ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢްމަތްތައް މަދުވެގެން ނުވަތަ އެދި ދަންނަވާ ބޭނުންތައް ފުދުން ލަސްވެގެން، ނުވަތަ ކަންކަމަށް ދަތިވާތީ ގިނަބައަކަށް ކުރެވެނީ ޝަކުވާއެވެ. ޝަކުވާކުރުމަކުން ނުފުދޭނެއެވެ. ފުރަތަމަ ކަމަކަށް ހަމަ އެކަނި މި 2 އާޔަތް ކީރިތި ޤުރްއާނުގައި އޮތްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
ޝަކުވާތައް ތިއަކުރާއިރު މި 2 އާޔަތަށް ރައްކައުތެރިވަމު ހެއްޔެވެ؟ ދުނިޔޭގެ ނިޞްބަތުން މިކަން އޮތް ޙާލަތާއިމެދު ވިސްނައިލަމު ހެއްޔެވެ؟
މިވެނި ގޮތަކަށް އުޅުމަކީ ވެސް ދީނެއް ކަމަށް މީސްތަކުން ބުނި ނަމަވެސް އެކަން ﷲ ތައާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ! ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ހަމައެކަނި އިސްލާމް ދީނެވެ. އެހެންކަމަށްވާއިރު ދުނިޔޭގެ އާބާދީގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ އަދި މުސްލިމުންގެ ތެރޭގައި ތިބި ބައެއް މީހުންގެ ޙާލަކީވެސް ކިބައިހެއްޔެވެ؟
ވިސްނާލަންޖެހޭ ފުރަތަމަ އާޔަތަކަށް:
"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)
އަހަރެމެންނަސް މިއާޔަތަށް އަމަލުކުރެވޭ ހެއްޔެވެ؟ ﷲ ތަޢާލާ ހަނދުމަކުރެވޭ ހެއްޔެވެ؟ ޝުކުރުވެރިވެވޭ ހެއްޔެވެ؟ ދުނިޔޭގެ ތިންބައިކުލަ ދެބައަކީ ﷲ ތަޢާލާއަށް އުރެދި ކާފިރުވެގެން ތިބި މީހުން ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު މިހާރުވެސް ދެއްވަވަމުން ގެންދަވާ ނިޢްމަތްތައް ދެއްވަވަނީ އެކަލާނގެ ދީލަތިވަންތަކަމުން ނޫންހެއްޔެވެ؟
ދުން ވިސްނައިލަންވީ އާޔަތް:
"މުނާފިޤް ފިރިހެނުންނާއި، މުނާފިޤް އަންހެނުންނީ، އޭގެ އެއްބައަކު އަނެއްބައެއްގެ ތެރެއިންވާ ބައެކެވެ. އެއުރެން ނުބައިކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، މުނާފިޤުންނަކީ، ހަމަ ފާސިޤުންނެވެ." (ތައުބާ: 67)
މި އާޔަތުގައި "އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ." މިއޮތް ވަޙީ ބަސްފުޅާއިމެދު ވިސްނައިލާށެވެ! އެއިރުން ވަރަށް ގިނަ ކަންކަން ވިސްނޭނެއެވެ! ނަމަވެސް ސިކުނޑި ހުޅުވައިގެން ވިސްނާ މީހަކަށެވެ!
މީސްތަކުންނޭވެ! ހުރިހާވެސް މައްސަލައަކީ މީސްތަކުންގެ ޢަމަލުތަކެވެ! ގިނަ ބައަކު ﷲ ތަޢާލާއަށް އުރެދުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. ﷲ ތައާލާގެ މަތިން ހަނދުމަނެތިކޮށްލުމެވެ. ކުރިމަތިވަމުން އަންނަ ކޮންމެ މުޞީބާތަކީ، އުފުލަންޖެހޭ ތަކްލީފަކީވެސް އެކަންކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ކަންކަމެވެ.
ވީމާ ނުއެނގޭ ހާލުގައި، ކަންކަމަށް ނުވެސް ވިސްނައިތިބެ ތަފާތު ސުވާލުތައް އުފައްދަންވީއެއް ނޫނެވެ. އަވަސްވެގަންނަންވީ މީސްތަކުންގެ އަމަލުތައް އިޞްލާޙް ކުރުމަށެވެ! ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމަށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުކުރަމުން ކުރިއަށްދާނަމަ މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން