އަނބިމީހާއަށް އަޅުކަންކުރާނެ ވަޤުތާ ފުރުޞަތު ހޯދައިދީ މަގުފަހިކޮށްނުދޭ ފިރިންނަށް ވިސްނައިދިނުމުން ޤަބޫލުނުކުރާނަމަ ދެވަނަ ވިސްނުމަކަށް ދިއުމަކީ މައްސަލައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަނބިމީހާއަށް އަޅުކަންކުރާނެ ވަޤުތާ ފުރުޞަތު ހޯދައިދީ މަގުފަހިކޮށްނުދޭ ފިރިންނަށް ވިސްނައިދިނުމުން ޤަބޫލުނުކުރާނަމަ ދެވަނަ ވިސްނުމަކަށް ދިއުމަކީ މައްސަލައެއް ނޫން!

ފިރިމީހާ ގޭގައި ހުންނަ ވަޤުތުތަކުގައިވެސް ނަމާދުކުރަން އަނބިމީހާއަށް އެހީތެރިނުވާތީ، ދަރިން ބަލައިލަ ނުދޭތީ ބައެއް އަނބިން ކަންބޮޑުވެ ސުވާލުކުރެއެވެ. އެހެންވެ މިކަމުގައި އަހުރެންގެ ބަސް މިރޭވެސް ތަކުރާރުކޮށްލާނަމެވެ.  

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.  

"އަނބިމީހާ ދެކެ ލޯބިވާނަމަ ސުވަރުގެ ހޯދަން މަސައްކަތްކުރުމުގެ ފުރުޞަތު އޭނާއަށް އިތުރުކޮށްދީ އެހީތެރިވާށެވެ! އެއީ އަޅުކަން ކުރާނެ ވަގުތާ ފުރުޞަތު ހޯދައިދިނުމެވެ! ތިމާއެކަނި ހެޔޮ ޢަމަލުކުރުމުން މަޤްޞަދު ޙާލެއް ނުކުރެވޭނެއެވެ.  ލޯބިވާނަމަ މަސައްކަތްކުރަންވީ ދެމަފިރިން އެކުގައި ސުވަރުގޭގައިވުމަށެވެ." 

މިބަސްފުޅު ފެނުމުން ހިތަށް ވަރަށް އަސަރުކުރިއެވެ. އެއީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އަނބިން އަޅުކަންކުރޭތޯ ބަލާބައެއް ނޫނެވެ. އެކަމާއި ސުވާލުކުރާ ބައެއްވެސް ނޫނެވެ. ގިނައީ އެންމެ ކުޑަމިނުން ނަމާދުކުރިތޯ ވެސް ސުވާލުވެސް ކޮށްނުލާ މީހުންނެވެ!  

މިއީ ވަރަށް ދެރަކަމެކެވެ. މިބަޔާންކުރި ކަންކަމަކީ ފިރިމީހާ ވަރަށް ގާތުން ބަލަންޖެހޭނެ ކަންކަމެވެ. ޚާއްޞަކޮށް ނަމާދުކުރިކަން ޔަޤީންކުރަންޖެހޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަންކުރާނެ ވަގުތު އަނބިންނަށް ހޯދައިދިނުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ކީއްހެއްޔެވެ؟ ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ ދެމަފިރިން އެކުގައި ސުވަރުގެ ވަނުމެވެ. ވީމާ ހަމައެކަނި ތިމާ އަޅުކަންކުރުމަކުން އެ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނީ ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަންކޮށްއުޅުނު މީހެކެވެ. އަނބިމީހާކަމަސްވީނަމަވެސް އަދި ފިރިމީހާކަމަސްވީނަމަވެސް އެކަން އޮތީ ހަަމ މިބުނި މަގުންނެވެ.  

ވީމާ އަނބިމީހާ ދެކެ ލޯބިވާނަމަ އަޅުކަންކުރާނެ ވަގުތު އަނބިމީހާއަށް ހޯދައިދޭންވާނެއެވެ. އެކަންކުރެވޭނީ ދަރިންބެލުމާއި ގޭތެރޭގެ މަސައްކަތުގައި ފިރިމީހާ އެހީތެރިވެދިންވަރަކުންނެވެ. މަސައްކަތް ނިމުމުން ބޭރުގައި ވަގުތުތައް ހޭދަނުކޮށް އަވަހަށް ގެއަށްދާން މިބުނަނީވެސް ހަމަ މިބުނި ސަބަބުތަކަށްޓަކައިވެސްމެއެވެ.  

ދެން އިތުރުކޮށްލަން އޮތް ބަހަކީ އަޅުކަންކުރަން އެހީތެރިވެނުދޭނަމަ ދެވަނަ ވިސްނުމަކަށް ދިއުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެހެންކަމަށްވާނަމަ އެކަމުން އެ އެނގެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތްކަމެވެ. އެއީ ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން