އެއްވެސް މީހަކީ ތަކްލީފްތަކުން ސަލާމަތްވެ ހުރެވޭނެ މީހެއް ނޫނެވެ. ދިރިއުޅުމުގައި ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ހިތްދަތި ޙާލަތާއި އަތްމަތި ޙާލަތުވެސް ކުރިމަތިވާނެއެވެ. ވީމާ ކޮންމެ މީހަކަށްވެސް ތަކްލީފްތައް އުފުލަންޖެހޭނެ ވަގުތަކެއް ކުރިމަތިވާނެއެވެ. ތަކްލީފްގެ ވަގުތުތަކުގައި ﷲ ގެ މަގުގަ ޘާބިތުވާ މީހުންގެ ބޭނުންތައް ފުއްދަވާ ނުދެއްވަވައި ﷲ ދޫކޮށް ނުލައްވަވާނެތެވެ! އިން ޝާ ﷲ.
އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އޭނާއަށް އެހީތެރިވެދޭނެ އެހެން އެއްވެސް ފަރާތެއް ނެތްކަން ޔަޤީންކޮށް ﷲ އަށް ވަކީލްކުރާތީއެވެ! ތަކްލީފްތަކުން އަރައިގަތުމަށް އެދޭނަމަ ވަކީލްކުރާ މީހަކަށް ވާށެވެ! ވަކީލްކުރާ އަޅުން އަބަދުވެސް ވާނީ ﷲ ގެ ރަޙްމަތުގައެވެ!
ހަނދާންކުރާށެވެ! ކޮންމެ މުޞީބާތަކީވެސް "ބަންގި" އެކެވެ! އެގޮވާލަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރުމަށެވެ. ކޮންމެ މުޞީބާތަކީވެސް ﷲ އާ ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރަން ދެއްވަވާ ދަޢުވަތެކެވެ! ދައްވަތު ޤަބޫލުކޮށް ޢަމަލުކުރާށެވެ!
"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ" (އައްޠަލާޤް: 3).
- އިސްލާމީ ތިލަފަތުގެ ދަރުސަކުން