ފެންނަމުން މިދަނީ ދިރިހުރުމަށްވުރެ މަރުވުން މާރަނގަޅުކަމަށް މުސްލިމުން ޤަބޫލުކުރާނެ ޒަމާން! ދުނިޔެ ނިމެނީކަމުގެ ކޮޅުމަތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ފެންނަމުން މިދަނީ ދިރިހުރުމަށްވުރެ މަރުވުން މާރަނގަޅުކަމަށް މުސްލިމުން ޤަބޫލުކުރާނެ ޒަމާން! ދުނިޔެ ނިމެނީކަމުގެ ކޮޅުމަތި!

ދުނިޔެ ނިމެން ކައިރިވެ (މައި) ދައްޖާލު ފައުޅުވުމުގެ ޒަމާން ކައިރިވެގެން އަންނައިރު ޤަބުރުސްތާނުގައި ހިނގާފައިދާ މީހާ 6 ފޫޓު އަޑީގައި ވަޅުލެވިފައިވާ މީހާއަށް (މައްޔިތާއަށް) ބުނާނެތެވެ! "ތިބާ ތިއަ އޮތްތަންވެސް އަހަރެން މިހުރި ތަނަށްވުރެ މާރަނގަޅެވެ." މާނައަކީ ދިރި ހުރުމަށްވުރެ މަރުވުން މާރަނގަޅެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އެނގިގެން މިދަނީ ދިރިހުރި މީހަކު ގަދަވެ ސަލާމަތުން ހުރި ޙާލުގައި ހިނގާފައި ދަމުން މަރުވެގެން ވަޅުލެވުނު މީހާ އެވަނީ އޭނާއަށް ވުރެ މާ ތަނަވަސް ރަޙްމަތުގައި ކަމަށް ބުނާ ދަރަޖައަށް ދުނިޔޭގެ ކަންކަން ބަދަލުވެގެންދާނެ ކަމެވެ! ދިރިހުރުމަށްވުރެ މަރުވުމަށް އެދެވޭނެ ކަމެވެ. ކީއްވެގެން ހެއްޔެވެ؟ އެއްވެސް ޙާލެއްގައި އެމީހާ ދުނިޔޭގައި ހުރުން މުޞީބާތަކަށް ވެގެންނެއް ނޫނެވެ. މީސްތަކުންގެ އީމާންތެރިކަން ފިލައި ބުއްދި ތަޣައްޔަރުވެގެން ދިއުމުން ފައޫލުގައި ފާފަތަކަށް އަރައިގަންނަމުންދާ މަންޒަރު ބަލަން ކެތް ނުކުރެވިގެންނެވެ. 

މިޙާލަތަށް އިންސާނުންގެ ވިސްނުން އެއިރު އެދަނީ މަގެއް މައްޗަށް ނުކުތް ނަމަވެސް ބޭރު ބަލައިލި ނަމަވެވެސް މީސްތަކުން މުންކަރާތްތަކަށް އަރައިގަންނަމުންދާތަން ފެންނާތީއެވެ. މަގުމަތީގައި އަޢުރަ ދައްކައިގެން އުޅުމާއި ފާހިޝް ޢަމަލުތައް ކުރުން ޢާންމު ކަމަށްވެފައިވާނެތީއެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މީހުން މެރުންފަދަ ކަންކަން ކުރުމަކީ އެއްވެސް ވަރެއްގެ ކުށެއް ކުރުން ކަމަށް އެޒަމާނުގައި މީސްތަކުން ނުދެކޭނެތީއެވެ. 

ނިކަން ބުނެބަލާށެވެ! މިބުނި ކަންތައްތަކުގެ ތެރެއިން އެތައް ކަމެއް މިހާރުވެސް މިވަނީ ޢާންމުވެފައި ނޫންހެއްޔެވެ؟ މަގުމަތީގައި އަޢުރަ ނިވާ ނުކޮށް އުޅުމާއި ހާމަތަންތަނުގައި ފާހިޝް އަމަލުތައް ހިންގުން މިހާރުވެސް މިވަނީ ޢާންމު ކަންކަމަށްވެފައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެކަންކުރަން ހިތްވަރު ލިބޭ ގޮތަށް ޤާނޫނުތައް ފާސްކޮށް އެމީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި އެމީހުންނަށް ޢިއްޒަތް ދިނުމަށް މިހާރު މިވަނީ ޤާނޫނުތައް ބަދަލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެ މިދަނީ މަސްތުވާތަކެތިން ފުރެމުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބަދަލުތައް ގެނެސް ޙަރާމް ކަންކަން ހާމަތަންތަނުގައި ކުރުން ޢާންމުވެގެންދާއިރުވެސް އެކަންކަމާ ދެކޮޅަށް ބަސްބުނެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް އެކަންކަން ފެންނަ ކަމަށްވެސް ނުވެއެވެ. އަދި ފެންނަ ކަމަކަށް ނުވެސްވާނެއެވެ!

މައި ދައްޖާލު ފައުޅުވުމުގެ ޒަމާން މިއަންނަނީ ހަމަ ގާތްވަމުންނެވެ. ދުނިޔޭގެ ނިމުން މިއަންނަނީ ގާތްވަމުންނެވެ! ދިރިހުރުމުގެ ބަދަލުގައި މަރުވެގެން ކައްވަޅަށް ދިއުން އެދޭ މީހެއްގެ ޙާލަތަށް ނުވެއްޓި ދުނިޔޭގައި އުޅެން ހިތްވަރުކުރާށެވެ! މަގުތަކުން ފެންނަ ކަންކަމަށް ކަޅި ނުހިންގާށެވެ! ބެލުންތައް ތިރިކުރާށެވެ! ފެންނަ އެފަދަ ޢަމަލުތަކުން ތިމާ އާއި މުޅި މުޖުތަމައު ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން