ދުނިޔެއަށް ފޮނުއްވެވި ސިފަ ހުތުރުވެގެން މީހުން ކުރާ ފުރައްސާރައަށް ކަންބޮޑުނުވާތި! އެނގެނީ އޭނާއަށް ތަންދޮރު ވަކިނުވާކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދުނިޔެއަށް ފޮނުއްވެވި ސިފަ ހުތުރުވެގެން މީހުން ކުރާ ފުރައްސާރައަށް ކަންބޮޑުނުވާތި! އެނގެނީ އޭނާއަށް ތަންދޮރު ވަކިނުވާކަން!

ފުރތަމަ ކަމަކީ ކޮންމެ މީހަކަށްވެސް ސިފަތައް ދެއްވަވަނީ ﷲ ތަޢާލާކަމެވެ. ވީއިރު އެކަމަށް ފުރައްސާރަކުރުމުގެ ޙައްޤު ލިބިގެންވާނީ ކާކަށް ހެއްޔެވެ؟ އެކަމަށް ކުރާ މަލާމާތް ރައްދުވާނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ހަމަ ޤައިމުވެސް އެކަމުގައި އެއްވެސް މީހެއްގެ އެއްވެސް ދައުރެއް ނުވެއެވެ.

އެހެނެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ އިންތަކަށް ނުބަލައި ހިތަށްއެރިވަރަކަށް ކާތީއާއި ހަށިގަނޑަށް ގެއްލުން ލިބޭނެ، ސަރުބީ ޖަހާނެ އެއްޗެތި އިމެއްނެތި ކާތީ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ އެމީހަކު އަމިއްލައަށް ލިބިގަތް ކަންކަން ކަމަށް ބުނެވިދާނެއެވެ. އެޙާލަތުގައިވެސް އެއްވެސް މީހަކަށް މަލާމާތާއި ފުރައްސާރަކޮށްގެން ނުވާނެއެވެ. އެއީ މުސްލިމުންނަށް ކުރުން މަނާވެގެންވާ ކަމެކެވެ.

ފާހަގަކުރަން މިއުޅެނީ ދުނިޔެއަށް މީހުން ފޮނުއްވަވާ ސިފައިގެ ކަންކަމެވެ. އެއްވެސް މީހަކު ދުނިޔެއަށް އުފަންވަނީ އެމީހަކު ނުވަތަ އެމީހެއްގެ މައިން ބަފައިން ބޭނުންވާ ސިފައެއްގައެއް ނޫނެވެ. ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައިގައެވެ.

އެހެންކަމާއިއެކުވެސް މި ޙަޤީޤަތް ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެމީހަކީ ތިމާއަށް ސިފަ ހުތުރު މީހަކަށް ވެއްޖެނަމަ އެމީހަކު ދެކެ ފޫހިވެއެވެ. އަދި އެންމެ ހިތާމަހުރި އެއްކަމަކީ ދެމީހަކު ކައިވެނިކުރާ ފަހުން ބައިވެރިޔާގެ ބޭރުފުށުގެ ސިފައަށް ނުވަތަ ހަށިގަނޑުގެ ބައްޓަމަށް ބަދަލު އައިނަމަވެސް ފޫހިވެ ރުޅި އައުދެވޭތީއެވެ. ނަފްރަތުކުރެވޭތީއެވެ.

ހަމައެކަނި ފޫހިވަނީއެއްވެސް ނޫނެވެ. ނަފްރަތުވެސް އެބަކުރެއެވެ. ވަޒީފާ ދިނުމުގައިވެސް ތަފާތުކުރެއެވެ. މިފަދަ ކަންކަމަކީ އިންސާނިއްޔަތުކަމާއިވެސް ޚިލާފްވާ ކަންކަމެވެ.

މިފަދަ ޙާލުގައިވާ މީހުންވެސް މާޔޫސްނުވާށެވެ! ތިބާ ތިއަހުރީ ތިބާހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. އަދި މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!

ޔާ ﷲ! އިނބަ ﷲ މިއަޅާ ދުނިޔެއަށް ފޮނުއްވެވި ސިފަ ހުތުރުވެގެން ގިނަ ބައަކު މިއަޅާ ދެކެ ފޫހިވެއެވެ! އެކަމަށް މިއަޅާ އެއްވެސް ވަރަކަށް ކަންބޮޑެއްވެސް ނުވަމެވެ! މިއަޅާގެ ހަމައެކަނި ދުޢާއަކީ އިނބަ ﷲ ގެ ރުހިވޮޑިގަތުން މިއަޅާއަށް މިންވަރުކޮށްދެއްވެވުމާއި އިނބަ ﷲ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މިއަޅާގެ މަރުގެންދަވައި އަދި އެ ގޮތުގައި މިއަޅާ މަޙްޝަރުކޮށް ދެއްވެވުމެވެ! އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން