ދުނިޔޭގައި މިހާރު އެންމެ ބޮޑަށް މަދުވަމުން އަންނަ އެއްބައަކީ އެމީހުންނަށް ނުބައި ތުހުމަތުތުތަށްކޮށް، ނުބައި އިލްޒާމްތައް އަޅުވައި ހަޑިހުތުރު ބަހުރުވައިން މުޚާޠަބްކުރި ނަމަވެސް އަޅައިވެސް ނުލައި ހިނިތުންވެގެން ތިބޭ މީހުންނެވެ. އެކަންކަން ކުރާ މީހާއަށް ރައްދު ނުދީ ތިބޭ މީހުންނެވެ.
މިފަދަ މީހަކަށް ވެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށެވެ. ހަމައެއާއިއެކު ވަރަށް ޢަޒުމްވަރުގަދަ މީހުންނަށެވެ. އަދި ތިމާ މިހުރީ އެއްވެސް ކުށެއް ނުކޮށްކަން އަމިއްލަ ނަފްސަށް ޔަޤީންކުރެވޭ މީހުންނަށެވެ. މިބާވަތުގެ މީހުން ދުނިޔޭގައި މަދުވަމުން މިއަންނަނީ މިބަޔާންކުރި ސަބަބުތައް ފުރިހަމަވާ މީހުން މަދުވަމުން އަންނާތީއެވެ. ކުށްކުރާ މީހުން ގިނަވާތީއެވެ.
އެންމެން ހިތްހަމަޖެހޭނެ ގޮތަށް އުޅެވޭނެ މީހަކު ނުހުންނާނެއެވެ. ވީމާ ކޮންމެ މީހަކަށްވެސް ނުރުހި ނުބައި ބަސްތައް ބުނާނެ ބައަކު ތިބޭނެއެވެ. އެކަން ޤަބޫލުކުރުމަކީ ދުނިޔޭގެ ސުންނަތެކެވެ. މާނައަކީ އެކަން އެގޮތަށް ހިނގަމުންދާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ.
ޒަމާން ފަސްވަމުން އަންނަވަރަކަށް މިބަޔާންކުރި ރަނގަޅު ސިފަތައް ހުންނަ މީހުން މަދުވާނެއެވެ. ކުށްނުކުރާ މީހުން މަދުވާނެއެވެ. ނަމަވެސް ތިމާއަކީ ކުށްނުކުރާ މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ. މަސައްކަތްކުރަންވީ އެފުރުޞަތުގެ ބޭނުންހިފުމަށެވެ. އެއިރުން މީހުން ކިޔާ އެއްޗަކަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެއިރުން ނުބައި ބަސްތައް ބުނާ މީހުންނަށް ރައްދުދޭކަށް ނުޖެހޭނެއެވެ.
މިޥާހަކަ ޒަވާޖީ ޙަޔާތާއިވެސް ގުޅުވައިލާނަމެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވަން މަސައްކަތްކުރާ ބައަކު އަބަދުވެސް އުޅޭނެއެވެ. ވީމާ ތަފާތު ދޮގުވާހަކަތައް ފަތުރާނެއެވެ. އެފަދަ ވާހަކަތަކުގެ އަޑުއިވުމުން ޙަޤީޤަތް ނުބަލައި ރުޅިއަންނަ ބައިވެރިންވެސް ތިބޭނެއެވެ. ރުޅިއައިސް ނުބައިބަސްތައް ބުނާ ބައިވެރިންވެސް ތިބޭނެއެވެ.
އަބަދުވެސް ތިބެންޖެހޭނީ އެކަމަށް ތައްޔާރުވެގެންނެވެ. އެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ތިމާ ހުރީ ތެދުވެރިކަމާއިއެކު ކަމަށްވާނަމަ އަޅައިވެސް ނުލާށެވެ. ކުރި ސުވާލަކަށް ޖަވާބުދިނުން ނޫންކަމެއް ނުކުރާށެވެ. ޙަޤީޤަތް ހާމަވާ ދުވަހު ބޮޑުތަނުން ތިބާގެ އަގު އުފުލިގެންދާނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް