މިމަގުން ޢަމަލުކުރާނަމަ ޝައިޠޯނާއަށް ތިބާއާއި ކައިރިވެސް ނުވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މިމަގުން ޢަމަލުކުރާނަމަ ޝައިޠޯނާއަށް ތިބާއާއި ކައިރިވެސް ނުވެވޭނެ! އިން ޝާ ﷲ

މިސްކިތްތަކުގެ އަހުލުވެރިންނަށްވެ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާ ގިނަ ޒުވާނުންނަށް ބަލާށެވެ. އެއިގެ ތެރެއިން ގިނަ ޒުވާނުން ފުރަތަމަ މިސްކިތަށް ދާންފަށާފައިވާނީ އެކަމަށް މާބޮޑު ޝައުޤުވެރިކަމެއް އުފެދިގެނެއް ނޫނެވެ. އެހެން މީހުންވެސް މިސްކިތަށްދާތީއެވެ. ނުވަތަ ކޮންމެވެސް އެކުވެރިއަކު މިސްކިތަށް ގޮސްއުޅޭތީއެވެ. 

މިސްކިތަށް ދާންފަށާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެޒުވާނުންނަށް އެހައި ބޮޑު ބަދަލެއް އައިސް މިސްކިތަށާއި އަޅުކަމަށް ހިތްޖެހެނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާހިނގާށެވެ! އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބަކީ އަޅުކަންކުރަން ފެށުމުން ހިތް ޠޯހިރުވަނީއެވެ. ޖަހާފައިވާ ދަމިލަތައް ފިލައިގެންދަނީއެވެ. އެހިސާބުން ޙައްޤުމަގު ވިސްނެނީއެވެ. 

މިއީ މިކަން ހިނގަމުންދާނެ ގޮތެވެ. ތަގްވާވެރިކަމާއިދިމާއަށް ދާންބޭނުންވާނަމަ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ހިތް ސާފުކޮށް ޠޯހިރުކުރުމެވެ. ކުރިން މިބުނިފަދައިން އެކަން ކުރެވެން އޮތް ގޮތަކީ ހިތް ޠޯހިރުކުރުމެވެ. ހިތް ޠޯހިރުކުރުމަކީ މިހައި މުހިންމު ކަމެއް ނަމަވެސް އެކަމަށް ގިނަބައަކު މިތިބީ ވަރަށް ބޮޑަށް ކަންނެތްވެފައެވެ. އަންނަނީ އިހްމާލުވަމުންނެވެ.  

ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮ ޢަމަލެއްކުރަން ޙަދީޘްފުޅުގައި އެއޮތީ މިސަބަބަށްޓަކައެވެ. ހިތް ޠޯހިރުކުރުމަށެވެ. ފާފަކުރުމަށް ބިރުވެތިވެ ފާފަކުރުމާއި ދުރުހެލިވެ ހުރެވޭނީ ހިތް ޠޯހިރުކުރި ވަރަކުން ކަމަށްވާތީއެވެ. 

ބައެއް މީހުންނަށް ކިތަންމެ ކުޑަކުޑަ ފާފައެއް ކުރެވުނަސް އަދި ނުބައި ވަސްވާސެއް ހިތަށް ވަނަސް ވަޤުތުން އަޢޫޛް ކިޔައެވެ. އެއީ ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށެވެ. އަދި ހެޔޮ ކަލިމަތަކުން ޛިކުރުކުރެއެވެ. އެއީ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ.  ބުނަންހެއްޔެވެ؟ މިފަދައިން ޢަމަލުކުރާ މީހަކަށް ވައިއެޅެންވެސް ޝައިޠޯނާއަށް ހުރަސްތައް ކުރިމަތިވާނެއެވެ. އެއީ ޝައިޠޯނާ ދުރަށް ފައްސައިލާތީ އާއި ޛިކުރުކުރުމުން ރަހްމަތުގެ މަލާއިކަތުން އެމީހަކާއިއެކުގައިވާތީއެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން