ރަސްގެފާނުގެ އަމުރަށް އަލިފާންގަނޑަށް އެއްލާލަން އުޅުމުން މަންމައަށް ފަސްޖެހެވުމުން، އެކަމަށް ފަސް ނުޖެހެން މަންމައަށް ހިތްވަރުދިން ވާހަކަ ނުދެއްކޭ ތުއްތު ކުއްޖާގެ ވާހަކަ! ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ރަސްގެފާނުގެ އަމުރަށް އަލިފާންގަނޑަށް އެއްލާލަން އުޅުމުން މަންމައަށް ފަސްޖެހެވުމުން، އެކަމަށް ފަސް ނުޖެހެން މަންމައަށް ހިތްވަރުދިން ވާހަކަ ނުދެއްކޭ ތުއްތު ކުއްޖާގެ ވާހަކަ! ޤުރްއާނުން

އެންމެ ބާރުގަދަ ލޯތްބަކީ މައިވަންތަކަމުގެ ލޯބިކަމަށް ބުނެވޭ ބަހުގައި އެއްވެސް ދަލީލެއްވޭތޯ؟ 

ކިޔުންތެރިޔާ ތިއަ މާނަކުރައްވާ ދަލީލަކީ އެކަމުގެ ހެކިތައް ކަމުގައިވާނަމަ ހެކިތައް ބައިވަރެވެ. އެންމެ ޢާންމު ހެކިތަކުގެ ތެރޭގައި މައިން ނުކައި ތިބެވެސް ދަރިންނަށް ކާންދިނުމާއި ކިތަންމެ ގިނަ ރެއެއްގެ ނިދި ދަރިއަކަށްޓަކައި ނަގާލަން ޖެހުނަސް ކަންބޮޑުނުވުމާއި އަމިއްލަ ބޭނުންތައް ނުފުއްދައި ދަރިންގެ ބޭނުންތައް ފުއްދައިދިނުން ފަދަ ކަންކަން ހިމެނެއެވެ. 

އަދި އެކަން އެނގިގެންދާ ވަރަށް ގިނަ ޙާދިށާތައް އިސްލާމް ދީނުން ފެންނަން އެބަހުއްޓެވެ. ތިރީގައިއެވަނީވެސް އެކަން އެނގިގެންދާ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އިން ޝާ ﷲ 

އަލިފާނުން އަންދައިލުމަށްޓަކައި އަލިފާން ރޯކޮށްފައިވާ ވަޅުގަނޑަކަށް އެއްލައިލަން އަންހެނަކާއި އޭނާގެ ވާހަކަ ނުދެއްކޭ ތުއްތު ދަރިފުޅު ގެންދެވުނެވެ. އެއީ އެއަންހެން މީހާއަކީ ކަލަކު ކަމަށް ދައުވާ ކުރަމުން ދިއަ ރަސްގެފާނުގެ ކަލާނގެވަންތަކަން ޤަބޫލުނުކޮށް، ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ހުރި އަންހެނަކަށް ވީތީ އެވެ. 

މައިންނަކީ ދަރިންގެ މައްޗަށް ހިތުގައި ޚާއްޞަ އޯގާތެރިކަމަކާއި ލޯތްބެއް ލިބިގެންވާ ބައަކަށްވާތީ އަލިފާނަށް އެއްލައިލަން އުޅުނު ވަގުތު ދަރިފުޅުގެ މޫނަށް ބަލައިލުމަށްފަހު ފަސްޖެހެވޭ ގޮތް ވިއެވެ. (އީމާންކަމާއި ދުރަށް ޖެހެވެން، ބޭރުފުށަށް ނަމަވެސް އުޅެވުނެވެ.) 

އެ ކުއްޖާއަކީ ވާހަކަ ޢާންމުކޮށް ނުދެކެވޭ އުމުރުގައި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވެވި 3 ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. 2 ވަނަ ކުއްޖަކީ ޢީސާގެފާނެވެ. 

އެހިނދު އެ ކުއްޖާ އޭނާގެ މަންމައަށް ބުންޏެވެ. "ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ދާދި ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ." 

ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާތީ އަންދައިލެވުނު އެންމެންނަކީ ޝަހީދުންނެވެ. ބަރުޒަޚުގެ ޢާލަމުގައި އެމީހުންނަކީ ދިރިތިބި ބައެކެވެ. އެމީހުންނަކީ ޤިޔާމަތް ދުވަހު ޝަޙީދުންގެ ދަރަޖަ ލިބުމުގެ އުފާވެރިކަން ލިބިގެންދާނެ ބައެކެވެ. 

މިވާހަކަ އާއި މިފަދަ އެތައް ހާދިސާތަކެއްގެ ވާހަކަތައް ހިމެނޭ އަލްބުރޫޖު ސޫރަތުގެ ތަފްސީރު ބަޔާންކުރައްވަމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތް ކުރާ މީހުން ދެކެ އަބަދުވެސް ނުބައި ނުލަފާ ޖައްބާރުވެރިން ނަފްރަތު ކުރާނެ ކަމަށެވެ. އަދި ހެޔޮލަފާ ޞާލިޙް ވެރިން ދީނުގެ ޢިލްމުވެރިންނަށް ޤަދަރުކޮށް ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތްކުރާ މީހުން ދެކެ ލޯބިވާނެ ކަމަށެވެ. އިސްލާމް ދީނަށް އިޙްތިރާމް ކރާނެ ކަމަށާއި އިސްލާމް ދީނުގެ މަގަށް ގޮވާލާ މީހުން ދެކެ ލޯބިވާނެ ކަމަށެވެ. 

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ އެ ސޫރަތުގައި ހިމެނޭ، ރަސްގެފާނުގެ ކަލާނގެވަންތަކަން ޤަބޫލުނުކުރި މުއުމިނުން އަލިފާންރޯކޮށްފައިވާ ވަޅުގަނޑަކަށް އަޅައި އަނދައިލި ގޮތުގެ ތަފްސީރު ބަޔާންކުރައްވަމުންނެވެ. އެމީހުން ވަޅުގަނޑަށް އުކައި އަނދަމުން ދިއައިރު އެތަން ބަލައި ހީނ އުފާކުރަން ތިބި ނުބައި ނުލަފާ ޖައްބާރުންގެ ވާހަކަތައް ބަޔާންކުރައްވަމުންނެވެ.

"ވަޅުގަނޑުގެ އެކުވެރިންނަށް ލަޢްނަތް ލެއްވިއެވެ. (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. މުއްމިނުންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި ޙާލުގައެވެ. އަދި ޢަޒީޒް ވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲ އަށް އެއުރެން އީމާންވާކަމަށްޓަކައި މެނުވީ، އެ ކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްބުރޫޖް: 4،5،6،7،8،9)  

ދަރުސްގެ ވީޑިއޯ: 

https://www.youtube.com/watch?v=cZLgs5rVVLo&feature=youtu.be

 

މިއަދު އޮންލައިން