އަންހެނަކަށްވީތީ ދީނުގެ ޢިލްމް އުނގެނެން ފަސްނުޖެހޭށެވެ! ރަސޫލް ޞޢވ އަންހެނުންނަށް އުނގަންވައިދެއްވަވަން ޚާއްޞަ ސެޝަންތައް ނަންގަވައި ދެއްވެވި!

ކިޔުމަށް ހޭދަވާނީ 6މ 27ސ
އަންހެނަކަށްވީތީ ދީނުގެ ޢިލްމް އުނގެނެން ފަސްނުޖެހޭށެވެ! ރަސޫލް ޞޢވ އަންހެނުންނަށް އުނގަންވައިދެއްވަވަން ޚާއްޞަ ސެޝަންތައް ނަންގަވައި ދެއްވެވި!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللهِ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ  :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّيَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. )

އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި ތިމަންމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަރިހަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ!" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ." ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ." އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ” "ދެކުދިންވެސް ތޯއެވެ؟" އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު 2 ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ދެކުދިންވެސް" "ދެކުދިންވެސް" “ދެކުދިންވެސް” (މެއެވެ)

އިސްލާމްދީނުގައި ޢިލްމު އުނގެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ މަޤާމް ވަރަށް މަތިވެރިއެވެ.

އިސްލާމްދީނުގައި އެތައްބައިވަރު އަންހެން ޢިލްމުވެރިން އުފެދިފައިވެއެވެ.

އެންމެ ފުރަތަމަ ކީރިތި ޤުރްއާނުގެ ބާވައިލެއްވުނު ޢަލަޤް ސޫރަތުގެ 5 އާޔަތް ވެސް ބާވައިލެއްވުނީ ޢިލްމާ ބެހޭގޮތުންނެވެ. 

﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْإِنسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ * الَّذِي عَلَّمَ بِالْقَلَمِ * عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ﴾

މާނައީ: "ކަލޭގެފާނުގެ ވެރި ރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ގަނޑު ލޭކޮޅަކުން ﷲ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ކަލޭގެފާނުގެ ވެރި ރައްބަކީ އެންމެ ދީލަތިވަންތަ އިލާހެވެ. ﷲ އީ ޤަލަމުން (ލިޔަން) އުނގަންނަވައިދެއްވި އިލާހެވެ. އިންސާނާއަށް އޭނާއަށް ނޭނގޭ ކަންކަން އެއިލާހު އުނގަންނަވައި ދެއްވިއެވެ."

 

 

މިއަދު އޮންލައިން