ބައަކު ކިތަންމެ ބޭނުންވިޔަސް އިސްލާމްދީން ދެރަކޮށް ނިކަމެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިސްލާމްދީން ދާނީ ކުރިއަރަމުންނެވެ. މިބުނަނީ އަދި ދެކެމުން މިދާ ޒަމާނުގެ ވާހަކައެވެ. ޙާލަތު އެނޫން ގޮތަކަށް ބަދަލުވާނީ އެކަމަށް ކަނޑައެޅިފައިވާ ވަޤުތު ޖެހުމުންނެވެ. އެއީވެސް އަންނާނެ ދުވަހެކެވެ. އަންނާނެ ޒަމާނެކެވެ. ނުއެނގެނީ އަދި ކިތައް ސަތޭކަ އަހަރުގެ ފަހުންކަމެވެ.
މުސްލިމުން މިއަދު މަސައްކަތްކުރަންވީ އިސްލާމް ދީނުގައި ޘާބިތުވުމަށެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމަށެވެ. ކާފިރުން ފަތުރަމުންދާ ހީލަތްތެރި ދައުތަކުގައި ޖެހި ތާށި ނުވުމަށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން މަސައްކަތްކުރާ ކޮންމެ މީހަކަށް އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ. ފައިކައްސާލަނީ ޘާބިތުނުވެވޭތީއެވެ.
މުސްލިމުން މިއަދު އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއްބައިވަންތަކަމަށެވެ. ހުންނަ ޚިޔާލުތަފާތުވުންތަކަކީ މައްސަލައަކަށް ނުހަދައި ޤުރްއާނަށް ބޯލެނބުމަށެވެ. ﷲ ތަޢާލާގެ ނަޞްރު ވަނީ އިސްލާމް ދީނުގައި ޘާބިތުވެ ތިބޭ މުސްލިމުންނާއިއެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ވީޑިއޯވެސް ބައްލަވައިލައްވާށެވެ!
މިލިޔުމުގައިވާ ވީޑިއޯގައި ބަޔާންކޮށްފައިވަނީ މުޅި ދުނިޔެއަށް އިސްލާމް ދީން ފެތުރިގެންދާނެ ކަމަށް ކުރައްވަވާފައި އޮތް ޙަދީޘްފުޅުގެ ތެދުކަންވެސް ހާމަވެ ފެންނަމުންދާ ކަމާއި އިސްލާމް ދީން ނުފޯރާ ނުވަތަ ނެތް ޤައުމެއް މިހާރު ދުނިޔޭގއި ނެތްކަމުގެ ވާހަކައެވެ. އަދި 2025 އަންނައިރު ދުނިޔޭގެ އެންމެ ގިނަ ބައަކު ތިބޭނީ އިސްލާމް ދީނުގައި ކަމަށް ކާފިރުންގެ ތެރޭގައި ތިބި ސައިންސްވެރިން ބުނަމުން އަންނަ ވާހަކައެވެ. ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަނީ 2030 އަންނައިރު އެންމެ ގިނަވާނީ މުސްލިމުން ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ޢަރަބި ޤަމުތަކުގައި ނުވަތަ މެދުއިރުމަތީގައި ގިނަ އަދަދެއްގެ ކޯރުތަކާއި ދަނޑުބިންތައް ފޮރުވިފައިވާ ކަމާއި އެ ކޯރުތައް ފެނި، ދަނޑުވެރިކަން ކުރާ ބިމަކަށް ބަދަލު ނުވަނީސް ޤިޔާމަތް ނުވާނެ ކަމަށް ރަސޫލް (ﷺ) ވަނީ މީގެ 1400 އަހަރުކުރިން ޙަދީޘްފުޅުކުރައްވަވައިފައެވެ.
މިއަދު އެކަންކަން ހާމަކުރަމުން އެގެންދަނީ ނާސާގެ ސައިންސްވެރިންނެވެ. އެމީހުން ނަގާ ސެޓެލައިޓް ފޮޓޯޓަކުންނާއި ހޯދާ ހޯދުންތަކުގެ އަލީގައެވެ! އަހަރެންގެ ސުވާލަކީ މާކުރީގެ ޒަމާންތަކެއްގައި ޢަރަބިކަރަ އޮތް ގޮތާއި އެގޮތަށް އަލުން ޢަރަބި ކަރަ ރުޖޫޢަވާނެކަން މީގެ 1400 އަހަރުކުރިން ދުނިޔޭގައި އުޅުއްވެވި ރަސޫލް (ﷺ) އަށް އެނގިވަޑައިގަތީ ކިހިނަކުން ހެއްޔެވެ؟
ޢަރަބި ކަރައިގައި މިހާރުވެސް އެވަނީ ފުޅައު ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ފެށިފައެވެ. ދުވަހެއް ދުވަހަކަށް އެދަނީ ދަނޑުވެރިކަން ކުރުން އިތުރުވަމުންނެވެ. އަދި ޖަނަވާރު ގެންގުޅުންވެސް ދަނީ އިތުރުވަމުންނެވެ.
ގުޅުންހުރި ވީޑިއޯ ބައްލަވާ ލައްވާ!