ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިގެންވީނަމަވެސް ކެވޭނީ ބަނޑުގައި ޖާގަހުރި ވަރަކަށެވެ. އަދި ޞިއްޙީ ސަބަބުތަކާއި އެހެންވެސް ކަންކަން މެދުވެރިވެ އަތުގައި ފައިށާހުރިނަމަވެސް އަދި ބަނޑުގައި ޖާގަހުރިނަމަވެސް ކިރިޔާ ފުދޭވަރުގެ ކުޑަކުޑަ މިންވަރެއް ކައިގެން ހުންނަން އެބަޖެހެއެވެ. އަދި ތިމާއަށް އެންމެ މީރު ތަކެތި ނުކެވޭ ޙާލަތުވެސް ކުރިމަތިވެއެވެ.
މިކަންކަން އެނގެނީ ތަނަވަސްކަން ކިތަންމެ ބޮޑަށް ލިބިފައިވީނަމަވެސް އެންމެ ކުޑަމިނުން ތިމާ ބޭނުންވާ މިންވަރަށް ތިމާ ބޭނުންވާ އެއްޗެއް ކައިލެވެންވެސް ނެތްކަމެވެ. ވީމާ ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! މިރޭގެ ދަރުސް ފަށަމުން ފުރަތަމަ ކަމަކަށް މިބުނަނީ ވަރަށް ޢިބްރަތްތެރި 3 ވާހަކަކޮޅެވެ. ނުވަތަ މިދެނީ 3 ނަޞޭޙަތެވެ!
ފުރަތަމަ ވާހަކަކޮޅަކީ "ފަތިސް ނަމާދަށް ހޭލެވުނުއިރު، ނަމާދަށް ދާން ލާނެ ހެދުމަކާއި އަރާނެ ފައިވާނަކާއި ވުޟޫކުރާނެ ފެންހުރެފައި ނަމާދުން އަވަދިވެގެން އައިސް ހައިހޫނުކަން ފިލުވައިލަން ކައިލާނެ އެތިކޮޅެއް ހުރެއްޖެ ނަމަ ތިބާޢަކީ މުއްސަންޖެކެވެ. ﷲ އަށް ޝުކުރުވެރިވާ ޙާލު ރިޒުޤު ހޯދަން މަސައްކަތްފަށާށެވެ!"
ދެވަނަ ވާހަކަކޮޅަކީ "ނަސަބާ ޙަސަބުން އެއްވެސް މަތިވެރިކަމެއް އޮތް ނަމަ އަބޫ ޖަހުލު މަތިވެރިވީހެވެ! ބާރާއި ފައިސާވެރިކަމުން އެއްވެސް މަތިވެރިކަމެއް އޮތް ނަމަ ޤާރޫނާއި ނަމްރޫދާއި ފިރުއަޢުނު ހާދަ ބާރުގަދަވީހެވެ! މަތިވެރިކަން ބޭނުންނަމަ ޢިބްރަތް ޙާޞީލުކޮށް ތަޤްވާވެރިކަން އިތުރުކުރާށެވެ!"
ތިންވަނަ ވާހަކަކޮޅަކީ ﷲ ނޫން ފަރާތަކުން ވާގި އެދޭނަމަ އެމީހަކު އެ ވާގިއެދޭ ގޮތަކަށް ﷲ އެމީހަކު ދޫކޮށްލައްވަވައިފާނެތެވެ! ތިބާ އެމީހެއްގެ ކިބައިން ވާގިއެދުނު މީހާ ތިބާއަށް އެހީނުވެ ދޫކޮށްލައިފާނެތެވެ! ނަމަވެސް ﷲ ގެ ޙަޟްރަތުން ވާގި އެދޭ މީހާ، ﷲ ދޫކޮށް ނުލައްވަވާނެތެވެ! އިން ޝާ ﷲ"
މި 3 ބަސްކޮޅުވެސް މިގުޅެނީ އެއްކަމަކާއިއެވެ. އެއީ ﷲ ތަޢާލާ އަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވުމާއި ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދުވަސްފެށުމާއި ތަނަވަސްކަމަކީ ހަމައެކަނި އަތުގައި ފައިސާ އިތުރުވުން ނޫންކަމެވެ. ހަމައެއާއިއެކު މީހާގެ ނަޞަބަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމެވެ.
މީސްތަކުންނޭވެ! ފިރުއަޢުނަށާއި ނަމްރޫދަށާއި ޤާރޫނަށް ނުދެއްވަވަނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ ނަމަވެސް އެމީހުންގެ ކަންކަން ނިމިދިއަ ގޮތް ޤުރްއާނުން އެއޮތީ އެނގޭށެވެ. އެމީހުންނަށް ދެއްވެވި ތަނަވަސްކަމާއި އާރާއި ބާރުވެގެންދިއައީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބަށް އެމީހުން ހުށަހޮޅިގެންދިއަ ސަބަބަށެވެ.
ވީމާ "ފަތިސް ނަމާދަށް ހޭލެވުނުއިރު، ނަމާދަށް ދާން ލާނެ ހެދުމަކާއި އަރާނެ ފައިވާނަކާއި ވުޟޫކުރާނެ ފެންހުރެފައި ނަމާދުން އަވަދިވެގެން އައިސް ހައިހޫނުކަން ފިލުވައިލަން ކައިލާނެ އެތިކޮޅެއް ހުރެއްޖެ ނަމަ ތިބާޢަކީ މުއްސަންޖެކެވެ. ﷲ އަށް ޝުކުރުވެރިވާ ޙާލު ރިޒުޤު ހޯދަން މަސައްކަތްފަށަން" ބުނި ބަހުގައި ބާރަށް ހިފަހައްޓާށެވެ! ދުނިޔޭގައިވެސް އާޚިރަތުގައިވެސް ކާމިޔާބުލިބިގެންވާ ނަޞީބުވެރިއަކަށް ވެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން