އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((صَنائِعُ المَعْرُوفُ تَقِي مَصارِعَ السُّوءِ والآفاتِ والهلكاتِ، وأهلُ المعروفِ في الدنيا هُمْ أهلُ المعروفِ في الآخرةِ))
”ހެޔޮ ކަންކަން ކުރުން ނުބައި މަރަކުން މަރުވެ ދިއުމުން ރައްކާތެރިކޮށްދެއެވެ. އަދި އާފާތްތަކާއި ހަލާކުވުންތަކުން ރައްކާތެރިކޮށްދެއެވެ. އަދި މިދުނިޔޭގެ ހެޔޮކަމުގެ އަހުލުވެރިންނަކީ އާޚިރަތުގައިވެސް ހެޔޮކަމުގެ އަހުލުވެރިންނެވެ.“ (ރިވާކުރެއްވީ އަލްޙާކިމް)
ޒާދުލް މަޢާދުގައި އިބްނުލް ޤައްޔިމް ރަޙމަހުﷲ ވިދާޅުވެފައިވެއެވެ. " ބައްޔަށްވާ އެންމެ މަތިވެރި ފަރުވާތަކުގެ ތެރޭގައި: ހެޔޮކަންކަން ކުރުމާއި އިޙްސާންތެރިވުން ހިމެނެއެވެ. އަދި ޛިކުރުކުރުމާއި ދުޢާކުރުމާއި ﷲ އަށް މަޑުމޮޅިކަމާއެކު އާދޭސްދެންނެވުމާއި އެއިލާހުގެ ޙަޟްރަތުން މަދަދަށް އެދި ދެންނެވުމާއި އަދި ތައުބާވުން ހިމެނެއެވެ.
އަދި ބަލިން ދިފާޢުވުމާއި ޝިފާ ލިބުމުގައި މިކަންކަމުގައި އަޘަރެއްވެއެވެ. އެއީ ޠަބީޢީ ބޭހަށްވުރެވެސް ބޮޑު އަޘަރެކެވެ. އެކަމަކު އެކަން ބިނާވާނީ އޭނާގެ ނަފްސު އެކަންކަމަށާއި އޭގެ ފައިދާއަށް ތައްޔާރުވެފައި ހުރި މިންވަރެއްގެ މައްޗަށާއި، އެކަން ޤަބޫލުކުރާ މިންވަރެއްގެ މައްޗަށާއި އޭނާގެ އަޤީދާއަށެވެ.“
--ޙާމިދު ޢަބްދުﷲގެ ލިޔުއްވުމަކުން