ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު އެންމެ ގިނަ މައުލޫމާތު ލިބެމުން މިދަނީ ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުގެ އިތުރުން ސައިންސްގެ ހޯދުންތަކުންނެވެ. ސައިންސްވެރިންނަށް ﷲ ތަޢާލާ ދެއްވަވާ ޢިލްމުންނެވެ. ހަމައެކަނި މިކަންކަމަށް ނިކަން ވިސްނައިލަބަލާށެވެ!
އިރުގެ މޫނުމަތި ފުރާލަން 1.3 މިލިއަން ދުނިޔެ ބޭނުންވެއެވެ. އިރަކީވެސް ހަމަ އެންމެ "ތަރި" އެކެވެ. ގެލެކްސީގައި އެތައް މިލިއަން މިލިއަން ތަރިތައް ވެއެވެ. ކައުނުގައި އެތައް ޒިލިއަން ގެލެކްސީތަކެއް ވެއެވެ.
މިހުރިހާ ތަކެއްޗެއް ދައުރުކުރެއެވެ. ހުއްޓި ހުންނަނީއެއް ނޫނެވެ. ނަމަވެސް އެކްސިޑެންޓެއް ނުވެއެވެ! ޖެހި ފައްތަރުވެގެން އުޅޭކަށް ނުޖެހެއެވެ.
ﷲ ތައާލާ 7 އުޑު އުފައްދަވާފައިވާއިރު މިހުރިހާ ތަކެތި ވަނީ ހަމައެކަނި އެންމެ ތިރީ އުޑުގައެވެ. ދެންހުރި އުޑުތަކާއި އެތަންތަނުގެ ބޮޑުމިނަށް ނިކަން ވިސްނައިލަބަލާށެވެ! އެ އުޑުތަކުގައި ވާނެ ކަންތައްތަކަށް ނިކަން ވިސްނައިލަބަލާށެވެ!
ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކި ކަމުގައި މިކަންކަން ނުވަނީ ހެއްޔެވެ؟ ވިސްނައި ފިކުރުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން