ﷲ ތަޢާލާ އާއިމެދު ޝައްކުތައް އުފައްދުވާއިރު: ޢިލްމީ ގޮތުން މިހާ ކުރިއަރައިދިއައިރުވެސް އެންމެ ކުޑަމިނުން މިކައުނުގައިވާ ޙަޤީޤަތްތައްވެސް ހޯދިފަ ނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 2ސ
ﷲ ތަޢާލާ އާއިމެދު ޝައްކުތައް އުފައްދުވާއިރު: ޢިލްމީ ގޮތުން މިހާ ކުރިއަރައިދިއައިރުވެސް އެންމެ ކުޑަމިނުން މިކައުނުގައިވާ ޙަޤީޤަތްތައްވެސް ހޯދިފަ ނުވަނީ ކީއްވެ؟

ޢިލްމީ ގޮތުން ދުނިޔެ ކުރިއަރައި ހިނގައްޖެއެވެ. ކުރިން ޢުމުރު ދުވަހު އުނގެނިގެން ނޫނީ ނުލިބޭ މަޢުލޫމާތު މިއަދު ހިނދުކޮޅެއްގެ ތެރޭގައި އެބަ ހޯދެއެވެ. ޑޮކްޓަރުން އެހެން ޤައުމުތަކުގައި ތިބޭ ބަލިމީހުންގެ ބޮޑެތި އޮޕަރޭޝަންތައް އެބަކުރެއެވެ. މިހެންގޮސް ކިތަންމެ ކަންކަމެއްގެ ވާހަކަތައް ދެއްކިދާނެއެވެ.  

އެހެނަސް މިކައުނުގައިވާ ކަންކަމުގެ ޙަޤީޤަތް އަދިވެސް ނުހޯދެއެވެ. އެންމެ ކުޑަމިނުން ދުނިޔެއިން ފެންނަ ކަންކަމުގެ ޙަޤީޤަތްވެސް ނުހޯދެއެވެ. ޙަޤީޤަތް އެތައް ކަންތައްތަކެއް ދުނިޔޭގައި އެބަވެއެވެ. ޙަޤީޤަތް ހޯދަން މަސައްކަތްކުރާ ސައިންޓިސްޓުން ދަނީ އިސްލާމްވަމުންނެވެ.  

ސުވާލަކީ މިހުރިހާ ކަމަކުންވެސް އެނގި ވަޤީންވާ ކަންތައް ޤަބޫލުކުރަން އިންސާނުން ފަސްޖެހެނީ ކީއްވެގެންހެއްޔެވެ؟ މިކަންކަމުގެ ވަރަށް ގިނަ މަޢުލޫމާތާއި ސަބަބުތައް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މިކައުނު ހައްދަވާ ތަދްބީރު ކުރައްވާ ފަރާތަކީ އެއިލާހުކަން ދެނެގަތުމަށްޓަކައި އޮތް އެންމެ ފަސޭހަ މަގަކީ އިންސާނާއަށް ލިބިގެންވާ ސަލާމަތް ބުއްދީގެ މަގެވެ. އިންސާނާ އޭނާގެ ސިކުނޑި ބޭނުންކޮށްގެން ވިސްނުމުން އެނގޭ ކަމަކީ މިކައުނުގައި ޢަޖައިބު ކަންތައްތަކެއް ވާކަމެވެ. ވަރަށް ޢިލްމުވެރި ފަރާތަކަށް ނޫނީ ނުގެނެވޭފަދަ އެނގުންތަކެއް ކައުނުގައިވާ ހުރިހާ މާއްދާއެއްގައިވެސް އެކުލެވިގެންވާކަމެވެ. އާދެ މިކައުނު ހެއްދެވި ކުޅަދުންވަންތަ ފަރާތެއް ވާކަމެވެ. 

އަހަރެމެންގެ ވަށައިގެންވާހާއި ދިރޭ ތަކެއްޗާއި ނުދިރޭ ތަކެއްޗާއި ކައުނަށް ނަޒަރު ހިންގާލާއިރު އެނގޭ ކަމަކީ މިހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން އުފައްދަވާ، ތަދުބީރުކުރައްވައި، ރިޒްޤުދެއްވާ ކުޅަދުންވަންތަ، ޙިކްމަތްވަންތަ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހެއް ވާކަމެވެ.

ފުރިހަމަ ނިޒާމުތަކުން ފުރާ ފުރިހަމަވެފައިވާ މިކައުނަކީ އެއްވެސް ޚާލިޤެއް ނެތި “އަމިއްލައަށް” ނުވަތަ “ޗާންސަކުން” އުފެދިފައިވާ ކައުނެއްކަމުގައި މުލްޙިދުން ނުވަތަ އެތީސްޓުން ދަޢުވާކުރެއެވެ. މިބައިމީހުންގެ މިދަޢުވާއަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބާޠިލް ދަޢުވާއެކެވެ. ދުނިޔޭގައި މިވާ ހުރިހާ ތަކެއްޗަކީ އެއްވެސް އަޞްލެއް މަޤްޞަދެއް ނެތި ވާތަކެތި ކަމުގައި ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މިކައުނުގައި ހިނގަމުން މިދާ ހުރިހާ ކަމަކީ ހަމަ އެއްވެސް ބޭނުމެއް ނުވަތަ މާނައެއް ނެތް އަދި އެކަންތައްތައް ރާއްވަވައި ހަމަޖައްސަވާ ފަރާތެއް ނެތި ހަމަ އަމިއްލައަށް ހިނގަމުންދާ ކަންތައްތަކެއް ބާވައެވެ؟

އެތީސްޓުންގެ މި ވަހުމީ ނަޒަރިއްޔާއަކީ ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް ނަޒަރިއްޔާއެކެވެ. އަދި ކިއެއްތަ އެމީހުން މި ފުރިހަމަ ނިޒާމު ނިސްބަތް ކުރަނީ “ތަބީޢަތް” ނުވަތަ “ބައި ޗާންސް(އިއްތިފާޤް) އަދި “ބޭނުމެއްޖެހިގެންވުން” ފަދަ ކަންތައްތަކަށެވެ. 

މިކައުނު އުފެދުނީ ތަބީޢަތުންކަމަށް ބުނާމީހުން އެބުނަނީ ތަބީޢަތް އޭގެ ނަފްސު އަމިއްލައަށް އުފައްދާ އެތަބީޢަތުގެ މަތިން ހުރިހާ އެއްޗެއް އުފެއްދީކަމުގައެވެ. ބުއްދިހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެފަދައިން މާއްދާއެއް އެމުނިއެކުލެވުމަށްޓަކައި އޭގެ ބައިތަކާއި ތަބީޢީ ސިފަތައް އޭގައި ލައްވާނޭ ފަރާތެއް ވާންޖެހެއެވެ. 

ދެންއޮތީ އިއްތިފާޤަކުން ނުވަތަ ބައި ޗާންސަކުން މިދުނިޔެ އުފެދުނު ކަމަށް މުލްޙިދުން ކުރާ ބާޠިލު ދަޢުވާއެވެ. މިތިއަރީ އެކުލަވާލުމުގައި މުލްޙިދުން ބޭނުންކުރަނީ މިލިޔަން މިލިޔަންގެ ބޮޑެތި ޢަދަދުތަކެވެ. އެގޮތުން އެތައް ޒަމާނެއް ކުރިން މިކައުނު އުފެދި ޙަޔާތް ތަރުތީބު ވަމުން އައިސް މިހާ ފުރިހަމަކޮށް ތަރުތީބުވެފައިވާ ކަމުގައި މިވެރީން ޤަބޫލުކުރެއެވެ. އިންތިޒާމު ކުރައްވާ ފަރާތެއް ނެތި އިންތިޒާމްވަނީ ކިހިނެއްބާއެވެ؟ 

ދިރޭ ކާއިނާތުތައް ތަފާތުވެގެން ތަރައްޤީވެގެން އައީ ކުޑަކުޑަ ތަރައްޤީވެފައިނުވާ ކާއިނާތަކުން ކަމަށް މުލްޙިދުން ބުނެއެވެ. އަދި މިގޮތުން އަންނަ ކޮންމެ ބަދަލަކީ ކޮންމެވެސް ބޭނުމެއް ޖެހިގެން އަންނަ ބަދަލެއްކަމަށްވެއެވެ. އެގޮތުން މިސާލަކަށް އެބައިމީހުން ނަގާފައިވަނީ ޒަރާފާގެ ކަނދުރާ ދިގުވީގޮތަކީ މައްޗަށް ހެދިފައި ހުންނަ ގަސްގަހުން ކަރުދަމައިގެން އޮވެގެން ކާންޖެހުމެވެ. ހިނިއަންނަ ޒާތުގެ ވާހަކައެއް ދެއްތޯއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ އެމީހުންގެ ވިސްނުން ހުންނަވަރެވެ.

އަދި މިމީހުން ޤަބޫލުކުރާގޮތުގައި އިންސާނާއަކީވެސް މިއުޞޫލުން އެތައް ޒަމާންތަކެއް ވޭތުވުމުގެ ތެރޭގައި "ފުރޮޅިފައިވާ" ނުވަތަ "އިވޯލްވެފައިވާ" ޙައިވާނެކެވެ.

މިއަދު މުޅިދުނިޔޭގައި އުޅޭ އެންމެހާ އިންސާނުންގެ ތެރެއިން ދީންޤަބޫލުނުކުރާ، ނުވަތަ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުންނަކީ ވަރަށް މަދު ޢަދަދެއްގެ ބައެކެވެ. މިފަދަ މީހުންނަކީ މާތްވެގެންވާ އިސްލާމްދީން އައުމުގެ ކުރީގައިވެސް އުޅުނު ބައެކެވެ. 

އެބައިމީހުން ބުނެ އުޅޭ ކަމަށް ޖާހިލިއްޔަ ޒަމާނުގެ ޝިޢުރެއްގައިވެއެވެ. وما نحن إلا أرحام تدفع ، وأرضٌ تبلع

"އަހަރެމެންނަކީ ހަމައެކަނި ރަޙިމަކުން މިބިންމައްޗަށް އުފަންވާ އަދި އެއަށްފަހު އެބިންގަނޑުގެ ތެރެއަށް ވަދެގެންވާ ބަޔަކީމެވެ." 

މިބައިމީހުންނަކީ ހަމައެކަނި ހީއެއްގެ މައްޗަށް ބުރަވާ ބައެއްކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ  إِنْ هُمْ إِلَّا يَظُنُّونَ ﴿الجاثية٢٤﴾

މާނައީ: "އެމީހުން ބުންޏެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް ޢިލްމެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ." 

ދެވަނަ ގޮތަކީ މިކައުނު އަމިއްލައަށް ޤަޞްދާއި އިރާދައިން އޭގެ މާއްދާ އުފެދިގެން އައުމެވެ. މާއްދާގެ އެކިއެކި ބައިތައް އެތަކެތި އަމިއްލަ ނަފްސުން އިރާދައާ އެހީތެރިކަމާއެކު އުފެދި ފުރިހަމަ ވުމެވެ. އެހެނީ އަމިއްލަ ވިސްނުމާއި ކުޅަދާނަކަމުން މަޚްލޫޤުން އަމިއްލައަށް އުފެދުމެވެ.

އިސްވެދިޔަ ދެގޮތަކީވެސް ބާޠިލުދެގޮތްކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. 

أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿ الطور٣٥﴾

މާނައީ: "އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟" 

އެހެންކަމުން އެތީސްޓުން ނުވަތަ މުލްޙިދުން މިކުރާ ދަޢުވާތަކަކީ ބާޠިލު ދަޢުވާތަކެކެވެ. އެ ދަޢުވާތަކުގައި އެއްވެސް އޮއްޓަރެއް ފަންވަރެއް ނެތް ދަޢުވާތަކެކެވެ. ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް އެއްޗެކެވެ. 

ބުއްދި އިންސާނާކައިރީ ބުނެދޭގޮތުގައި ވުޖޫދުގައިވާ ކޮންމެ އެއްޗެއް ވުޖޫދުކުރައްވާ ފަރާތެއް ވާނެއެވެ. ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފަރާތެއް ވާނެއެވެ. ﷲ ވޮޑިގެންވާކަމުގެ ހެއްކަކީ ކޮބާތޯ އަޢުރާބީއާ ސުވާލުކުރުމުން އަޢުރާބީ ބުންޏެވެ. 

البِعْرَةُ تَدُلُّ عَلَى الْبَعِيْرِ، وَالأَثَرُ يَدُلُّ عَلَى الْمَسِيْرِ، فَسَمَاءٌ ذَاتُ أَبْرَاجٍ، وَأَرْضٌ ذَاتُ فِجَاجٍ، وَبِحَارٌ ذَاتُ أَمْوَاجٍ أَلاَ تَدُلُّ عَلَى اللَّطِيْفِ الْخَبِيْرِ؟!!

ޖަމަލުގެ ފިޔަވަޅު ދަލީލުކޮށްދެނީ ޖަމަލެވެ. ފިޔަވަޅު ދަލީލުކޮށްދެނީ ހިނގާމީހާއެވެ. ބުރުޖުތައް (ތަރިތައް) ވާ އުޑެވެ. އަދި ވާދީތަކާއި ތަނަވަސް މަގުތައްވާ ބިމެވެ. އަދި ބާނިތައްވާ ކަނޑެވެ. މިހުރިހާ ކަންތައްތައް، ކީރިތިވަންތަ ޚަބީރުވަންތަ ﷲ ވޮޑިގެންވާކަމަށް ދަލީލު ނުކުރޭ ހެއްޔެވެ؟ 

މީހުންނާ މުދާ އަރުވައިގެން ބަރާކޮށްފައިވާ ނަވެއް، އެއްވެސް މާލިމީއެއް ނެތި ކަނޑުގެ އޮޔާއި ވައިގެ ތެރޭގައި ބާންޏާއި ރާޅުތަކުގެ ތެރޭގައި ދަތުރުކުރަން ދޫކޮށްލުމުން އެ ނައު ރައްކާތެރިކަމުގެ އައްސޭރިއަކަށް ގެންގޮސްދެނޭ ހެއްޔެވެ؟ އެއްވެސް ބެލެހެއްޓުންތެރިއަކު ނެތި މިއޮށް ބޮޑު ކައުނު ދޫކޮށްލެވިފައިވާ ނަމަ މިކައުނުގެ ނިޒާމު އޮންނާނީ ކިހިނެއްބާއެވެ؟

ކުކުޅު ބިހަކަށް ބަލާލަބަލާށެވެ. ހުދުކުލައިގެ ތޮއްޓެއްގެ ތެރޭގައި އޮންނަ ލޮނދިގަނކެވެ. ދުވަސް ކޮޅަކުން އޭގެން އެ ނުކުންނަނީ ފިޔޮކެކެވެ. ސުބްޙާނަﷲ އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މިދުނިޔޭގައިވާ ކޮންމެ އެއްޗެއްވެސް ރަމްޒުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމެވެ.

އަހަރެމެންގެ ވަށައިގެން މިހެދޭ ގަސްގަހާ ގެއްސާއި، ފަތްޕިލާވެއްޔާއި މާމެލާމެއްޔާ މެދު ވިސްނިން ހެއްޔެވެ؟ މާމެލާމެއްޔަށް އެ ލިބިގެންވާ ޗާލުކަމާއި އެ މާމެލާމެލީގައިވާ ވަހާމެދު ފިރުކުކޮށްލިން ހެއްޔެވެ؟ އެތަކެތި އެއަށް ލިބުނީ ހަމަ އަމިއްލަށް ބާއެވެ؟ 

އެހެންކަމުން އަހަރެމެންނަށް އޮތީ އެފަރާތް ވޮޑިގެންވާކަމަށް ޤަބޫލުކޮށް، އެކަމަށް އިޢުތިރާފުވެ އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް އެއިލާހު ދެއްވި ހިދާޔަތުގެ މަތީގައި ކިޔަމަންތެރިކަމާއެކު މިދުނިޔޭގެ ވަޤުތީ ޙަޔާތުގެ މަދު ވަގުތުކޮޅު، ވަޢުދުކުރައްވާފައިވާ އުޚްރަވީ ޙަޔާތް ކާމިޔާބުކުރުމުގައި ހޭދަކުރުމެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން