މިކަންކަމަށް ސަމާލުކަންނުދީ ކުރާ ނަމާދުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މިކަންކަމަށް ސަމާލުކަންނުދީ ކުރާ ނަމާދުން ކުރާނެ ފައިދާއެއް ނެތް!

ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ޤަބޫލުކުރުމަށްފަހު އަދާކުރަންޖެހޭނެ އެންމެ މުހިންމު ރުކުނެވެ. ނަމާދަށް ދަރަންފަށާނީ 18 އަހަރު ފުރުމަކުންނޫނެވެ. ބާލިޣްވީންސުރެ ދާނީ ނަމާދަށް ދަރަމުންނެވެ. ހަމައެފަދައިން ކާފިރަކުނަމަ އިސްލާމްވީންސުރެ ދާނީ ނަމާދަށް ދަރަމުންނެވެ.  

އެހެންކަމަށްވުމުން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ނަމާދުކުރުމަށެވެ. ނަމާދުކުރުމަށް ސަމާލުކަން ދިނުމަކީ ހަމައެކަނި ނަމާދުކުރުމެއް ނޫނެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަންވެސް ދީގެން ނަމާދުކުރުމެވެ.  

ނަމާދުގައި އެންމެ ފުރިހަމައަށް ޚުޝޫޢަތްތެރި ނުވެވިދާނެއެވެ. ނަމަވެސް ޚުޝޫޢަތްތެރިވާން އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. ނަމާދާއިމެދު ޣާފިލުވެގެންހުރެ ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ނަމާދާއިމެދު ޣާފިލުވުމުގެ ތެރޭގައި ނަމާދާއިމެދު ނުވިސްނައި ނަމާދުން ބޭރު ވިސްނުންތަކުގައި ހުރެގެން ނަމާދުކުރުން ހިމެނެއެވެ.  

"ނަމާދުގައި ރުކޫޢާ ސަޖިދަ ފުރިހަމަކުރާށެވެ! ފަހެ ވަގުންގެ ތެރެއިން އެންމެ ނުބައި ވަގުންނަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހުން ކަމަށާއި، އެއީ އެމީހުންގެ ރުކޫޢާ ސަޖިދަ ފުރިހަމަ ނުކުރާ މީހުން ކަމަށް ޙަދީޘްގައި ބަޔާންވެގެންވޭ."   

އެންމެ ކުޑަމިނުން ރުކޫޢު ކުރުމާއި ސަޖިދަ ކުރުމުގައި ހަށިގަނޑު ބާއްވަންޖެހޭ ގޮތަށާއި ޖައްސަން ޖެހޭ ގުނަވަންތައް ޖެއްސުމަށް ވެސް ގިނަ ބައަކަށް އޮންނަނީ ސަމާލުކަން ނުދެވިފައެވެ! ގިނަ ބައަކަށް އެކަންކަން ނުވެސް އެނގެނީކަމަށްވެސްވެދާނެއެވެ.   

"ތިމަން ކަލޭގެފާނަށް އަމުރުވެވިގެން ވަނީ 7 ގުނަވަން މަތީގައި ސަޖިދަ ކުރރެއްވުމަށެވެ.  (އެ 7 ގުނަވަނަކީ) ނިތްކުރިއާއި އަދި އިތުރުއެކަލޭގެފާނުގެ އަތްޕުޅުން ނޭފަތްފުޅަށް އިޝާރާތްކުރެއްވެވިއެވެ. ދެއަތާއި ދެ ކަކުލާއި ދެފައިތިލައެވެ. އަދި އަހަރެމެންނަށް އަމުރުވެވިގެންވަނީ (ނަމާދުކުރާއިރު) އިސްތަށިގަނޑު ނުއެއްސުމަށާއި ހެދުން ބޮނޑި ނުކުރުމަށެވެ." (ޞަޙީހް ބުކާރީ: 812) 

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ނަމާދުކުރާއިރު ފައިކުރި އާއި އަތުކުރި ނުއޮޅަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުކުރާއިއރު ބަހައްޓަން ޖެހޭ ވަރަށް ފަޓުލޫނުގެ ފައިކުރި ބެހެއްޓުމުން އޮޅާކަށް ނުޖެހޭނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން