ޢާއިޝަތު ރަފާޙް ޢަލީއަންހެނުންނަށް އޮތީ ހުރިހާ ނަމާދުތަކެއްވެސް ގޭގައި ކުރުމެވެ. ފިރިހެނުންނަށް އޮތީ ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ. ގެއަށް ބަރަކާތް ލިބޭ ސަބަބުތަކުގެ ތެރޭގައިވެސް ގޭގައި ނަމާދުކުރުން ހިމެނެއެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
عَنْ أَبِيْ عَبْدِ الرَّحْمَنِ عَبْدِ اللهِ بْنِ عُمَرَ بْن الخَطَّابِ رَضِيَ اللهُ عَنْهُمَا قَالَ: سَمِعْتُ النبي صلى الله عليه وسلم يَقُوْلُ: (بُنِيَ الإِسْلامُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ الله وَأَنَّ مُحَمَّدَاً رَسُوْلُ اللهِ، وَإِقَامِ الصَّلاةِ، وَإِيْتَاءِ الزَّكَاةِ، وَحَجِّ البِيْتِ، وَصَوْمِ رَمَضَانَ)
މާނައީ: އަބޫ ޢަބްދުއްރަޙްމާނު ޢަބްދު ﷲ ބުނު ޢުމަރު ބުނުލް ޚައްޠާބި رضي الله عنهما ވިދާޅުވިއެވެ. "ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ." "އިސްލާމް ދީން ބިނާވެގެއްވަނީ ފަސްކަމެއްގެ މައްޗަށެވެ. (އެއީ) މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ."
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ނަމާދު ޤާއިމު ކުރުމަށް އަންގަވާފައިވެއެވެ. އަދި އެއީ ނަމާދު ކުރަން އެންގިވިފަދައިން، ނަމާދުގެ ރުކުންތަކާއި ޝަރުޠުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމެވެ.
ﷲ ތަޢާލާ މަރްޔަމް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ فَسَوْفَ يَلْقَوْنَ غَيًّا ﴿٥٩﴾
މާނައީ: "ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ! (59)"
ނަމާދަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ. ތަނެއްގައި ޤާއިމްވެގެން ހުންނަ މީހާ އެތަނެއްގައި ނަމާދު ކުރަން ޖެހެއެވެ. އަދި ކޮޅަށް ހުންނަން ނުކުޅެދޭ މީހާ އިށީނގެ އިނދެގެން ނަމާދުކުރަން ޖެހެއެވެ. އަދި އިށީނދެ އިނުމަށް ނުކުޅެދިގެންވަމީހާ އޮށޯވެ އޮވެގެން ނަމާދު ކުރަންޖެހެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައެވެއެވެ.
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ﴿٤٥﴾
މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"