އަހުރެމެންގެ ކައިވެންޏަށް 40 އަހަރު ފުރިއްޖެއެވެ. އަހުރެންގެ އަނބިމީހާ އާއިބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތައް ކުރެއެވެ. ސުވާލުކުރާ އެންމެންގެ ގާތުގައިވެސް އަހުރެން ބުނަނީ އަހުރެންގެ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެއް ކަމަށެވެ. އަދި އަހުރެންނާއިބެހޭ ގޮތުން އަނބިމީހާގާތުގައިވެސް މީހުން މިފަދަ ސުވާލުތައް ކުރެއެވެ. އޭނާވެސް ދެނީ މިފަދަ ޖަވާބެކެވެ.
ބައެއް ފަހަރު އަނބިމީހާ ދޭ މިފަދަ ބައެއް ޖަވާބުތައް އަހުރެންނަށް އަޑުއިވިފައިވެސް އެބަހުއްޓެވެ. އެފަދަ އަޑުއިވުމުން އަހުރެންގެ އަމިއްލަ ނަފުސާއިމެދު އަހުރެން ލަދުވެތިވަމެވެ. އެއީ އަހުރެންގެ ކިބައިގައި ހުންނަ އުނިސިފަތައް އަހުރެންނަށް އެނގޭތީއެވެ.
ދެން މިބުނަނީ އެންމެ މުހިންމު ބައެވެ. 40 އަހަރު ވަންދެން ލޯބިން އެކުގައި އުޅެވުނީ ކީއްވެގެން ހެއްޔެވެ؟ އަދި އަނެކާއަކީ ވަރަށް ރަނގަޅު މީހެއްކަމަށް 2 މީހުންނަށްވެސް ބުނެވެނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު މިދެނީއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހުރިހާ ކަމަކުން އެންމެ ހިތްހަމަޖެހޭ ދިރިއުޅުމަކަށް ނުވާނެކަން ދެމަފިރިންވެސް ޤަބޫލުކުރަމެވެ. އަދި ދެމަފިރިންގެވެސް އަމާޒަކީ ދުނިޔެއިން ނުކުމެވި ސުވަރުގެއިން ބައްދަލުވެވި ސުވަރުގޭގައި އެކުގައި ތިބެވުމެވެ.
ސުވަރުގެއަކީ އެއްވެސް މީހަކު އެއްވެސް މިންވަރަކަށް ހިތްހަމަނުޖެހޭނެ އެއްވެސް ކަމެއް ފެންނާނެ ތަނެއް ނޫނެވެ. ވީމާ ސުވަރުގޭގައި ދެމީހުން އެކުގައި ތިބޭއިރު މުޅިންވެސް އޮންނާނީ އުފާވެރިކަމެވެ. ޛައްރެއްގެ މިންވަރުގެވެސް ހިތް ހަމަނުޖެހޭ ކަމެއް ނުފެންނާނެއެވެ. ވީމާ ކުރިން މިބުނި ފަދައިން ދުނިޔޭގެ ދިރިއުޅުމުގައި މިޖެހޭ ކޫސަނި އެއްވެސް ކަމަކީ އެއްވެސް މައްސަލައެއް ކަމުގައި އަހުރެމެން ދެމީހުންވެސް ނުބަލަމުއެވެ.
ދުނިޔޭގައި އުފާވެރި ދިރިއުޅުމެއް އުޅެވި އަދި އަދި ޢާޚިރަތް ދުވަހު ސުވަރުގެ ލިބުމަށް އެދޭ ކޮންމެ މީހަކުވެސް އަހުރެން މިކިޔައިދިން ވާހަކަތަކުން ފިލާވަޅު ލިބިގަންނާށެވެ! ދުނިޔޭގައިވެސް ޤިޔާމަތްދުވަހުވެސް އުފާވެރިކަން ޔަޤީންކުރެވޭނެއެވެ. އިން ޝާ ﷲ
- ޑރ. މުއުމިން ޙަމީދު