ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާ ޙަދީޘް ކުރައްވަނީ --- " ފަރުޟު 5 ނަމާދަށް ރައްކާތެރިވާ މީހާ ދަންނާށޭ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހާ 5 ކަމަކުން މާތް ކުރައްވައޭ. ކޮންފަރާތަކުންތޯ މި މާތްކުރައްވަނީ؟ ކާއިނާތުގެ ވެރި އިލާޙް. މުޅި ކާއިނާތުގެ ވެރި އިލާޙް. އަޅުގަނޑުމެން އެންމެންވެސް ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާޙް. އެ އިންސާނާ މާތް ކުރައްވަނީ 5 ކަމަކުން.
އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކަށް ޙަދީޘްކުރައްވަނީ --- "ފަރުޟު 5 ނަމާދަށް ރައްކާތެރިވާ އަޅެއްގެ ކިބައިން ﷲ ސުބުޙާނަހޫ ވަތަޢާލާ ދިރިއުޅުމުގެ ދަތިކަން ދުރުކޮށްދެއްވައޭ." މިއަދު އަޅުގަނޑުމެންގެ ތެރެއިން ކާކުތޯ ބޭނުން ނުވަނީ ރަނގަޅު އޮމާން އަމާން ދިރިއުޅުމަކަށް. ކޮންމެ މީހަކުވެސް މިއަދު މަސައްކަތް މިކުރަނީ ރަނގަޅު ދިރިއުޅުމެއް ޙަސިލް ކުރުމަށްޓަކާ. ރެއާއި ދުވާލު މި މަސެއްކަތް ކުރަނީ އެ މަޤްޞަދުގަ. ކާއިނާތުގެ ވެރި އިލާޙު އަޅުގަނޑުމެންނަށް އެ ފުރުޞަތު މިދެއްވަނީ، އަޅުގަނޑުމެން ގަބޫލުތޯ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގަ ވަޙީ ކުރައްވާ އަންގަވަނީ --- " އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އީމާންކަންމަތީ ހުރެގެން ޞާލިހު ހެޔޮ ޢަމަލެއް ކޮށްފިނަމަ ތިމަން އިލާޙު އެމީހަކަށް ރަނގަޅު ޙަޔާތެއް ދެއްވާހުށީމެވެ." އިލާހީ ވަޢުދެއް. ޤަބޫލުތޯ އަޅުގަނޑުމެން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވަނީ ފަރުޟު 5 ނަމާދަށް ރައްކާތެރިވެއްޖެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށް ދެއްވާ ބޮޑު ނިޢުމަތުގެ ތެރެއިން އެއް ނިޢުމަތޭ އޭނަގެ ދިރިއުޅުމުގެ ދަތިކަން އޭނަގެ ކިބައިން ދުރުކޮށްދެއްވައޭ. ކާއިނާތުގެ ވެރި އިލާޙު ވަޢުދުވެވޮޑިގެންވަނީ. ތިމަން އިލާޙު އެމީހަކަށް ރަނގަޅު އޮމާން އަމާން ދިރިއުޅުމެއް ދެއްވާހުށީމެވެ. ބޭނުންތޯ އަޅުގަނޑުމެން. އިލާޙި ވަޢުދެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއީ އެ އިލާޙު ވަޢުދުވެވޮޑިގެންވާ ކަންތައްތަކާއި ޚީލާފުވެވޮޑިގެންވާ އިލާޙެއް ނޫން.
--- " ﷲ ސުބޫޙާނަހޫ ވަތަޢާލާގެ ޙަޒްރަތުގައި ނިޔާ ކަނޑައެޅޭ އެއްވެސް ކަމަކަށް ބަދަލެއް ނާއްނާނެ" --- " އެ އިލާޙުގެ ކަލިމަތަކަށް އެއްވެސް ބަދަލެއް ނާއްނާނެ." ---- " ﷲ ވަޙީކުރައްވަނީ ތިމަން އިލާޙުގެ ޙަޒްރަތުގައި ނިންމެވޭ ކަންތައްތަކެއް ބަދަލެއް ނާއްނާނެއޭ، އަދި ތިމަން އިލާޙު އެއްވެސް ނަފްސަކަށް އަނިވެވޮޑިގެންނެއް ނުވަމޭ." ---- " އެހެންކަމުން ފަރުޟު 5 ނަމާދަށް ރައްކާތެރިވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ދެއްވާ 5 ނިޢުމަތުގެ ތެރެއިން 1 ނިޢުމަތަކީ އެމީހެއްގެ ދިރިއުޅުމުގެ ދަތިކަން އެމީގެއްގެ ކިބައިން ދުރުކޮށްދެއްވަނީ. ބޭނުންތޯ އަޅުގަނޑުމެން.
- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން