އަޅުގަނޑުމެންގެ ޢާއިލީ ތަނަވަސްކަމަކީ މަންމަގެ ތަނަވސްކަމެވެ. ތިބީ 5 ބެއިންނެވެ. އެއީ ކުރަން ނުވާނެ ކަމެއް ނަމަވެސް އެއްވެސް ކުއްޖަކު މަންމައާއި ގާތްވެލައިފިނަމަ ދެން ތިބޭ ކުދިން އެކުއްޖަކާއިމެދު ނުބައި ޝައްކުތައް ކުރެއެވެ. އެހެންވެ މަންމައަށް ދޭންޖެހޭ ލޯބި ދިނުންވެސް އޮންނަނީ ބޮޑު މައްސަލައަކަށްވެފައެވެ. މިގޮތަށް ޝައްކުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ފުރަތަމަ ކަމަކަށް ގުޅުންހުރި ޙާދިސާއެއް ފާހަގަކޮށްލާނަމެވެ.
އެއީ މައިންބަފައިންގެ ގެއާއި ގޯތި ދަރިންނަށް ބަހައިދީ ހިބަކޮށްދޭން އުޅުނު އިރުއެވެ. އެއްދަރިފުޅު ވަރަށް ގިނައިން ބައްޕަ އާއި ވާހަކަދައްކާކަން ފާހަގަކުރެވުމުން ދެންތިބި ކުދިން އޭނާގެ މައްޗަށް ޝައްކުކޮށް ހަސަދަވެރިވިއެވެ. ހީކުރެވުނީ އޭނާއަށް އިތުރަށް ބައެއް ހޯދަން އުޅެނީކަމަށެވެ. ނަމަވެސް ސުވާލެއް ނުކުރެއެވެ. އެކަމުގެ އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ.
ކޯޓުގައި ޝަރީޢަތް ދިގުލަމުންގޮސް ހިނގައިގަތީ މައްސަލަ ހުށަހެޅިތާ 3 އަހަރުފަހުންނެވެ. ކޯޓަށް އެންމެން ޙާޒިރުކުރި ދުވަހު އޭނާ ބުނީ އޭނާގެ އަނބިމީހާގެ ކުޑަ ބިންކޮޅެއް އޮތުމުން މައިންބަފައިންގެ ގޯތިން ލިބެން އޮތް ބައި އެހެންކުދިންނަށް ދޫކޮށްލީކަމަށެވެ. އެއިރުންވެސް އެހެންކުދިންނަށް ލިބޭނެ ތަންކޮޅު ތަންކޮޅެއް ބޮޑުވާނެތީ ކަމަށެވެ. އަދި އެކަމަށް އެއްވެސް ބަދަލެއްވެސް ބޭނުން ނުވާ ކަމަށެވެ.
އޭނާގެ މައްޗަށް ނުބައި ތުހުމަތުކޮށް ޙަސަދަލައިގެން ތިބި ކުދިންގެ މޫނުމަތީގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. ބުނާނެ އެއްޗެއް ނުއެނގި އާގަމަވެފައި އެތައް އިރަކު ތިބެންޖެހުނެވެ. އޭނާ މައިންބަފައިންނާއި މަޝަވްރާކުރަމުން އައީ އެކަންކުރަންވެގެންކަން ވިސްނުމުންނެވެ.
އެކުވެރިންނޭވެ! އެއްވެސް އަޚަކަށް ޝައްކުކޮށް ހަސަދަލައިގެން ނުތިބޭށެވެ. ހިތުގައި ޝައްކެއް އުފެދިއްޖެނަމަ އެކަމެއްގެ ވާހަކަދައްކާށެވެ! މަޝްވަރާކުރާށެވެ! އެއްވެސް ކަމަކާއި ގުޅިގެން ރަޙިމުގެ ގުޅުން ނުކަނޑާށެވެ. ރުޅިވެ ހަސަދަލައި، ޚާއްޞަކޮށް ވާހަކަ ނުދައްކައި ތިބުމަކީވެސް ހަމަ ރަޙިމުގެ ގުޅުން ކެނޑުމުގެ ތެރެއިން ހިމެނިގެންދާނެ ކަންކަމެވެ. ރަޙިމުގެ ގުޅުން ކަނޑާ މީހުންނާއި ﷲ ތަޢާލާ ގުޅުން ކަނޑުއްވަވާނެތެވެ. އެއިރުން އެމީހަކީ ﷲ ތަޢާލާގެ ރަޙްމަތުން ބޮޑުބައެއް ބޭރުވެފައިވާ މީހަކު ކަމުގައި ވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެލިބުނީ ކިހާބޮޑު ދެރައެއް ހެއްޔެވެ؟
މިއާޔަތަށް ބިރުވެތިވާށެވެ!
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބައަކަށް ޣީބަ ނުބުނާށެވެ! ތިއަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖްރާތު: 12)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން