ނުކުޅެދޭ ޙާލުގަ ތިބޭ މީހުންގެ އަގުވަޒަން ނުކުރުމަކީ ދުނިޔޭގަވެސް ދެރަ ގޮތްތައް މެދުވެރިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ނުކުޅެދޭ ޙާލުގަ ތިބޭ މީހުންގެ އަގުވަޒަން ނުކުރުމަކީ ދުނިޔޭގަވެސް ދެރަ ގޮތްތައް މެދުވެރިވާ ކަމެއް!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ މުހިންމުކަމުގެ ވާހަކަ ގިނަބައަކު ދައްކައެވެ. ނަމަވެސް އެހީތެރިވާންޖެހުމުން ގިނަ ބައަކަށް އޮންނަނީ އެކަން ނުކުރެވިފައެވެ. އެންމެ ކުޑަމިނުން މަގުހުރަސްކޮށްލަން އެހީތެރިވެދޭންޖެހުނަސް އެކަންވެސް އޮންނަނީ ނުކުރެވިފައެވެ. 

މިނުބައި އާދަ ނައްތައިލަން އެބަޖެހެއެވެ. ތިރީގައިވާ ލިޔުމަކީވެސް ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ދެރަ ނިކަމެތި ގޮތްގޮތަށް ކަންކަންކުރާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެކެވެ. 

އެއީ އަންހެނަކު އިސްވެހުރެ ހިންގަމުން އައި ވިޔަފާރިއެކެވެ. ވިޔަފާރި ފުޅާވަމުން އަންނާތީ އިތުރު މުވައްޒިފުން ބޭނުންވެގެން އިއުލާނުކުރުމުން ކުރިމަތިލީ 3 މީހެކެވެ. އެއީ 2 ފިރިހެނުންނާއި އަންހެނެކެވެ. 

ވެރިމީހާ ބޭނުންވަނީ ތައުލީމާއި ތަޖުރިބާގެ އިތުރުން އިންސާނިއްޔަތުކަންވެސް ހުރި މީހަކަށް ވަޒީފާދޭށެވެ. އެހެންވެ އެކަންކުރާނެ ގޮތަކާއިމެދު ސެކެޓްރީ އާއި ދެމީހުން މަޝްވަރާކުރުމަށްފަހު އެކަން ކުރާނެ ގޮތެއް ވެރިމީހާ ވިސްނިއެވެ. 

އިންޓަރވިޔުއަށް މީހުން އައިއިރު މަގުމަތީގައި އޭނާއިނީ ނުކުޅެދޭ މީހަކަށް ހެދިގެން ފުރޮޅުލީ ގޮނޑިއެއްގައެވެ. ފުރަތަމަ އައީ ފިރިހެނެކެވެ. އޭނާ އޮފީހަށް ވަންނަން އުޅުމުން ގޮވާލާފައި ބުނީ އޭނާއަކީވެސް އިންޓަރވިޔުއަށް އައިސް އިން އަންހެނެއް ކަމަށާއި ގޮނޑިކޮއްޕާލައި ދޮރުން ވައްދާލަ ދިނުމަށް އެދޭ ކަމަށެވެ. އެހެން ބުނުމުން އެމީހާ ބުނީ އޭނާއަށް ވަގުތެއް ނެތްކަމަށާއި ނުކުޅެދޭ މީހުން ރަނގަޅުވާނީ ގޭގައި ތިބުން ކަމަށެވެ. 

ދެވަނައަށް އައީވެސް ފިރިހެނެކެވެ. އޭނާގާތުގައި ހަމައެގޮތަށް އެދުމުން ދިނީ ހަމަ އެފަދަ ޖަވާބެކެވެ. 3 ވަނައަށް އައީ އަންހެން މީހާއެވެ. އޭނާއަށް އާދެވުނީ ގަޑިޖެހެން ވަރަށް ކައިރިވެފައި ހުއްޓާ ނަމަވެސް އޭނާ އެ އަންހެން މީހާއަށް އެހީތެރިވެދިނެވެ. ހަމައެކަނި ދޮރުން ވައްދައިދިނުމުގެ ބަދަލުގައި ގޮނޑި ކޮއްޕައިދީ އޮފީހުން ދާންޖެހޭ ތަނަށް ގެންގޮސްދިނެވެ. 

އެތަނުގައި ތިބެގެންވެސް 2 ފިރިހެނުން ފުރޮޅުލީ ގޮނޑީގައި އިނީތީ އޭނާއަށް މަލާމާތްކޮށް ހެދިއެވެ. ނަމަވެސް އޭނާ އެއަކަށް ޖަވާބެއް ނުދެއެވެ. އެހެން އިންދައި އިރުކޮޅަކުން ސެކެޓްރީއައިސް އޭނާގެ ގޮނޑިކޮއްޕަމުން އޭނާގެ ކޮޓަރިއަށް ގެންގޮސްފިއެވެ. 

އިރުކޮޅަކުން 3 މީހުން އެކުގައި ވެރިމީހާގެ ކޮޓަރިއަށް ވެއްދިއިރު ފުރޮޅުލީ ގޮނޑީގައި ކުރިން އިން އަންހެން މީހާ އިނީ ވެރިމީހާގެ ގޮނޑީގައެވެ. އެތަން ފެނުމުން 3 މީހުންވެސް ދިއައީ ސިއްސައިގެންނެވެ. ތިން މީހުން އިށީނުމުން އޭނާ ބުންޏެވެ. 

"އަހަރެންނަކީ ނުކުޅެދޭ މީހެއް ނޫނެވެ. އަހަރެން މިކުރީ އިމްތީޙާނެކެވެ. މިއިމްތިޙާނުން 2 ފިރިހެނުންވެސް ފޭލްވީއެވެ. ފާސްވީ އަންހެން ކެންޑިޑޭޓެވެ." 

އެހެން ބުނުމުން 2 މީހުންވެސް ބުނީ ވަޒީފާއަށް ބޭނުންވެފައި ތިބިވަރު ބޮޑުކަމުން އެގޮތަށް ކަންތައް ކުރެވުނީ ކަމަށާއި އެއީ އެމީހުންގެ އަޞްލު ސިފަ ނޫން ކަމަށެވެ. އެހެން ބުނުމުން އޭނާ ބުނީ ވަޒީފާ ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް ނުކުޅެދޭ މީހަކަށްވެގެން ފުރައްސާރަކުރަން ނުޖެހޭނެ ކަމަށެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ނުކުޅެދޭ މީހަކަށް ބަދަލުވެދާނެ މީހެއް ކަމަށެވެ. 

އެދެމީހުންނަށް ނުކުމެގެންދާންޖެހުނީ ވަރަށް ދެރަވެފައި ތިބެގެންނެވެ. ޙަޤީޤަތުގައި އެދެމީހުންގެ ތައުލީމީ ފެންވަރުވެސް މައްޗެވެ. މަސައްކަތުގެ ތަޖުރިބާވެސް މާބޮޑެވެ. ނަމަވެސް ވަޒީފާ ނުލިބުނީ އެމީހުންގެ ކިބައި އިންސާނިއްޔަތުކަން ނެތުމާއި އަމިއްލަ އެދުން ބޮޑުވުމުންނެވެ. އެހެން މީހަކަށް ވަޒީފާ ލިބިދާނެތީ ހިތުގައި ކަންބޮޑުވުން އޮތުމުންނެވެ. 

މިވާހަކައަކީ ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކައެކެވެ. އެހެންކަމުން ގިނަ ބައަކަށް މިވާހަކަ ފެނިފައިވެސް އޮވެދާނެއެވެ. އަދި ފިލްމްކްލިޕަކުން ފެނިފައިވެސް އޮވެދާނެއެވެ. އެހެންކަމާއިއެކުގައިވެސް އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިވާހަކައިން ލިބިގެންދާ ޢިބްރަތްތެރި ފިލާވަޅު އަޅުގަނޑަށް ހަމަ ބޮޑުކަމުންނެވެ. 

އެކުވެރި ކިޔުންތެރިންނޭވެ! ކިތަންމެ މޮޅަށް ޢިލްމު ލިބިފައިވީނަމަވެސް އެމީހެއްގެ ކިބައިގައި އެހެން މީހުންނަށް އެހީތެރިވުމުގެ ރިވެތި ސިފަ ނެތްނަމަ ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ސިފަ ނެތް ނަމަ އެމީހަކީ އެއްވެސް މާތްކަމެއް ހުރި މީހެއް ނޫނެވެ. މިވާހަކައިގައި ހިނގައި އެދިއަ ކަންކަން ފަދަ އެތައް ކަމެއް އަޅުގަނޑުމެންގެ ތެރޭގައިވެސް ދަނީ ހިނގަމުންނެވެ. އަޅުގަނޑު ބޭނުންވީ އެކަން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމަށެވެ.

 

- ޝާޒްލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން