ބައިވެރިޔާއަށް ނަމަވެސް މާފަށް އެދެންޖެހޭކަމެއް ކުރެވިއްޖެނަމަ ހިނދުކޮޅަކަށްވެސް ލަސްނުކުރާށެވެ! ބޮޑާވެ ލަސްކުރުމަކީ އާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބައިވެރިޔާއަށް ނަމަވެސް މާފަށް އެދެންޖެހޭކަމެއް ކުރެވިއްޖެނަމަ ހިނދުކޮޅަކަށްވެސް ލަސްނުކުރާށެވެ! ބޮޑާވެ ލަސްކުރުމަކީ އާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމެއް!

އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަމަކީ އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމެވެ. މީހަކު ދެރަވާނެ ބަހެއްވެސް ނުބުނުމެވެ. އެއީ ތިމާގެ ހަޔާތުގެ ބައިވެރިޔާ ކަމަސްވީނަމަވެސްމެއެވެ. އެފަދަ ކަމެއް ކުރެވިފައިވާނަމަ ނުވަތަ ކުރެވިއްޖެ ނަމަ އެމީހެއްގެ ކިބައިން އަވަހަށް މާފު އެދޭށެވެ!

އެކަން ލަސް ނުކުރާށެވެ! މާދަމާ ނުވަތަ ފަހުގެ ދުވަހެއް ތިބާ އާއި ބައްދަލު ނުކޮށްފާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އާޚިރަތް ދުވަހު އެކަމުގެ ބަދަލު ދޭންޖެހިދާނެ ކަމަށް ބިރުވެތިވާށެވެ! ﷲ ތަޢާލާ ޢަފޫ ކުރައްވަވާނީ އެކަލާނގެ ޙައްޤުތަކެވެ. މީސްތަކުންގެ ޙައްޤުތައް ޖެހޭނީ އަޑާކުރާށެވެ!

އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ އަމަލެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމާއިއެކު އެފަދަ ޢަމަލުތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ. ތިމާގެ ލޮލުން ކަރުނަ އަޅަން ޖެހޭ ފަދަ އަމަލެއް އެހެން މީހަކު ތިބާއަށް ކޮށްފިނަމަ ތިމާއަށް ކުރާނެ އަސަރަށް އަބަދުވެސް ވިސްނަމުން ގެންދާށެވެ!

އަހަރެމެންނަކީ އިންސާނުން ކަމުގައި ވީތީ މީހަކު ދެރަވާނެ ކަމެއްވެސް ކުރެވިދާނެއެވެ. އެފަދަ ކަމެއް ކުރެވުނު ނަމަވެސް ވަގުތުން މާފަށް އެދޭށެވެ! އެގޮތަށް މާފަށް އެދުމަކީ އެދުވަހުން އެދުވަހަށް ކުރަންޖެހޭނެ ކަމެއް ކަމަށް ހަދާށެވެ! އަހަރެންގެ ނަޞޭޙަތަކީ ނިދުމުގެ ކުރިން މާފަށް އެދޭ އެންމެންގެ ކިބައިން މާފަށް އެދުމެވެ.

ސަބަބުވެސް ބުނެފާނަމެވެ! ދުނިޔޭގައި ހުރެ މާފަށް އެދުނުނަމަ އޭނާ މާފުކޮށްފާނެއެވެ! ނުކުރިނަމަވެސް މާފަށް އެދުމުން ތިބާގެ ވާޖިބު އަދާވީއެވެ. މާފަށް ނުއެދެވި ހުއްޓާ ތިބާ މަރުވީއެވެ. އެހިސާބުން މާފަށް އެދުމުގެ ފުރުޞަތު ގެއްލުނީއެވެ. ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކަށް ލިބެން އޮތް ޛައްރެއްގެ މިންވަރުވެސް ނުހޯދައި ދޫކޮށްލާނެ ދުވަހެއް ނޫނެވެ.

އެދުވަހަކީ މައިންބަަފއިން ދަރިންނަށް މާފުނުކުރާނެ ދުވަހެވެ. ދަރިން މައިންބަފައިންނަށް މާފުނުކުރާނެ ދުވަހެވެ. ނަބީބޭކަލުންގެ ކިބައިން ބަދަލުހިފާނެ ދުވަހެވެ. ވީމާ މީޒާނުގައި ތިބާގެ ހެޔޮކަމުގެ ކޮޅަށް ބަރުވެފައިވަނިކޮށް އޭނާއަށް ބަދަލުޑޭންޖެހޭ ކުޑައެތިކޮޅޫ ނަމަވެސް ނަންގަވައިފިނަމަ ފާފައިގެ ކޮޅަށް ބުރަވެ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ!

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން