އިސްލާމް ދީން އިންތިހާއަށް ބާރުއަޅާ އެއް ކަމަކީ މަޑުމަތިތިރިކަމާއިއެކު، ރިވެތިބަހުރުވައިން މުޢާމަލާތު ކުރުމެވެ. ވަކިވަގުތެއްގައި ވަކިތަމެއްގައެއް ނޫނެވެ. ހުރިހާ ތަނެއްގައި ހުރިހާ ވަގުތަކުއެވެ. ވަކި މީހަކާއެއް ނޫނެވެ. ކޮންމެ މީހަކާއިވެސްމެއެވެ.
ރިވެތިބަހުރުވައިން މުޢާމަލާތު ކުރުމަކީ ގޭތެރޭގަ އުފާވެރިކަން ދެމެހެއްޓުމަށް ވެސް އޮތް އެންމެ މުހިންމު ވަސީލަތް ކަމަށް މިއަދު މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ! އެކަމަށް ބާރުއަޅައެވެ. އެއީ ރިވެތި އަޚްލާޤްގެ އެންމެ މުހިންމު އެއްސިފަކަމަށް ދަރިވަރުންނަށް ކިޔަވައިވެސްދެއެވެ.
ސްކޫލްތަކުގައި ކިޔަވައިދިން ނަމަވެސް އެކަމުގެ ފައިދާ ދަރިންނަށް ކުރާނީ މައިންބަފައިން އެކަމުގައި ނަމޫނާދެއްކުމުންނެވެ. ދެމަފިރިން އެކަން ހިފެހެއްޓުމުން ދަރިންނަށް ފޯރައި އެކަމުގެ ފައިދާ ކުރާނެއެވެ! މަންމަ އާއި ބައްޕަ ރިވެތިބަހުރުވައިން އޯގާތެރިކަމާއި މަޑުމަތިރިކަމާއިއެކު ވާހަކަދައްކާނަމަ އެކަން ދަރިންނަށް ދަސްވެ ދަރިންގެ ކިބައިގައިވެސް އެކަން އަށަގަންނާނެއެވެ.
އެއާއި ޚިލާފަށް މަންމަ އާއި ބައްޕަ ހަޑިހުތުރު ބަހުރުވައި ރުޅިވެރިކަމާއި ހަރުކަށިކަމާއިއެކު ވާހަކަ ދައްކާނަމަ އެނުބައި ސިފަ ދަރިންގެ ކިބައިގައި ހަމައެގޮތަށް އަށަގަންނާނެއެވެ. މިއަދު މަގެއްގެ މަތީގައި މަޑުކޮށްލައިގެން ހުރެއްޖެނަމަ ސްކޫލްތަކުގެ ދަރިންވެސް "ޅ" ލާފައި ބަސްތައް ބުނާއަޑު މިއިވެނީ އެފަދަ ސަބަބުތަކާއި ހުރެއެވެ.
ވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ހުރިހާ މައިންބަފައިންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. އެހެނީ ރިވެތި ބަހުރުވައި މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމަށް އިސްލާމް ދީން ބާރުއަޅައެވެ. އެކަން އެނގިގެންދަނީ އަޅުގަނޑުމެންގެ ލޮބުވެތިނަބިއްޔާ ﷺ ރިވެތި ބަހުރުވައިން މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު ނޫނީ ބަސްފުޅެއް ވިދާޅުވެފައި ނުވާތީއެވެ. މުޝްރިކުން އިންތިހާއަށް ހަޑިހުތުރު ބަހުރުވައިން މުޢާމަލާތުކުރަމުންދިއައިރުވެސް މެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން