ކޮންމެ މުސްލިމަކަށްވެސް އެންމެ ފައިދާހުރި 2 ކަންތައް ޙާޞިލުކުރެވެން އޮތް ދުޢާ- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކޮންމެ މުސްލިމަކަށްވެސް އެންމެ ފައިދާހުރި 2 ކަންތައް ޙާޞިލުކުރެވެން އޮތް ދުޢާ- ޤުރްއާނުން-

އެންމެންވެސް މިއަދު އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ކެތްތެރިކަމަށެވެ. އެއްކބައަކަށް އެމީހުންގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ދަތިތަކާ މާލީ ދަތިކަމަށެވެ. އަނެއް ބައެއްގެ ހިތަށް ލިބެމުން އަންނަ ވޭންތަކަށެވެ! ޒަވާޖީ ޙަޔާތުގައި ކުރިމަތިވަމުން އަންނަ މައްސަލަތަކަށެވެ. ދަރިންގެ ސަބަބުން އުފުލަންޖެހޭ ތަކްލީފްތަކަށެވެ. މިހެންގޮސް ކޮންމެ މީހަކީވެސް ކެތްތެރިވާން އުނދަހޫ އެތައް ބައިވަރު ކަންތައްތަކެއް ކުރިމަތިވެފައިވާ މީހެކެވެ.  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވަނީ މަރުގެންދަވައިފާނެ ގޮތަކާއިމެދުގައެވެ. މަރުގެންދަވައިފާނެ ޙާލަތާއިމެދުގައެވެ. މިއަދު މިކަންކަމަށް މިވަނީ ކަންބޮޑުވުން އިތުރުވެފައެވެ! ފެތުރެމުންދާ ބޮޑެތި ބަލިތައް ޖެހުމުގެ އިތުރުން ގަދަވެ ސަލާމަތުން ހުރެ ގެއިން ނުކުމެގެންދާ މީހާއަށް އެކްސިޑެންޓެއްވެ ގެއަށް އަނބުރައި ނާދެވި މަރުވާން ޖެހުމުގެ މައްސަލަތައް މިދަނީ އިތުރުވަމުންނެވެ. ކުއްލިއަކަށް ހާޓްއެޓޭކްޖެހުންވެސް މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އަދި ކީއްހެއްޔެވެ؟ ދުނިޔޭގައި ފެތުރޭ ބޮޑެތި ބަލިތައް ޖެހުން މިދަނީ ގިނަވަމުންނެވެ. އެފަދަ ކަންކަމުގެ ހިތްދަތިކަން އެންމެންވެސް މިގެންދަނީ އިޙްޞާޞްކުރަމުންނެވެ.  

މި ޙާލަތަކީވެސް ކުރިމަތިވާން އޮތް ޙާލަތެއްކަން ﷲ ތަޢާލާ އެންމެ ކުރިންސުރެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން މިޙާލަތުގައި ދުނިޔޭގައި އުޅޭ މީހުންނަށްޓަކައި ﷲ ތައާލާ ވަނީ މާކުރިންސުރެ ހަދިޔާތައް ދެއްވަވައިފައެވެ. މިއީ އެކަންކަމަށް ވިސްނައި ބަލައިގަނެ ޝުކުރުވެރިވާންވީ ވަގުތެވެ!  

އަލްއަޢްރާފް ސޫރަތުގެ 126 ވަނަ އާޔަތުގައިވާ މި ދުޢާ އާއި މިފަދަ އެހެން ދުޢާތައްވެސް ކުރަމުން ގެންދާށެވެ!  

رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!" 

އެކަމަކު ބުނަން ހެއްޔެވެ؟ ހަމައެކަނި މިދުޢާކުރުމަކުން ނުފުދޭނެއެވެ. ތިމާގެ ޢަމަލުތައްވެސް އެގޮތަށް (ރަނގަޅުގޮތުގައި) ބަހައްޓަން މަސައްކަތްކުރަންވާނެއެވެ. ދުޢާކުރުމުގެ ފައިދާކުރާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން