މައްސަލައަކީ ފާފަކުރެވުމެއް ނޫން! ތައުބާވެ އިސްތިޣްފާރުކުރުން ލަސްކުރެވޭކަން!: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
މައްސަލައަކީ ފާފަކުރެވުމެއް ނޫން! ތައުބާވެ އިސްތިޣްފާރުކުރުން ލަސްކުރެވޭކަން!: ޑރ. ނޫމާން ޢަލީ ޚާން

އަހަރެމެން މިކިޔާ ދަތި އުނދަގޫ ޙާލަތަށް ކީރިތި ޤުރްއާނުގައި ވަނީ މުޞީބާތެވެ! މުޞީބާތުގެ މާނައަށް ބަލައިފިނަމަ އެކަމެއް މެދުވެރިވާނީ ސީދާ އަމާޒަށެވެ! އަމާޒުވާން ޖެހޭ މީހަކަށެވެ! އަމާޒުވާން ޖެހޭ ބައަކަށެވެ! އަމާޒުވާންޖެހޭ ވަގުތުގައެވެ. ވީމާ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެކަން މިންވަރު ކުރެއްވެވީ ކީއްވެގެން ކަމާއިމެދު ސުވާލު ކުރުމުގެ އެއްވެސް ފުރުޞަތެއް ނުއޮންނާނެއެވެ!

މުޞީބާތަކީ ހަމައެކަނި މީސްތަކުންނަށް މެދުވެރިވާ ޠޫފާންތައް ކަމުގައި ނުދެކޭށެވެ! އިންސާނާގެ އަމިއްލަ ނަފްސުގައިވެސް މުޞީބާތްތައްވެއެވެ. ޢާއިލާތެރޭގައިވެސް މުޞީބާތްތައް ވެއެވެ. ދިރިއުޅުމަކީ މުޞީބާތުން ފުރިގެންވާ އެއްޗެކެވެ. މާލީ ގޮތުންނާއި ޞިއްހީ ގޮތުންވެސް މުޞީބާތްތައް ކުރިމަތިވާނެއެވެ!

މުޞީބާތުގައި ޙާލަތު ތަފާތުވެގެންދެއެވެ. މިސާލަކަށް ކުއްލިއަކަށް ފެންބޮޑުވީއެވެ! އެކަމަށް އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ނަމަވެސް ސުނާމީ އެއް އަރާކަމުގެ ޚަބަރުލިބުމުން ބަލަން ގޮނޑުދޮށަށްދާ މީހާއަށް ކަމެއް ދިމާވުމުން އެއީ މުޅިން ތަފާތު ޙާލަތެކެވެ.

ކުރިމަތިވާ ކޮންމެ ކަމެއް ޤަޟާ ޤަދަރާއި މަތިކުރުމެއް ނެތެވެ. އެހެނީ މީސްތަކުންނަށް މުޞީބާތްތައް ކުރިމަތިވަނީ އެމީހުންގެ އަމިއްލަ އަތުން ކުޅަ ކަންކަމުން ކަމަށް އޮތް ވަޙީ ބަސްފުޅު އެބައޮތެވެ! ވީމާ ކުރިމަތިވާ ކޮންމެ ކަމަކީ ތިމާއަށް އެއްވެސް ކަމެއް އެކަމަކާއިމެދު ކުރެވެން އޮތް ކަމެއް ނޫން ކަމަށް ޤަބޫލުކުރުމެއް ނެތެވެ.

މިސާލަކަށް ފިލާވަޅު ދަސްނުކޮށް ހުރެ އިމްތިޙާނުން ފޭލްވުމުން އެކަން ﷲ ތަޢާލާ މެދުވެރިކުރެއްވެވީކަމަށް ބުނުމެއް ނެތެވެ. ހަމައެފަދައިން ތިމާއަށް ކުރިމަތިވާ ކޮންމެ މުޞީބާތަކީ ތިމާއަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން މެދުވެރިކުރެއްވެވި މުޞީބާތެއް ކަމަށް ބަލައިގަތުމަކީވެސް ހައްދުފަހަނައަޅައި ދިއުމެވެ. ހަމަ އެފަދައިން މުޞީބާތެއް ކުރިމަތިވުމުން އެއީ މިވެނި މީހެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ޤަބޫލުކުރުމަކީވެސް ހައްދު ފަހަނައަޅައި ދިއުމެވެ.

އިތުރު މިސާލެއް ބުނަން ހެއްޔެވެ؟ މީހަކަށް ފަތިސް ނަމާދު ނުކުރެވުނީއެވެ. އެދުވަހު އޭނާ ދިއަ އިންޓަރވިޔުއަކުން ފާސްނުވީއެވެ. ވަޒީފާ ނުލިބުނީ ފަތިސް ނަމާދު ނުކުރެވުމުންކަން ނުވަތް ނޫންކަން ދެނެވޮޑިގެންވަނީ ހަމައެކނި ﷲ ތަޢާލާއެވެ. އެކަން އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ! ނަމަވެސް އަހަރެމެންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ދުވަސް ފަށަން ގަދައަޅައި މަސައްކަތްކުރުމެވެ!

ވީމާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެއް ނުކުރެވިއްޖެ ނަމަ އެކަމުން ﷲ ތަޢާލާ ޢަޛާބު ދެއްވަވަންދެން މަޑުނުކުރާށެވެ! އަވަހަށް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރާށެވެ! މުޞީބާތުން ސަލާމަތްވުމަށް އޮތް މަގަކީ އެއީކަން ޔަޤީންކުރާށެވެ!

--ޑރ. ނޫމާން ޢަލީ ޚާން ގެ ދަރުސަކުން

މިއަދު އޮންލައިން