ޒަވާޖީ ޙަޔާތަށް ބެލިނަމަވެސް އުފާވެރިކަން ލިބޭނީ އުފާވެރިކަން ހޯދަން މަސައްކަތްކުރުމުންނެވެ. އުފާވެރިކަން ހޯދަން ކުރަން އޮތް ކަމަކީ އަނެކާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ކަނޑައަޅައި އެކަންކަން ކުރަން މަޖުބޫރުކުރުވުމެއް ނޫނެވެ.
ފުރަތަމަ ކަމަކަށް ބައިވެރިޔާއަށް އުފާވެރިކަން ލިބެނީ ކޮންކޮން ކަންކަމަކުންކަން އޮޅުންފިލުވައި ދެނެގަންނާށެވެ! ތިބާގެ ކިބައިގައި ކުޅަދާނަކަންހުރި މިންވަރަކުން ބައިވެރިޔާއަށްޓަކައި އެކަންކަން ތިބާ ކޮށްދޭށެވެ! ބައިވެރިޔާއަކީ ހެޔޮލަފާ މީހަކުނަމަ އެކަންކަމަށް ތިބާއަށް ބަދަލުދޭނެއެވެ. ތިބާއަށް އުފާވެރިކަން ލިބޭނެ ކަންކަން ކޮށްދޭނެއެވެ.
ދެން އޮތީ ބައިވެރިޔާ ތިބާއަށް ބަދަލު ނުދިނުމެވެ. އެކަމަށްވެސް ކަންބޮޑުނުވާށެވެ! ބައިވެރިޔާ އުފާކޮށްދޭން މަސައްކަތްކުރުމަކީ ﷲ ތަޢާލާ ތިބާގެ މައްޗަށް ކުރަން ވާޖިބުކުރައްވަވާފައިވާ ކަމެކެވެ. އެވާޖިބު ތިބާ އަދާކުރުމުން ތިބާއަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. ތިބާއަށް އުފާވެރިކަން ދެއްވަވާނެތެވެ.
ތިމާގެ ކުށެއް ނެތި އެކަނިވެރިވާންޖެހިއްޖެނަމަ މާއުފާވެރި ދިރިއުޅުމެއް މިންވަރުކުރައްވަވާ ކަމާއިމެދު ވިސްނައިލިނަމަވެސް މިދެއްކި ވާހަކަކޮޅުގެ ޙަޤީޤަތް އެނގިގެންދާނެއެވެ. ދިރިއުޅުމުގައި (ޒަވާޖީ ޙަޔާތުގައި) މުހިންމީ މީހާއެއް ނޫނެވެ. އުފާވެރިކަމާއިއެކު ދިރިއުޅެވުމެވެ. ވީމާ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ ބަދަލުވެދާނެއެވެ. ނަމަވެސް އުފާވެރިކަން ދެއްވަވާނެތެވެ. އެއީ ޔަޤީން ކަމެކެވެ. އިން ޝާ ﷲ
- ޑރ. ޢަބްދުﷲ