ ބައެއް ފިރިން އެމީހުންގެ އަނބިމީހާއަށް މާފުކުރަންވެސް ފަސްޖެހެއެވެ. ނަމަވެސް މިއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ.  

ވިސްނައިލާށެވެ! ކިތަންމެ ބޮޑު ބާރުތަކާއި ތަނަވަސްކަމާއި ޤަސަރާއި ޢިއްޒަތެއް ލިބިފައިވާ މީހަކުނަމަވެސް އެއްވެސް މީހަކީ އެއްވެސް ބުރަދަނެއް ހުރި މީހެއް ނޫނެވެ. މިބުނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކީ ވަރަށް ނިކަމެތި މީހެއް ކަމަށެވެ. މަދިރިއެއްގެ ފިޔައިގައި ހުރި ބުރަދަންވެސް މުޅި ދުނިޔެއާއި ދުނިޔޭގައިވާ އެންމެންނާއި އަދި ދުނިޔޭގައިޥާހައި އެއްޗެއް އެއްކުރުމުންވެސް ނެތްކަމަށް ޙަދީޘްފުޅުތަކުން އެނގެން އޮތުމުންނެވެ.  

އެންމެހައި ބާރުތަކާއި އެންމެ މަތިވެރި ޤަދަރާއި މިހެން ގޮސް ހުރިހާ ކަންކަމެއްގެ އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއީ މީސްތަކުންނަށް ޢަފޫކުރެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެންނަށް މިއުޅެނީ ޙަޔާތުގެ ބައިވެރިޔާވެސް ހިމެނޭ ގޮތަށް މީހަކު ނުބައި ކަމެއް ކޮށްފިނަމަ އެކަމަކަށް މާފުކުރަން އުނދަގޫވެގެންނެވެ. މާފުނުކުރެވިގެންނެވެ. އެކަމަކު މުޅި ޢުމުރުގައި އެންމެ ބޮޑު ފާފަ، ޝަރީކުރުމަށްފަހުވެސް ތައުބާވެއްޖެނަމަ ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ.  

ވީމާ އެއްވެސް މީހަކަށް މާފުކުރަން ފަސްނުޖެހޭށެވެ. ޒަވާޖީ ޙަޔާތްވެސް އަދި އަމިއްލަ ދިރިއުޅުންވެސް ކާމިޔާބުކޮށް އާޚިރަތްވެސް ކާމިޔާބުކުރެވެނީ މާފުކުރުމުގައި ދީލަތިވާ މީހުންނަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން