އަނބި މީހާ ނަމަވެސް ފަހަރި ނަމަވެސް މައިމީހާ ނަމަވެސް އަދި އެހެން މީހަކު ނަމަވެސް ކައްކާނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެމީހަކަށް ކެއްކުނު އެންމެ މީރުކޮށެވެ! ނަމަވެސް ވަކަރުގަނޑު ހަލާކުވާނީ މާވަޑިއާ އަތުން ކަމަށް ބުނާ އުޞޫލުން މީރު ނޫން ގޮތަކަށްވެސް ކެއްކިފައި ހުރެދާނެއެވެ! ނުބައިކޮށް ކެއްކޭނީ ވެސް ކައްކާ މީހާއަށެވެ! އެކަން ޤަބޫލުކުރަންވާނެއެވެ!
ގޭގައި ކައްކާފައި ހުންނަ ކާތަކެތީގެ ރަހަ ނުބައިކަމަށް ނުބުނާށެވެ! ފާޑުކިޔައި ރުޅި އައުން ފަދަ ކަންކަން ނުކުރާށެވެ! މީރު ނަމަ ގިނައިން ކާށެވެ! މީރު ނޫންނަމަ މަދުން ކާށެވެ! ރަހައެއް އިޞްލާޙްކޮށްލަން ބޭނުންނަމަ ވެސް ފާޑުކިޔުމުގެ ބަދަލުގައި ގެންނަންވީ އިޞްލާޙް ވަރަށް ލޯބިން ބުނެލާށެވެ! "ތންކޮޅެއް ހަވާދުގިނަކޮށްލިނަމަ އަދި މާމީރުވާނެ!" ފަދަ ހިތްވަރުގެ ބަސްތަކުން ރަހަކިޔާށެވެ.
އެހެނީ ރަސޫލް (ﷺ) ދުވަހަކުވެސް ފަރިއްކުޅުއްވަވާ ތަކެތީގެ ރަހަ މީރުފުޅު ނުވެގެން ޝަކުވާ ކުރައްވާފައެއް ނުވެއެވެ. ގަނޑުވަރުކޮޅުގެ އިތުރުން ބޭރުން އަރުވާ ދައުވަތުތަކުގައިވެސްމެއެވެ.
ކެއްކުމަކީވެސް ހަމައެކަނި އަނބިން ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. ދެމީހުންވެސް ކުރަންޖެހޭ ކަމެކެވެ. ވީމާ އަނބިމީހާ ކައްކާއިރު އެހީތެރިވާށެވެ! ކައްކަން ނުއެނގޭނަމަ ކައްކަން ދަސްވެސްކުރާށެވެ! ކައްކަން އެނގޭނަމަ ދެމަފިރިންގެ މެދުގައި މުބާރާތް ވެސް ބާއްވާށެވެ! އެފަދަ ކަންކަމަކީ ދެމަފިރިންގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަންކަމެވެ!
ރައްޓެއްސަކު ބުންޏެވެ! "އޭނާއަށް ކައްކަން ނޭނގޭތީ ކުރާ ކަމަކީ އަނބިމީހާއަށް ތަށި ތެލި ދޮވެދިނުމެވެ! އަނބިމީހާ އޭނާގެ "ވަޒީފާ" ގެއްލިދާނެ ކަމުގެ ބިރަށް ކައްކަން ދަސްކޮށެއް ނުދިނެވެ." ކިހައި އެކުވެރި ހެއްޔެވެ؟ އުފާވެރިކަން ލިބުންވަނީ އެކުވެރި ދިރިއުޅުމުގައެވެ! އަމުރުވެރި ދިރިއުޅުމަކު ނޫނެވެ! ކައްކައިދޭ މީހާގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ނުބުނާށެވެ. ރަހަ މީރުކޮށްލަން އިތުރަށް ކުރެވިދާނެކަމެއް ވަރަށް ލޯބިން ބުނެލަދޭށެވެ. އެއިރުން އިޞްލާޙްކުރާނެއެވެ. ނޫންނަމަ ވާނީ ފޫއްސެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. ކައްކާ ތަކެއްޗަށް އަބަދު ފާޑުކިޔައި ރުޅިގަދަކުރާނަމަ އަނބިންނަށް އަބަދުވެސް ތިބެންޖެހޭނީ ރަހަނުބައިވެދާނެތީ ބިރުންނެވެ. ރަހަބަލާފައި ބުނާނެ އެއްޗެއް ނުއެނގޭތީ ކަންބޮޑުވެފައެވެ. އެހެން ތިބެންޖެހުމުން އޮންނާނީ މީރުކުރަން ބޭނުންވާވަރަށް މީރުވެސް ނުކުރެވިފައެވެ. ވީމާ ކައްކައިދޭ މީހާ ބިރުގަންނަވަރަށް ފާޑުނުކިޔާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން