މޫސާގެފާނާއި މަލަކުލްމައުތުގެފާނު:
މޫސާގެފާނުގެ އަރިހަށް މަލަކުލްމައުތުގެފާނު ވަޑައިގެންނެވުމުން މޫސާގެފާނު، މަލަކުލްމައުތުގެފާނުގެ ލޯފުޅުގައި ޖައްސަވާ ލޯފުޅު ކަނުކޮށްލެއްވި ވާހަކަ އަކީ ޞައްޙަ ޙަދީޘުން ސާބިތުވާ ކަމެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
[ މަލަކުލްމައުތު މޫސާގެފާނުގެ އަރިހަށްވަޑައިގެން ދެންނެވިއެވެ. [ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަށް ކަލޭގެފާނު އިޖާބަދެއްވާށެވެ.] (އެބަހީ: ތިމަންކަލޭގެފާނު މިވަޑައިގަތީ، ކަލޭގެފާނުގެ ފުރާނަފުޅު ހިއްޕަވާށެވެ.!) ނަބިއްޔާ ހަދީޘް ކުރެއްވިއެވެ. [މޫސާގެފާނު މަލަކުލްމައުތުގެ ލޯފުޅުގައި ޖައްސަވައި، އެކަލޭގެފާނުގެ ލޯފުޅު ކަނުކޮށްލެއްވިއެވެ. ދެން މަލަކުލްމައުތު މާތްﷲ ގެ ޙަޟްރަތަށް ވަޑައިގެން ދެންނެވިއެވެ. [އިބަރަސްކަލާނގެ ތިމަންކަލޭގެފާނު ތިޔަ ފޮނުއްވެނީ މަރުވުމަށް އެދިވަޑައިނުގަންނަވާ އަޅެއްގެ ގާތަށެވެ.]
ދެން މާތްﷲ މަލަކުލްމައުތުގެ ލޯފުޅު ރަނގަޅުކޮށްދެއްވައި އެންގެވިއެވެ. [ތިމަންރަސްކަލާނގެ އަޅާގެ ގާތަށްވަޑައިގެން ދަންނަވާށެވެ. ކަލޭގެފާނު ދިރިހުންނެވުމަށް އެދިވަޑައިގަންނަވަނީތޯއެވެ؟ އެހެންކަމަށްވަނީނަމަ، ކަލޭގެފާނުގެ އަތްޕުޅު ގެރިއެއްގެ ބުރަކަށިމަތީގައި ބާއްވާށެވެ. އަތްތިލަފުޅުން ޖެހޭ ކޮންމެ ކެހެރިއެއްގެ ބަދަލުގައި އެއް އަހަރު ކަލޭގެފާނު ދިރި ހުންނަވާ ހުއްޓެވެ.]
މަލަކުލްމައުތު ވަޑައިގެން މިވާހަކަފުޅު މޫސާގެފާނުގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [ދެން އޭގެ ފަހުގައި ވާނީ ކިހިނެއްތޯއެވެ؟] މަލަކުލް މައުތު ދެންނެވިއެވެ. [ދެން އޭގެފަހުން ކަލޭގެފާނު އަވަހާރަވާ ހުއްޓެވެ.] މޫސާގެފާނު ދެންނެވިއެވެ. [އެހެންވެއްޖެނަމަ، މީގެ ކުޑައިރުކޮޅެއްފަހުން ތިމަންކަލޭގެފާނުގެ ފުރާނަފުޅު ގެންދަވާށެވެ.] އޭ މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހިލަކޮޅެއް އެއްލުމުން ބައިތުލް މަޤުދިސަށް ދާހައި ކައިރިކޮށްދެއްވާންދޭވެ.!]
މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނު އެތަނުގައި ހުންނެވިނަމަ، މަގުގެ އެއްފަރާތުގައި الكثيب الأحمر ގެ ކައިރީގައިވާ މޫސާގެފާނުގެ ޤަބުރުފުޅު ދެއްކެވީމުހެވެ.] {صحيح مسلم، كتاب الفضائل، باب مِنْ فَضَائِلِ مُوسَى صلى الله عليه وسلم ، ޙަދީޘް ނަންބަރު 5852}