ބައެއް މީހުން އެންމެ ބޮޑަށް ދެރަވާ އެއްކަމަކީ އެމީހަކު ކުރާ އަޅުކަން ނުވަތަ އަޅުކަންކުރަން ފެށުމުން މީސްތަކުން އެކަން ބަލައި ނުގަންނާތީއެވެ. އޭނާއަކީ ކުރިން މިވެނި އެވެނި ގޮތަކަށް އުޅެފައިވާ މީހަކު ކަމަށްބުނެ ފުރައްސާރަކުރާތީއެވެ.
އެއްވެސް ޙާލެއްގައި އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ކުރިން އަޅުކަން ނުކުރެވޭ މީހާއަށްވެސް އެކަން ވިސްނި ތައުބާވުމުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އެކި މީހުންނަށް ކަންކަން ވިސްނެނީ އެކި ޢުމުރުގައެވެ. ހެޔޮމަގު ވިސްނުމާއިއެކު އޮތީ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމެވެ. ކުރާ ހެޔޮ ޢަމަލު މީސްތަކުން ބަލައި ނުގަންނާތީ ކަންބޮޑުވުމެއް ނެތެވެ! ކުރާއަޅުކަން ޤަބޫލުފުޅު ކުރައްވަވައި ޘަވާބު ދެއްވަވަނީ ﷲ އެވެ! ވީމާ އެމީހަކަށް ވެވުނު ވަރަކުން ވީހައި ގިނަ ހެޔޮ ޢަމަލު ކުރަން މަސައްކަތްކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ އެކަމަށް ހުރަސް އެޅޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.
މިވާހަކަތަކަށް ޑރ. އިޔާޟްގެ މިބަސްފުޅުން ބާރުލިބި އެކަން ޔަޤީންވެގެންދެއެވެ.
ކުރާ ކޮންމެ ކަމެއް ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ނަބިއްޔާ (ﷺ)ގެ ސުންނަތާއި އެއްގޮތަށް ކުރާށެވެ! މީސްތަކުން އެކަން ބަލައި ނުގަތް ނަމަވެސް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ސަވާބު ލިބޭނެއެވެ.
އިމާމް މާލިކްގެފާނު ވިދާޅުވިއެވެ.! "ﷲ އަށްޓަކައި ކުރެވޭ ކަންކަން ދެމިގެންވެއެވެ." އެބަހީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ކުރާ ކަންކަން ﷲ ދަމަހައްޓަވާނެތެވެ. އެނޫން ކަންކަން އިސާހިތަކު ނެތިގެން ހިނގައިދާނެއެވެ.
ކަނައަތުން ކުރާ ކަންކަން ވައަތަށްވެސް ނުއެނގޭނެ ގޮތަށް ސިއްރިޔާތުގައި ﷲ ގެ މަގުގައި ހޭދަކުރާށެވެ! ތިމާކުރާ ހެޔޮ ޢަމަލުތަކަށް ދަރުމަ އެދޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދަނީ ކުރާ ކޮންމެ ކަމެއްވެސް ކުރަމުން ގެންދަންވީ ބައަކު ރުހޭހައި ގޮތްގޮތަށް ބަދަލުކޮށްގެން ނޫން ކަމާއި ކުރާ ކޮންމެ ކަމެއް ވެސް ކުރަންވީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ނަބިއްޔާ (ﷺ)ގެ ސުންނަތާއި އެއްގޮތަށް ކަމެވެ. އެއިރުން މީސްތަކުން އެކަން ބަލައި ނުގަތް ނަމަވެސް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބު ލިބޭނެ ކަމެވެ.