އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބެލެނިވެރިން އެމީހުންގެ ދަރިން ޤުރްއާން ކްލާސްތަކަށް ގެންދެއެވެ. ތަޖްވީދުމަގުން ރިވެތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދޭން މަސައްކަތްކުރެއެވެ. އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރެއެވެ. އެހެންކަމުން ވިސްނައިލަންޖެހޭ ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.
ގޭގައި ތިބެ އަބަދު ފިލްމްބެލުމާއި ކުޅިވަރުކުޅުމާއި އުފާކޮށް މަޖާކުރުމުގައި ގިނަ ވަޤުތު ހޭދަކުރާނަމަ އެއީ ވަރަށް ދެރަކަމެކެވެ. ޙާލަތު ބަދަލުކުރަން ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމަކީ ރިވެތިކޮށް ކީރިތި ޤުރްއާން ކިޔަވަން ފަރިތަކުރުމެވެ. ދަރިންގެ ކުރިމަތީގައި މައިންބަފައިންވެސް ޤުރްއާން ކިޔެވުމެވެ. އެކަމަށް ވަގުތުކޮޅެއް ހޭދަކުރުމެވެ. އަދި ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމުގައި އެންމެ ކުޑައިރުންސުރެ ދަރިންނަށް ނަމޫނާ ދެއްކުމެވެ.
މައިންބަފައިންނަށް ރިވެތިކޮށް ކިޔަވަން ދަސްވެފައި ނެތްނަމަ ފުރަތަމަ ޤާރީއެއްގެ ކިޔެވުން އަޑުއަހާށެވެ! އަޑުދަށުން ކިޔަވާށެވެ! އެއަށްފަހު އެކަނިވެސް ކިޔަވާށެވެ! ފުރަތަމަ އެންމެ ރަނގަޅުވާނީ އާޔަތަކުން އާޔަތަކުން ކިޔެވުމެވެ. ޤާރީ ކިޔަވާ ގޮތަށް އެންމެ އާޔަތެއް ނަމަވެސް ކިޔަވަން ދަސްކުރަން މަސައްކަތްކުރުމެވެ.
ޤުރްއާން އުނގެނުމަކީ ވަކި ޢުމުރަކަށް އޮތްކަމެއް ނޫނެވެ. މަރުވަންދެންވެސް ކުރަން އޮތް ކަމެކެވެ. ޤުރްއާން އުނގެނެން މައިންބަފައިން މަސައްކަތްކުރާތަން ދަރިންނަށް ފެންނަނަމަ ދަރިންނަށް އެކަމުން ހިތްވަރުލިބޭނެއެވެ. އުނގެނެން ޝައުޤުވެރިކަން އިތުރުވާނެއެވެ.
ވީމާ ފިލްމްބެލުމާއި ގޭމްކުޅުމާއި ސޯޝަލްމީޑިއާގައި ވަގުތުހޭދަކުރުން މަދުކުރާށެވެ! ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާށެވެ! ބެލެނިވެރިން ބޭނުންވާ ރަނގަޅު ގޮތަށް ދަރިން ތަރުބިއްޔަތުކުރެވޭނީ އެއިރުންނެވެ.
--މަޢުލޫމާތު: ޑރ. ޢަލީ ނިޝާމްގެ ބަސްފުޅަކުން